ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ތަފާތު ބޮޑުކޮށް، ލެގާނޭސް ބަލިކޮށްފިއެވެ.
ރަށުން ބޭރުގައި ރޭ ރެއާލުން ލެގާނޭސް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތްއިރު ރެއާލް އޮތީ އެންމެ ރަނގަޅު ފޯމުގައެއް ނޫނެވެ. ހާއްސަކޮށް ރެއާލަށް ވަނީ ބޮޑެތި އަނިޔާގެ މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ޑިފެންސް ލައިންގެ އެޑާ މިލިޓާއޯއާއި ޑޭވިޑް އަލާބާއަށްވެސް ބޮޑެތި އަނިޔާތަކެއްވެފައިވާއިރު، އިންޓަނޭޝަނަލް ބްރޭކަށް މެދުކަނޑާލުމުގެ ކުރިން އެޓީމުން ވަނީ ބާސެލޯނާއާއި އޭސީ މިލާން އަތުންވެސް ބޮޑު ތަފާތަކުން ބަލިވެފައެވެ.
ރޭ ހޯދި މޮޅާއެކު އެންމެފަހުގެ ޗެމްޕިއަން ރެއާލަށް ވަނީ ލީގު ރޭހުގައި ހިތްހަމަޖެހުމެއް ލިބިފައެވެ. މިހަފުތާ ބާސާއިން ކުޅުނު މެޗުން އެއްވަރުވުމާއެކު ރެއާލަށް ވަނީ އެޓީމާ ހަތަރު ޕޮއިންޓަށް ގާތްކުރެވިފައެވެ. އެއީ މެޗެއް މަދުން ކުޅެގެންނެވެ.
ބާސާއިން އެއްވަނައިގައި އޮތީ 14 މެޗުން 34 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ރެއާލް، 13 މެޗުން 30 ޕޮއިންޓާއެކު އޮތް އިރު، އެތުލެޓިކޯ މެޑްރިޑް ތިންވަނައިގައި އޮތީ 14 މެޗުން 29 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ރެއާލަށް ލީޑު ނަގައިދިނީ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައި ހުރި ކިލިއަން އެމްބާޕޭއެވެ. މި ސީޒަނަށް ރެއާލަށް ބަދަލުވެ، އެންމެ އެކަށީގެންވާ ފޯމެއް އެމްބާޕޭއަށް ދެއްކިފައި ނުވާއިރު، އޭނާ ކުޅޭ މަގާމަށްވެސް ވަނީ ސުވާލުތަކެއް ކުރިމަތިވެފައެވެ. ރޭގެ މެޗުގައި އޭނާ ޖެހި ގޯލަކީ މި ސީޒަންގެ ލީގުގައި ޖެހި ހަތްވަނަ ގޯލެވެ.
ދެވަނަ ހާފު ފެށިގެން 66 ވަނަ މިނެޓުގައި ރެއާލްގެ ކެޕްޓަން ބޭންޑްގައި މެޗަށް ނުކުތް ފެޑެރީކޯ ވަލްވާޑޭ ވަނީ ލީޑު ފުޅާކޮށްދީފައެވެ. އެއީ ހިލޭ ޖެހުމެއް ގޯލަށް އަމާޒުކޮށްލައިގެންނެވެ.
މެޗު ނިމެން ފަސް ވަރަކަށް މިނެޓަށްވެފައި ވަނިކޮށް، ރެއާލްގެ ތިންވަނަ ގޯލު ޖެހީ ޖޫޑް ބެލިންހަމްއެވެ. މިދިޔަ ސީޒަނުގައި ތަފާތު މޮޅަށް ކުޅުނު ބެލިންހަމް މި ސީޒަނުގައި ދަށްކޮށް ފެންނަމުންދާ އިރު، ރޭ ޖެހި ގޯލަކީ މި ސީޒަނުގެ ލީގުގައި ޖެހި ދެވަނަ ގޯލެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ