ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މިއަދު ހަވީރު ކުޅުނު މެޗުން އަލީ ނަސީމް (އައްޔަ)ގެ ހެޓްރިކާއެކު ބ. އޭދަފުށިން އެ އަތޮޅު ތުޅާދޫ ބަލިކޮށްފިއެވެ.

ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމުގެ އަމާޒުގައި ގައުމީ ދަނޑުގައި ކުރިއަށް ގެންދާ ގޯލްޑް ކަޕްގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ރޭ މާލޭން ތިމަރަފުށި ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މިއަދު ހަވީރު ކުޅުނު އެ ގްރޫޕްގެ ދެވަނަ މެޗުގައި ވަރުގަދަ އޭދަފުށިން ތުޅާދޫ ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން މާ ގިނައިރެއް ނުވެ، އޭދަފުށީގެ ނުރައްކާ ބޮޑުކޮށް ފެނުނު އިރު، ކެޕްޓަން އިޝާން އިބްރާހީމް (ސައްޓު) އާއި މުހައްމަދު ފާސިރު ފޮނުވާލި ހަމަލާތައް ފެނިގެން ދިޔައެވެ. އެ ހަމަލާތަކާއެކު ރަނގަޅަށް ފެށި އޭދަފުށިން 15 މިނެޓުވެސް ނުވަނީސް ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ކޯނަރެއްގައި ޑިފެންޑަރު މުހައްމަދު އަޖުފާނެވެ. އަޖުފާނަކީ ޓީސީ ޖާޒީގައި ގިނަ މެޗުތަކެއް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ.

އޭގެ އިތުރުން ފުރަތަމަ ހާފުގައި ޖައުޝަން މުހައްމަދު (ޖައުޅޭ) އޭދަފުށީގެ ދެވަނަ ގޯލު ޖަހައިދިން އިރު، އައްޔަ ވަނީ ހާފު ނިމުމުގެ ކުރިން އޭނާގެ ފުރަތަމަ ގޯލާއެކު އޭދަފުއްޓަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެންވެސް މާ ގިނައިރެއް ނުވެ، އައްޔަ އޭނާގެ ދެވަނަ ގޯލު ޖެހި އިރު، ހެޓްރިކް ފުރިހަމަކުރީ 70 ވަނަ މިނެޓުގައި ހާފު މެދެއްހާ ހިސާބުން ސީދާ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން ޖެހި ހިތްގައިމު ގޯލުންނެވެ.

މެޗުގައި ތުޅާދޫން ޖެހި ހަމައެކަނި ގޯލު ޖެހީ އަހުމަދު ހުސެއިނެވެ.