ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ސިސްޓަމްތަކަށް ސޮފްޓްވެއާއެއް އަޅައިގެން އެ ކޮމިޝަންގެ މުވައްޒަފުންނަށް ޖާސޫސު ކުރި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަން ފަށައިފިއެވެ.

އެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީންވެސް ވަނީ ބަލައިފައެވެ. އެ ސޮފްޓްވެއާ މެދުވެރިކޮށް މުވައްޒަފުންގެ ސޯޝަލް މީޑިއާގެ ޕާސްވޯޑާއި އެހެނިހެން ޒާތީ މައުލޫމާތު ނަގާފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ ސީއެސްސީގެ ކޮމްޕިއުޓަރު ނެޓްވޯކްއާ ގުޅުންހުރި މައްސަލައެއް މި މަހު 21 ވަނަ ދުވަހު ހުށަހަޅާފައިވާތީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް އެ މައްސަލައާ ގުޅިގެން ވަނީ ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް ހާޒިރުކޮށްފައެވެ. އެ ކޮމިޓީން ވަނީ އެ މައްސަލައިގެ އިތުރުންވެސް އެހެން ބައެއް ތުހުމަތުތައް ނާސިހަށް ކޮށްފައެވެ.

  • - ކޮމިޝަންގެ ބައެއް ވެރިންގެ ކޮމްޕިއުޓާ ސިސްޓަމަށާއި ސިވިސް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓްގައި ތިއްބަވާ ބައެއް ފަރާތްތަކުގެ ކޮމްޕިއުޓާ ސިސްޓަމަށް ސޮފްޓްވެއާއެއް އަޅައިގެން އެ މުވައްޒަފުންނަށް ޖާސޫސްކޮށް ފާރަލުން.
  • - ކޮމިޝަންގެ އެޑްމިނިސްޓްރޭޓިވް ސެކްޝަން އަދި ފައިނޭންސް ސެކްޝަނަށް ދެ ޑިރެކްޓަރުން ހޮވުމަށްޓަކައި ވަކި ފަރާތަކަށް ހާއްސަކޮށްގެން ގަވައިދަށް ނުވަތަ އުސޫލަށް ބަދަލު ގެނައުން.
  • - ކޮމިޝަންގެ ކައުންސެލް ޖެނަރަލް ޗުއްޓީއަށް ވަޑައިގަތުމުން ސީނިއާ ލީގަލް ކައުންސެލްއާ އެ މަގާމުގެ މަސްއޫލިއްޔަތު ހަވާލުކުރުމުގެ ބަދަލުގައި އުސޫލާ ހިލާފަށް ޖޫނިއާ މަގާމެއްގެ މުވައްޒަފަކާ މަސްއޫލިއްޔަތު ހަވާލުކުރުން.
  • - ޕްރޮބޭޝަން ފެއިލްވެފައިވާ މުވައްޒަފެއްގެ ޕްރޮބޭޝަން ފޯމް ފުރުމަށް ފަހު އެ މުވައްޒަފު ވަޒީފާއިން ވަކި ކުރަން ސުޕަވައިޒަރު ލަފާދީފައިވަނިކޮށް އެ މުވައްޒަފު ވަކި ނުކުރަން ނިންމުން.
  • - ސިވިލް ސާވިސްގެ ވަޒީފާ ދިނުމުގައި އެމީހެއްގެ ތައުލީމީ ފެންވަރާއި މަސައްކަތުގެ ހުނަރާއި ގާބިލްކަމާއި ތަޖުރިބާއަށް ބެލުމެއް ނެތި ވަޒީފާ ދިނުން.
  • - ކުރީ ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުންގެ އެދުމަށް ވަޒީފާތަކަށް އެކި މީހުން ހަމަޖެއްސުން. ޕާޓީއެއްގެ އެތެރޭގެ އިންތިހާބަކާ ދިމާކޮށް ކުރީގެ މިނިސްޓަރެއްގެ އެދުމަށް ވަޒީފާ ބަޔަކަށް ދީފައިވާ ކަން.
  • - ކުރީގެ މިނިސްޓަރެއްގެ އެދުމަށް ޕީސީބީ ބޯޑުގެ މަގާމަކަށް މީހުން އައްޔަންކޮށްފައިވުން އަދި ކުރީގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުން އެދިފައިވާ ގޮތަށް ވަޒީފާތައް ހަމަޖައްސަައިދީފައިވުން.

އެ ތުހުމަތުތަކާ ގުޅިގެން ނާސިހު ވިދާޅުވީ މުވައްޒަފުންނަށް ޖާސޫސްކުރި މައްސަލަ ނުވަތަ މުވައްޒަފުންގެ ޒާތީ މައުލޫމާތުތަކެއް ސިއްރުން ހޯދި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހަކު ތިބި ކަމަށާއި އެއީ އެ ކޮމިޝަންގެ އައިޓީ ހެޑް އަދި އައިޓީ ކޮންސަލްޓެންޓް ކަމަށެވެ. އެ ދެ މީހުން މިދިޔަ ބުދަ ދުވަހު ސަސްޕެންޑް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އެ މައްސަލައިގައި ނާސިހަށް ތުހުމަތު ކުރި ނަމަވެސް މައްސަލަ ނިންމާފައިވަނީ އޭނާގެ މައްޗަށް އެ ތުހުމަތުތައް ސާބިތުނުވާ ކަމަށެވެ.