އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މަސައްކަތްކުރެއްވި ދުވަސްތަކުގެ ތެރޭ ހުރިހާ ސިޔާސީ ޕާޓީތަކުން ދިން އެއްބާރުލުމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ޝުކުރު އަދާކުރައްވައިފިއެވެ.

މިއަދަކީ ފުއާދުގެ އީސީގެ މެންބަރުކަމުގެ ދައުރު ހަމަވާ ދުވަހެވެ. އެންމެ ފަހުން އޭނާ އީސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ 2019 ވަނަ އަހަރުއެވެ.

އެކްސްގައި ފުއާދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ ދައުރުގެ އެންމެ ފަހު ދުވަސް ކަމަށާއި ކޮމިޝަނުގެ ހުރިހާ މުވައްޒަފުންނާއި ކޮމިޝަން މެންބަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ހުރިހާ ސިޔާސީ ޕާޓީތަކާއި މުއްސަސާތައް އަދި ރައްޔިތުން ކުރި އިތުބާރާއި ދިން އެއްބާރުލުމަށް ވެސް ޝުކުރު ދަންނަވަން،" ފުއާދުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

އީސީގެ ރައީސްގެ މަގާމަށް ފުއާދު އިންތިހާބުކޮށްފައިވަނީ، އެ މަގާމުގައި އޭރު ހުންނެވި އަހުމަދު ޝަރީފު އެ ކޮމިޝަންގެ މެމްބަރުކަމުން އިސްތިއުފާދެއްވުމާ ގުޅިގެން 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އީސީގެ މެންބަރުކަމުގެ މަގާމަށް ފުއާދު ފުރަތަމަ އައްޔަންކުރެއްވީ 2008 ވަނަ އަހަރުއެވެ. އަހަރެއްހާ ދުވަހު މެންބަރުކަމުގެ މަގާމު އަދާކުރެއްވުމަށްފަހު، 2014 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް އޭނާ ހުންނެވީ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައެވެ.