ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ތާރީހުގައިވެސް އެންމެ އަގުބޮޑުކޮށް ކްލަބަކަށް ގެންދިޔަ ކުޅުންތެރިޔަކަށް ރިޝަބް ޕަންތު ވެއްޖެއެވެ.
އިންޑިއާގެ ވިކެޓްކީޕަރު، އުމުރުން 27 އަހަރުގެ ރިޝަބް ޕަންތު، ކުރިއަށް އޮތް އައިޕީއެލް ސީޒަނަށް ލަކްނައު ސުޕަ ޖަޔަންޓްސްއަށް ގެންދިޔައީ 27 ކްރޯޑަށެވެ. އެއީ 2.54 މިލިއަން ޕައުންޑުގެ އަގެކެވެ.
އިންޑިއާގެ ކްރިކެޓް ލީގު އައިޕީއެލް ކްލަބުތަކަށް ކުޅުންތެރިން ޑްރާފްޓް ކުރުމަށް ބޭއްވި ބޮޑު ނީލަން މިފަހަރު އޮތީ ސައުދީ އަރަބިއާގެ ޖިއްދާގައެވެ. އެ ނީލަމުގައި ރިޝަބް ޕަންތު ހޯދުމަށް އޭނާގެ ކުރީގެ ކްލަބު ދިއްލީ ކެޕިޓަލްސްއާއި ސުޕަ ޖަޔަންޓްސް ވާދަވެރިކަމަކަށް ގޮސްފައިވެއެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފައެވެ.
ރިޝަބް ޕަންތަށް ކާރު އެކްސިޑެންޓްގައި ލިބުނު އަނިޔާއެއްގެ ސަބަބުން، 14 މަސް ދުވަހު ނުކުޅެ ހުރުމަށްފަހު އެނބުރި ލީގަށް ނުކުތީ ނިމިދިޔަ ސީޒަނަށެވެ. އޭނާގެ އަގު އަރައިގެން ގޮސް، މުގުރާލި ރެކޯޑަކީ މިފަހަރު ސައުދީގައި ބޭއްވި ނީލަމުގައި ޕަންޖާބް ކިންގްސްއަށް ގެންދިޔަ ޝްރެޔަސް އިޔާގެ ރެކޯޑެކެވެ. ރިޝަބް ޕަންތުގެ ކުރިން ޑްރާފްޓްކުރި ޝްރެޔަސް، ޕަންޖާބް ކިންގްސްއަށް ގެންދިޔައީ 26.75 ކްރޯރަށެވެ. އެއީ 2.51 މިލިއަން ޕައުންޑްގެ އަގެކެވެ.
މިފަހަރު ނީލަމުގެ ކުރިން އައިޕީއެލްގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ރެކޯޑު އޮތީ އޮސްޓްރޭލިއާގެ މިޗެލް ސްޓާކް އަތުގައެވެ. މިދިޔަ އަހަރު ކަލްކަތާ ނައިޓްރައިޑާސްއިން އޭނާ ގެންދިޔައީވެސް 24.75 ކްރޯރަށެވެ. އެއީ 2.3 މިލިއަން ޕައުންޑްގެ އަގަކަށެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް