މާލެ ފުރުގާން މިސްކިތުގައި ބަހައްޓާފައި ހުރި ހަތިމުތައް އުކާލައި މިސްކިތުގެ އެކި ތަންތަނަށް ގެއްލުން ދީފިއެވެ.

ޝައިހް އާދަމް ނިޝާން އަލީ އާދަމް ފޭސްބުކްގައި މިއަދު ހެނދުނު ކުރެއްވި ޕޯސްޓުގައި ރޭ ފަތިސް ނަމާދުގެ ކުރިން ފުރުގާން މިސްކިތުގެ ފަހަތުގައި ހުރި ހަތިމުތައް މުޅި ތަނަށް އުކާލައި، އިމާމު ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކާއި އެ އަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ހަލާކުކޮށްލާފައިވާ ކަމަށެވެ.

އޭގެ އިތުރުން ވުޟޫކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި، މިސްކިތުގެ ބައެއް އެއްޗެހި އެ ތަނަށް އުކާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިޝާން ވިދާޅުވި ގޮތުގައި އެކަން ކޮށްފައިވަނީ ނަމާދު ގަޑިތަކުގައި އެ މިސްކިތް ތެރޭގައި ނިދާފައި އޮންނަ 'ބުއްދި ފިލާ' ގޮސްފައިވާ ޒުވާނެކެވެ. މީގެ ކުރިން އެތައް ފަހަރަކުވެސް އޭނާ މިސްކިތުގެ ހަތިމުތައް އުކާލުމާއި އެފަދަ އެތައް ކަމެއް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނިޝާން ވަނީ މިސްކިތަށް ބޮޑެތި ގެއްލުންތައް ދޭއިރުވެސް އެ ތަނުގައި ކެމެރާ ހަރުކޮށްގެން މާލެ ސިޓީ ކައުންސިލުން 24 ގަޑިއިރު ބަލަން ތިބުމުގެ އެއްވެސް ފައިދާއެއް އޮތްތޯ ސުވާލު އުފައްދައިފައެވެ. އަދި ކީރިތި ގުރުއާނަށާއި اللهގެ ގެކޮޅުގެ ހުރުމަތް ކަނޑައިގެން އެތައް ފަހަރަކު އޭނާގެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވާއިރުވެސް އެކަމަށް އެޅޭނެ ފިޔަވަޅެއް ނެތީތޯވެސް ސުވާލު އުފެއްދިއެވެ.

ފުލުހުން މިއަދު ބުނީ، ފުރުގާނު މިސްކިތައް ގެއްލުންދީފައިވާ މައްސަލައެއް މިއަދު ފަތިހުގެ ވަގުތެއްގައި ރިޕޯޓު ކުރި ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.