މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ އެއްކޮށް ސަލާމަތް ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ ގަވާއިދާ ހިލާފަށް ރާއްޖެ އައިސް އުޅެނިކޮށް ހދ. މަކުނުދޫ ބޭރުން ރޭ ފެނުނު ސްރީ ލަންކާއަށް ނިސްބަތްވާ މަސްބޯޓަކުން 468.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތުމާ ގުޅިގެންނެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން މަސްތުވާތަކެއްޗާ ގުޅުން ހުރި ކަންކަމުގައި ކުރަމުންގެންދާ ބުރަ މަސައްކަތް ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

"މިއަދުގެ ވަގުތެއްގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުންވަނީ 468.6 ކިލޯގްރާމުގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފައި. މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ދިވެހި ރުފިޔާ. ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ އަޅުގަނޑުމެން އެއްމެ އިސްކަންދޭ އެއްކަންތައް،" އަމިއްލަ ދަތުރުފުޅެއްގައި މިހާރު އިނގިރޭސި ވިލާތުގައި ހުންނަވައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ އެ މަސްބޯޓު އަތުލައިގަތީ ހދ. މަކުނުދޫ ބޭރުން ކަމަށެވެ. "އަށެންކުތަ" ނަމަކަށް ކިޔާ ބޯޓެއް ކަމަށާއި އޭގައި އޭގައި ތިބީ ފަސް ފިރިހެނުން ކަމަށެވެ. އެންމެންނަކީ ވެސް ލަންކާ މީހުން ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

ކޯސްޓު ގާޑާއި ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ހެނދުނު އެ ބޯޓު ކުޅުދުއްފުށި ބަނދަރަށް ގެންގޮސް ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެގޮތުން ބޯޓުން ފެނުނު މަސްތުވާތަކެތީގެ ޕްރިލިމިނަރީ ޓެސްޓު ނަތީޖާތަކުން ދައްކާ ގޮތުގައި އޭގެ ތެރޭގައި ހުރީ 344 ކިލޯގެ ކްރިސްޓަލް މެތާއި 124 ކިލޯގެ ކޮކެއިން ކަމަށެވެ.

އެ ތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.