ރާއްޖޭގެ ޒަކާތު ފަންޑުން ގައްޒާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައިވާ އެއްލައްކަ ޑޮލަރު، ގަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާ ހަވާލުކުރުމަށް އިސްލާމިކް މިނިސްޓަރީއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ގަތަރު ރެޑް ކްރެސެންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ފައިސަލް މުހައްމަދު އަލްއެމަދީއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެ ފައިސާ ގަތަރު ރެޑް ކްރެސެންޓާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެން ކަމަށެވެ. އަދި އެ ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ގާޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ގަތަރު ރެޑް ކްރެސެންޓުން ކުރިއަށް ގެންދާ މަޝްރޫއުއަށް ކަމަށްވެސް ބުންޏެވެ.

މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.