ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީން އެންމެފަހުން ކުޅުނު މެޗަށްފަހު، އޭރުގެ ހާލަތުން ނަފުސަށް ގެއްލުން ދޭން ޖެހޭ ކަމަށް ބުނި ބުނަމަކީ ނުބައި ނިޔަތެއްގައި ބުނި އެއްޗެއް ނޫން ކަމަށާއި އެހެން ހީވެފައި ވާނަމަ މައާފަށް އެދޭ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ގާޑިއޯލާގެ ސިޓީގެ ނަތީޖާތައް ގޯހުން ގޯހަށް ގޮސްފައިވާ އިރު، އެޓީމުން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ފެޔެނޫޑާ އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ސިޓީން ފުރަތަމަ ތިން ގޯލު ޖަހާފައި އޮއްވައި، ފެޔެނޫޑުން ފަހަތުން އަރައި އެއްވަރުކުރީ ފަހު ވަގުތު ގޯލުތައް ޖަހައިގެންނެވެ.
އެޓީމުން އަންގާރަ ދުވަހުގެ ރޭގެ މެޗަށް ނުކުތީ ވެސް އެންމެފަހުން ކުޅުނު ފަސް މެޗުން ބަލިވެފައި އޮވެގެންނެވެ. މިއީ ގާޑިއޯލާގެ ކެރިއަރުގައިވެސް މުޅިން އަލަށް ކުރިމަތިވި އުނދަގޫ ހާލަތެކެވެ.
މެޗަށްފަހު ޕްރެސް ކޮންފަރެންނަށް ދިޔައިރު، ގާޑިއޯލާގެ މޫނުގެ ނޭފަތުގެ ކައިރިން ހަންކޮޅެއް ނެއްޓި ހަލާކުވެފައި ހުރުމުގެ އިތުރުން މުޅި މޫނު ހުރީ ތަންތަންކޮޅުން ރަތްވެފައެވެ. އެ ގޮތަށް ގާޑިއޯލާ ހުރުމުން ނޫސްވެރިޔަކު ވަނީ އެކަން ހިނގީ ކިހިނެތްތޯ އަހާ ސުވާލުކޮށްފައެވެ.
"އަހަރެންގެ ނިޔަފަތިން ހަލާކުވެފައި އެއީ. އަހަރެން އެވަގުތު ބޭނުންވީ އަމިއްލަ ނަފުސަށް ގެއްލުން ދޭން،" މެޗަށްފަހު ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ އެހެން ބުނުމާ އެކު، އެއީ ނަފުސާނީ ގޮތުން ސީރިއަސް ވާން ޖެހޭ ހާލަތެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދަނިކޮށް، އޭނާ ވަނީ އެކަން އިތުރަށް ތަފުސީލު ކޮށްދީފައެވެ. ގާޑިއޯލާ ބުނީ އެ ސުވާލު އައީ މާ ބޮޑަށް ވިސްނައިގެން އިންދާ ނޫން ކަމަށާއި މޫނު ހަލާކު ކުރީ ގަސްދުގައި ނޫން ކަމަށެވެ. އަދި "އަމިއްލައަށް ގެއްލުންދޭން ބޭނުންވި،" ކަމަށް ބުނީ އެއްވެސް ހާލެއްގައި ނަފުސާނީ ހާލަތު ގޯސްވެގެން ނޫން ކަމަށްވެސް އޭނާ ބުންޏެވެ.
ގާޑިއޯލާ އިތުރަށް ބުނީ ނަފުސާނީ ގޮތުން އެތައް ކަމެއް ތަހައްމަލުކުރާ ބަޔަކު އެޅޭކަން ގަބޫލުކުރާ ކަމަށާއި އެފަދަ މީހުންނަށް ނުބައި މެސެޖެއް ދެވުނު ނަމަ އެކަމަށް މައާފަށް އެދޭ ކަމަށެވެ. އޭގެ އިތުުރުން ގާޑިއޯލާ ދިން މެސެޖުގައި ނަފުސާނީ އެހީ ހޯދުމަށް މައުލޫމާތު ސާފުކުރާނެ ވެބްސައިޓަކާއި ފޯނު ނަމްބަރެއް ހިއްސާކޮށް، ނަފުސާ ފަރުވާ ބޭނުން މީހުންނަށް ހިތްވަރު ދީފައިވެއެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ