ފައިނޭންޝަލް ފެއާޕްލޭއާ ގުޅުން ހުރި މައްސަލަތަކުގައި ރެލިގޭޓް ކޮށްލިޔަސް، މެންޗެސްޓާ ސިޓީގެ ކޯޗުކަމުގައި ހުންނާނެ ކަމަށް ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ޑުބާއީގެ ޝެއިހް މަންސޫރު 2008 ވަނަ އަހަރު ސިޓީ ގަތް ފަހުން، ޕްރިމިއާ ލީގުގެ އުސޫލުން ބޭރުން ހަރަދުކޮށްގެން 115 މައްސަލައެއްގައި ޖަވާބުދާރީވާން ޖެހިފައިވެއެވެ. އެ މައްސަލަތަކުގައި އަދިވެސް ފިޔަވަޅެއް އަޅާފައި ނުވާ އިރު، ހަބަރުތައް ބުނީ ސިޓީއަށް ފިޔަވަޅެއް އެޅިޔަސް އަޅާނީ އަންނަ އަހަރު ތެރޭގައި ކަމަށެވެ.
އަޅާފާނަ ފިޔަވަޅުތަކުގެ ތެރޭގައި ޕޮއިންޓް ކުރުމާއި ޖޫރިމަނާ ކުރުމުގެ އިތުރުން ދަށް ޑިވިޝަނަކަށް ރެލިގޭޓް ކުރުންވެސް ހިމެނެއެވެ.
ފައިނޭންޝަލް ފެއާޕްލޭގެ ބޭރުން އެއްވެސް ގޯހެއް ހަދާފައި ނުވާ ކަމަށް ސިޓީން ތަކުރާރުކޮށް ބުނެފައިވާ އިރު، އެ މައްސަލަތަކުގައި ސިޓީއަށް ފިޔަވަޅު ނާޅައިގެން ބައެއް ކްލަބުތަކުން ވަނީ އެކަމާ ޝަކުވާ ކޮށްފައެވެ.
"އަހަރެން ކުރިން މީގެ ހަ މަސް ދުވަސްކުރިންވެސް ބުނިން. ކިތަންމެ ބަޔަކު ކިތަންމެ ކަމަކަށް ތުހުމަތުކޮށް، އަހަރެމެން ތިންވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްލިޔަސް، އަހަރެން ހުންނާނަމޭ. އަދިވެސް މިހުރީ އެގޮތަށް،" ގާޑިއޯލާ ބުންޏެވެ.
ސިޓީން އެންމެފަހުން ކުޅުނު ހަތަރު މެޗުން ބަލިވެ، އެޓީމަށް ޕްރެޝަރު ހާލަތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، ގާޑިއޯލާ ވަނީ އިތުރަށް ކްލަބުގައި މަޑުކުރަން މީގެ ދެ ދުވަސް ކުރިން އެއްބަސްވެފައެވެ. މިރޭ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ނުކުންނަ އިރު، ގާޑިއޯލާ ބުނީ ސިޓީއާ ގުޅޭ އެހެން ކަންކަމާ ވިސްނުމަށްވުރެ ބޮޑަށް، މިވަގުތު ފޯކަސް ހުރީ މެޗަށް ކަމަށެވެ.
"އަހަރެމެން ތިންވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްލިޔަސް، ސީޒަނަކަށްފަހު ސީޒަނެއްގައި ޕްރޮމޯޓްވަމުން އެންމެ މެޗަށް އެރެވޭނެ. އެކަން މި ޓީމުން ފެންނާނެ. އެކަމާ ހާހެއް ނުވޭ. އެގޮތް ބޭނުންވެސް ވާނެ 75 ޕަސެންޓް ކްލަބުތަކުން. އެހެންވިޔަސް އަހަރެން އޭގެ އެއްވެއް ކަމަކާ ނުވިސްނަން. އަހަރެން ވިސްނަނީ ހަތަރު ބަލިން އަރައިގަންނަން. އަނެއް ހުރިހާ ކަމަކާ ވިސްނަން ގާނޫނީ ވަކީލުން ތިބޭނެ،" ގާޑިއޯލާ ބުންޏެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ