މާލޭގެ ގެއަކަށް މީހަކު އޮޅުވާލައިގެން ވައްދައި، ބަރަހަނާކޮށް ފޭރުނު މައްސަލައިގައި ހައްޔަރު ކުރި ތިން މީހުން އެއް އަހަރާއި ތިން މަސް ދުވަހަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި މއ. މަސްފަން ގެއަށް މީހަކު ވައްދައި، އެ މީހާއަށް ވަޅިން ބިރުދައްކައި އޮރިޔާންކޮށް، އޭނާގެ މޯބައިލް ފޯނު އަތުލައި އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާ ކުރުވައި އަދި އޭނާގެ ކޭޝްކާޑު ބޭނުންކޮށްގެން އޭޓީއެމް އިން ފައިސާ ނަގާފައިވާ މައްސަލައެވެ.
އެގޮތުން އޭނާއަށް ބިރު ދައްކައިގެން އޭނާގެ އެކައުންޓުން އެހެން އެކައުންޓަކަށް 20،000 ރުފިޔާ ފޮނުވާފައިވާ އިރު، އޭނާގެ ކާޑު ބޭނުންކޮށްގެން އޭޓީއެމުން 25،000 ރުފިޔާ ނަގާފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އޭނާ ވެއްދި ގޭގެ އާއިޝަތު (43އ) އާއި ހަމަ އެ ގޭ މުހައްމަދު ރީހާން (27އ) އަދި ސ. ހިތަދޫ/ ސޯމާ، ޝަގީގު އިބްރާހިމް (35އ) އެވެ. އާއިޝަތު އާއި ރީހާންއަކީ މަންމަ އާއި ދަރިފުޅެވެ.
އެ ތިން މީހުންގެ މައްޗަށް ކޮށްފައިވަނީ އެނގި ހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ އާއި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާއެވެ.
އެ ތިން މީހުން ވެސް ވަނީ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފުވެފައެވެ. އަދި އަވަސްނިޔާގެ އަޑުއެހުމުގައި ވެސް ކުށަށް އިއުތިރާފުވެފައިވާތީ، އެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިދިޔަ ބުދަ ދުވަހު ކުރިމިނަލް ކޯޓުން އިއްވި ހުކުމުގައިވެއެވެ.
އެހެންވެ ކޯޓުން ވަނީ އެ ތިން މީހުން އެއް އަހަރާއި ތިން މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު