ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް މާޓާ، ކެރިއަރުގައި ފުރަތަމަ ފަހަރަށް އެމެރިކާގެ އަންހެން ފުޓްބޯޅަ ލީގު، ނޭޝަނަލް ވުމަންސް ސޮކާ ލީގު ކާމިޔާބުކޮށްފިއެވެ.

މާޓާގެ ލެޖެންޑަރީ ފުޓްބޯޅަ ކެރިއަރު ރޭ ނިމުމަކަށް އައީ އޯލާންޑޯ ޕްރައިޑާއެކު، އެ ކްލަބުގެ ފުރަތަމަ ލީގު ތަށްޓާއެކުގައެވެ. މާޓާ، 24 އަހަރު ވަންދެން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމަށްފަހު، މި ސީޒަން ނިމުމުން ކެރިއަރު ހުއްޓާލާނެ ކަމަށް މާކުރިންވެސް އޮތީ ބުނެފައެވެ. އެ ނިންމުން ނިންމާފައިވަނިކޮށް، އޭނާގެ ކެރިއަރު ނިންމާލެވުނީ ފުރިހަމަ ކާމިޔާބީއަކާ އެކުގައެވެ.

އުމުރުން 38 އަހަރުގެ މާޓާ، މިހާތަނަށް އޯލާންޑޯއަށް އަށް ސީޒަނުގައި ކުޅެފައިވެއެވެ. މި ސީޒަނުގައި އޭނާ ވަނީ ލީގު ބުރުގައި ނުވަ ގޯލު ޖަހައި، ޕްލޭ އޮފް މެޗުތަކުގައި މުހިންމު ދެ ގޯލު ޖަހައިފައެވެ.

ރޭ އޮލާންޑޯއިން 1-0 އިން ވޮޝިންޓަން ސްޕިރިޓް ބަލިކުރި އިރު، އެޓީމުގެ ހަމައެކަނި ގޯލު ޖެހީ ޒެމްބިއާގެ ފޯވަޑް ބާބްރާ ބަންޑާއެވެ.

"އަހަރެން ދުވަހަކުވެސް އުންމީދެއް ނުކުރަން މި ހާއްސަ ވަގުތުކޮޅު އިހުސާސްކޮށްލަން ލިބޭނެ ކަމަކަށް. އެހެންވިޔަސް އަބަދުވެސް އުންމީދު ކުރިން އެންމެ ރަނގަޅު ވަގުތުގައި މިކަންވެސް ހާސިލުވާނެ ކަމަށް. މިއީ އެވަގުތު. މި ކްލަބަކީ އަހަންނަށް ހާއްސަ ކްލަބެއް. މި ނިމުންވެސް ހާއްސަ،" މިހާތަނަށް ހަ ފަހަރު ފީފާގެ އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ބްރެޒިލް ލެޖެންޑް މާޓާ ބުންޏެވެ.

މާޓާ މުޅިން އަލަށް ނޭޝަނަލް ވުމަންސް ސޮކާ ލީގު ކާމިޔާބުކުރި ނަމަވެސް، އެ ލީގު އަލުން އެކުލަވާލުވުމުގެ ކުރިން އޭނާ ވަނީ 2010 އަދޮ 2011 ވަނަ އަހަރު އެމެރިކާ ލީގު ހޯދައިފައެވެ. އެމެރިކާ އަންހެން ޑިވިޝަން ލީގު އަލުން އެކުލަވާލީ 2013 ވަނަ އަހަރުއެވެ.