މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވައިލި "ބޭރު ފައިސާއާބެހޭ ބިލް" ގާނޫނުގެ ވެގެން ދިޔުމުން ރާއްޖޭގެ ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރުގެ އަދަދު އިތުރުވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ބޭރު ފައިސާއާބެހޭ ބިލް" ގައި ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންގެ އަތުން 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނައިފައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ބޭރު ފައިސާއާ ބެހޭ މިހާރުގެ ގަވާއިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭއިން އިސްނަގައިގެން ބޭރު ފައިސާއާ ބެހޭ ގާނޫނެއް ހެދިގެން ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ. އެކަން އެގޮތަށް ކުރެއްވީތީ އެމްއެމްއޭއަށް ޝުކުރު އަދާކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި ގާނޫނުގެ ސަބަބުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރެވިގެންދާނެ. އަދި މީގެ އިތުރުން ޓޫރިޒަމް ނޫން ދާއިރާތަކުން ވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު އާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވެގެންދާނެ" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ބޭންކިން ނިޒާމުގައި ޑޮލަރު ގިނަވުމުގެ ސަބަބުން ސަރުކާރު ހިއްސާ ކުންފުނިތަކުން ޑޮލަރުގެ ކަޅު ބާޒާރުން ޑޮލަރު ގަންނަން ނުގޮސް ބޭންކިން ނިޒާމުގެ ތެރެއިން ރަސްމީ އަގުގައި ޑޮލަރު ގަނެވެން ހުންނާނެ ކަމަށެވެ. އަދި 2026 ވަނަ އަހަރުގެ ކުއާޓާއިން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް 1،000 ޑޮލަރު ލިބޭނެގޮތް ހަމަޖެހިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކްރެޑިޓް ކާޑުތަކުގެ ލިމިޓު ވެސް 2026 ވަނަ އަހަރު ބޮޑުކުރެވިގެންދާނެ ކަމަށާއ ވިޔަފާރިވެރިން މުދާ އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް މިއަންނަ އަހަރުގެ ޖުލައިމަހުން ފެށިގެން އިތުރުކުރެވިގެންދާނެ ކަމަށެވެ.

އެމްއެމްއޭއިން ރޭ ވަނީ "ބޭރު ފައިސާއާބެހޭ ބިލް"ގެ ނަމުގައި ޑްރާފްޓެއް ބިލެއް އެކުލަވައިލައި އާންމުންގެ ހިޔާލަށް ހުޅުވާލައިފައެވެ. އެ ޑްރާފްޓު ބިލުގައި ދެ ކެޓަގަރީއެއް ވަނީ ހިމަނައިފައެވެ.

އެގޮތުން "ބޭރު ފައިސާއާބެހޭ ބިލް"ގެ ޑްރާފްޓްގައިވާ ގޮތުން ކެޓަގަރީ "އޭ" ގައި ހިމެނޭ، ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތައް ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ލާޒިމުވާނެ ކަމަށެވެ. ކެޓަގަރީ "ބީ" ގައި ހިމެނޭ ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އެ އަދަދު ބޭންކަކަށް ޖަމާކޮށް މާރުކުރަން ލާޒިމުވާނެއެވެ.

މީގެ އިތުރުން ޓޫރިޒަމް ދާއިރާގައި ނުހިމެނޭ ފަރާތްތަކުން ވެސް، އަހަރެއްގެ ތެރޭގައި 20 މިލިއަން އެމެރިކާ ޑޮލަރަށް ވާ އަދަދަށް ބޭރު ފައިސާ ލިބޭ ނަމަ، އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 25 ޕަސެންޓަށް ވުރެ ބޮޑު ނުވާ އަދަދެއް ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރަން މަޖުބޫރުވާ ގޮތަށް ބިލުގައި ހިމަނައިފައިވެއެވެ.

ޑްރާފްޓު ބިލުގައިވާ ގޮތުން ރިސޯޓުގައި 24 ގަޑިއިރު ހޭދަނުކުރާ ޓޫރިސްޓުންނާއި ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި އަދި ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީ ފަރާތްތަކުގެ ގޮތުގައި އަންނަ މީހުންގެ އަތުން ޑޮލަރު މާރުކުރަން ނުޖެހޭނެއެވެ.