އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ދޭން ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.
މި ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭން ފާސްުކުރީ، އެންޓި ކޮރަޕްޝަން ކޮމިޝަން އާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަަރާތުން މަޖިލީހަށް ހުށަހެޅި ބިލު ފާސްކޮށްގެންނެވެ.
ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލާއި ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އީސީގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގައި ބަޔާންކޮށްފައިވަނީ، މި އިސްލާހުތައް ގެނައުމުގެ ބޭނުމަކީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް ކޮމިޝަންތަކަށް އައްޔަންކުރާ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންތަކުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް މެންބަރުން އައްޔަންކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަ ކުރުން ކަމަށެވެ.
ގާނޫނުގެ ހަތްވަނަ މާއްދާގައި މިހާރު އޮންނަނީ، އެ ދެ ކޮމިޝަނަށްވެސް ރައީސަކާއި ނައިބު ރައީސަކު އައްޔަން ކުރާނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން، އެ ކޮމިޝަންގެ މެންބަރުން ކަމަށެވެ. އެ މަގާމަށް އައްޔަން ކުރާތާ 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް އެކަން ކޮމިޝަނުން އަންގަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. ގާނޫނުގެ ހަތްވަނަ މާއްދާއަށް މި ބިލުން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ކޮމިޝަންގެ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސާއި ނައިބު ރައީސެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވަންވާނެ ކަމަށެވެ.
ކޮމިޝަންގެ ރައީސް ނުވަތަ ނައިބު ރައީސަކު އައްޔަން ކުރުމަށް ބޭނުންވާ ކޮންމެ ފަހަރަކު، ކޮމިޝަނަށް މެންބަރުންގެ ތެރެއިން މީހެއް ނުވަތަ މީހުންގެ ނަން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އެ ނަންތަކުގެ ތެރެއިން މަޖިލީހުން ފާސްކުރާ މީހަކު، ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ނުވަތަ ނައިބު ރައީސްކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) އަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނަނީ، ކޮމިޝަންގެ ރައީސް ނުވަތަ ނައިބު ރައީސް އެ މަގާމުން އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން ކޮމިޝަންގެ ރައީސްކަމުގެ މަގާމުން ނުވަތަ ނައިބު ރައީސްކަމުގެ މަގާމުން އެ މީހަކު ވަކިވީ ކަމަށެވެ.
އޭސީސީގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ނ)ގައި ބުނަނީ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް މަސްއޫލިއްޔަތު އަދާކުރަމުން ނުދާ ކަމަށް ކޮމިޝަންގެ އަގުލަބިއްޔަތުން ފާސްކޮށްފިނަމަ، އެ ބޭފުޅުން މަގާމުން އިސްތިއުފާ ދޭންވާނެ ކަމަށެވެ. އަދި (ރ)ގައި ބުނަނީ އެގޮތަށް އިސްތިއުފާ ދިން ނަމަވެސް ކޮމިޝަންގެ މެންބަރުކަމުން ވަކިނުވާނެ ކަމަށެވެ.
ގާނޫނުގެ 11 ވަނަ މާއްދާގެ (ރ) ގައި ބުނަނީ ކޮމިޝަންގެ ރައީސްކަމުގެ މަގާމު ނުވަތަ ނައިބު ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ ގިނަވެގެން 72 ގަޑިއިރުގެ ތެރޭގައި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހުސްވި މަގާމަށް މީހަކު ކޮމިޝަނުން އައްޔަން ކުރަންވާނެ ކަމަށެވެ. ނަމަވެސް 10 ވަނަ މާއްދާގެ (ނ) (ރ) އާއި 11 ވަނަ މާއްދާގެ (ރ) އުނިކުރަން ބިލުގައި ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު