ލިވަޕޫލުން އެއްބަސްވުން އާކުރަން މަސައްކަތް ނުކުރާ ކަމަށް ބުނެ މުހައްމަދު ސަލާހް ވާހަކަ ދެއްކި ނަމަވެސް، އޭނާ ހުރީ ފުރިހަމައަށް ފޯކަސް ކޮށްގެން ކަމަށް ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.

އުމުރުން 32 އަހަރުގެ ސަލާހަކީ މިހާތަނަށް މި ސީޒަނުގައިވެސް ލިވަޕޫލަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ 12 ގޯލު މި ސީޒަނުގެ މިހާތަނަށްވެސް ޖަހައިދީފައެވެ. ސަލާހް ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާ އިރު، ކްލަބުން އަދިވެސް އެއްބަސްވުން އާކުރަން ހުށަހަޅައިފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ސަލާހް ބުނީ ލިވަޕޫލާ ދޭތެރޭ ހިތްހަމަ ނުޖެހިފައި ހުރި ކަމަށާއި، މިވަގުތު ވިސްނުން ހުރި ގޮތުން ޓީމު ދޫކޮށްލުން ގާތް ކަމަށެވެ.

ސަލާހްގެ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ސްލޮޓް ބުނީ ސަލާހް ހުރީ ވިސްނުން ކައްސާލާފައި ނޫން ކަމަށާއި، އިއްޔެގެ ތަމްރީނުތަކުގައިވެސް ސަލާހްގެ ފަރާތުން ތަފާތެއް ފެނިފައި ނުވާ ކަމަށެވެ.

"ސަލާހް ހުރީ އުނދަގޫވެފައިކަން އަހަންނަށް އެނގޭ. އެކަމަކު އެކަހަލަ ތަފާތެއް ސަލާހުގެ ފަރާތަކުން ނުފެނޭ. އޭނާ ހުރީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ފޯކަސް ކޮށްގެން. އެއްވެސް އެހެން ކުޅުންތެރިޔަކުވެސް ސަލާހްގެ އެ ވާހަކަތަކާ ގުޅޭ ވާހަކައެއް ނުދައްކާ. އެހެންވީމަ ޓީމުގެ ފޯކަސްވެސް ރަނގަޅު،" ސްލޮޓް ބުންޏެވެ.

މިހާތަނަށް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ބަލިވެފައި ނުވާ އިރު، ސަލާހަކީ އަދިވެސް ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ. ކޯޗު ސްލޮޓް އިތުރަށް ބުނީ ސަލާހްގެ އެއްބަސްވުމުގެ ވާހަކައަށް އޭނާ ސަމާލުކަން ނުދޭ ކަމަށާއި، ޔަގީނުންވެސް އެނގޭ ކަމަކީ ލިވަޕޫލްގެ ފުރަތަމަ 11 އަށް އަދިވެސް އެންމެ މުހިއްމު ކުޅުންތެރިޔަކީ ސަލާހް ކަމަށެވެ.