ރަޝިއާގެ ހަމަލާއެއް އަރާފާނެކަމުގެ ބިރަށް ޔޫކްރެއިންގެ މަޖިލީސް ކެންސަލް ކޮށްފިއެވެ.

ރަޝިއާއާއި ޔޫކްރެއިނުން ކުރަމުން އަންނަ ހަނގުރާމަ އިތުރަށް ގޯސްވެފައިވާއިރު ދެ ގައުމުން ވަނީ މިސައިލް ހަމަލާތައް ވަރުގަދަކޮށްފައެވެ. ރަޝިއާ އިން އަންނަ ހުކުރު ދުވަހު އެ ގައުމުގެ ހައިޕާސޮނިކް މިސައިލްއެއް އަލަށް ބޭނުންކުރަން ނިންމާފައިވާއިރު އެ ހަމަލާ ޔޫކްރެއިންގެ ވެރިރަށް ކީވްއަށް އަރާފާނެ ކަމުގެ ބިރު އޮތުމުން އެ ސިޓީ ވަނީ ކުއްލި ހާލަތަކަށް ގެނެސްފައެވެ.

ރަޝިއާގެ މިސައިލްއެއް އަމާޒުވެދާނެ ކަމުގެ ބިރަށް ޔުކްރެއިންގެ މަޖިލިސް ކެންސަލް ކުރުމުގެ އިތުރުން ކީވްގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތައްވެސް ވަނީ ބަންދުކޮށްފައެވެ.

ރަޝިއާ އިން މިސައިލް ހަމަލައަކަށް ތައްޔާރުވަމުން އަންނައިރު، ޔޫކްރެއިނުން ވަނީ މިދިޔަ ހަފުތާގައި އެމެރިކާ އިން އެ ގައުމަށް ސަޕްލައި ކުރި ދިގުރާސްތާ މިސައިލްގެ އިތުރުން އިނގިރޭސި ވިލާތުގެ މިސައިލުތައްވެސް ރަޝިއާއަށް ފޮނުވާލައިފައެވެ. އެ ހަމަލާއަށްފަހު ރަޝިއާ އިން ވަނީ ހުޅަނގުން އެ ހަނގުރާމައިގައި ރަސްމީކޮށް ބައިވެރިވުމާއެކު ރަޝިއާ އިންވެސް ދޭ ހަމަލާތައް ނުރައްކާވާނެ ކަމަށް ބުނެފައެވެ.