އަތޮޅުތެރޭގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު، ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ނޯތު ސެންޓްރަލް ޕޮލިސް (ކ، އއ، އަދ އަދި ވ) ގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު، ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 21 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، ދާދި ފަހުން މެދުރާއްޖެ ތެރޭގެ ރަށެއްގައި ދިހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ 51 އަހަރުގެ މީހަކު ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިއްޔެ ވަނީ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.