ވެރިކަމަށް ކުރިމަތިލެއްވުމުގެ ވިސްނުމެއް ދުވަހަކު ވެސް ނުގެންގުޅުއްވާނެ ކަމަށާއި ދެވަނަ ދައުރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކޮށްދިނުމަށް ސާބިތުވެ ހުންނަވާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ޕީއެންސީގެ އެތެރޭގެ އިންތިހާބަށްފަހު އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތަށް ޕްރައިމަރީއަކާ ނުލައި ރައީސް މުއިއްޒަށް 2028 ގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ދުވަހަކުވެސް ނުގެންގުޅެން. އަދި ކުރިއަށްއޮތް ތަނުގައި ވެސް ނުގެންގުޅޭނަން. އެފަދަ ފުރުސަތެއް ލިބުނަސް، އެކަމުން ސަލާމަތްވާނަން. އަޅުގަނޑުމެން އަމާޒު ހިފައިގެން މިތިބީ ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުން މިދާ ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ދެވަނަ ދައުރެއް އަދާކުރައްވާ ރައީސަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހެދުމަށް. އެ މަސައްކަތުގައި އަޅުގަނޑު ސާބިތުވެ ހުންނާނަން،" އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، އެ މަނިކުފާނާ އޮތް ގުޅުމަށްވުރެ ބޮޑު ގުޅުމެއް މިހާރު ދެ ބޭފުޅުންގެ ދެމެދުގައި އޮތް ކަމަށާއި ކުރިން ރައީސް މުއިއްޒާއެކު އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު އޮތް ކަހަލަ ގާތް ގުޅުމެއް ނޫން ކަމަށެވެ. ނަމަވެސް 2012 ވަނަ އަހަރުން ފެށިގެން ރައީސް މުއިއްޒު އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
"އޭރުން ފެށިގެން އަޅުގަނޑާއި މުއިއްޒާ ގާތްކަން އުފެދިފައި އޮތީ. އެ ގާތްކަމުގައި މިދިޔަ ހުރިހާ ދުވަހެއް ވެސް ދިޔައީ. އެކަމަކު ވެރިކަމަށް އެ މަނިކުފާނު ވަޑައިގަތީމާ، އަޅުގަނޑަކީ ޕީއެންސީގެ ޗެއާޕާސަން، އެއީ ޕީއެންސީގެ ރައީސް. އެހެންވީމާ އަޅުގަނޑުމެން ދެ މީހުންނަކީ ކުރިއަށްވުރެ ގިނައިން ބައްދަލުވެ، ވާހަކަދައްކައި ކަންކަމުގައި މަޝްވަރާކޮށް ހެދުމުގެ ފުރުސަތު ލިބޭ. ދެ މީހުންނަށް ވެސް، ކޮންމެ މީހަކު ކުރިއަށްވުރެ ރަނގަޅަށް ދަސްވޭ،" އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބަށްފަހު، ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕާ ބައްދަލުކުރައްވައި، މަޖިލިސް ރައީސަކަށް އޭނާގެ ނަން ރައީސް މުއިއްޒު ހުށަހެއްޅުއްވީ އިތުބާރުކުރައްވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ރާއްޖޭގައި ސިޔާސީ ކަންކަމުގައި ރައީސް މުއިއްޒާ އެންމެ ގުޅުން ރަނގަޅު ބޭފުޅަކީ އޭނާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު