މެންޗެސްޓާ ސިޓީގެ ވިސްނުމާ ދެކޮޅަށް ލީގުގެ އެސޯސިއޭޓެޑް ޕާޓީ ޓްރާންސެކްޝަން (އޭޓީޕީ) އުސޫލަށް ބަދަލުތައް ގެންނަން ޕްރިމިއާ ލީގުގެ ކްލަބުތަކުން ވޯޓު ދީފިއެވެ.

އޭޕީޓީގެ އުސޫލަށް ބަދަލު ގެންނަން ކްލަބުތަކުން ވޯޓު ދިނީ މިއަދުއެވެ. އެއީ ލަންޑަންގައި ގާތްގަނޑަކަށް 30 ވަރަކަށް މިނެޓަށް ދެމިގެންދިޔަ ބައްދަލުވުމެއްގައެވެ. ޕްރިމިއާ ލީގުގެ އެއްވެސް އުސޫލަކަށް ބަދަލު ގެންނަ ކަމަށްވާ ނަމަ، ލީގުގެ 20 ކްލަބުގެ ތެރެއިން 14 ކްލަބެއްގެ ވޯޓު ބޭނުންވާ އިރު، މިއަދުގެ ނިންމުމަށް 16 ކްލަބަކުން ވޯޓު ދީފައިވެއެވެ.

އުސޫލަށް ބަދަލު ގެންނަން ދެކޮޅު ހެދި ޓީމުތަކަކީ އަބޫ ދާބީގެ ވެރިކަން ކުރާ އާއިލާގެ އޯނާޝިޕް ދަށުގައި ހިންގަމުންދާ މެންޗެސްޓާ ސިޓީއާއި ސައުދީ އަރަބިއާގެ ސްޓޭޓް ފަންޑުގެ އޯނާޝިޕްގެ ދަށުން ހިންގަމުންދާ ނިއުކާސަލްގެ އިތުރުން ނޮޓީންހަމް ފޮރެސްޓާއި އެސްޓަން ވިލާއެވެ. އެހެން ހުރިހާ ކްލަބަކުން ވޯޓު ދިނީ ޕްރިމިއާ ލީގުން ބޭނުންވި ގޮތަށެވެ.

އޭޕީޓީގެ އުސޫލުތަކަށް ބަދަލު ގެންނަން ކްލަބުތަކުން އެއްބަސްވެފައިވަނީ ސިޓީން އެ އުސޫލާ ދެކޮޅަށް ކޯޓަށްވެސް ގޮސްފައިވާ ހާލަތެއްގައެވެ. ސިޓީން އެކަމާ ދެކޮޅަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅަން ކުރި މަސައްކަތުގައި އެ ކްލަބުން ބުނީ، އުސޫލު އޮންނަ ގޮތުން ތަފާތުކުރުންތައް ބޮޑުވާ ކަމަށެވެ. އެ މައްސަލައިގައި ސިޓީން ވަނީ ޕްރިމިއާ ލީގުގެ ވިސްނުމާ ދެކޮޅަށް ވޯޓު ދޭން ބައެއް ކްލަބުތަކަށް އެދިފައެވެ.

އޭޕީޓީގެ އުސޫލުތައް ޕްރިމިއާ ލީގުގައި ފުރަތަމަ އެކުލަވާލީ 2021 ވަނަ އަަހަރު ޑިސެމްބަރު މަހުއެވެ. އެއީ ސައުދީގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުން ނިއުކާސަލް ގަތުމާއެކުގައި އެޅި ހާއްސަ ފިޔަވަޅެކެވެ.

އޭޕީޓީ އުސޫލު ކަނޑައަޅާފައިވަނީ ކްލަބުތަކުގެ އޯނާޝިޕް ގްރޫޕުގެ ސްޕޮންސާ ޑީލްތަކުގެ އަގުތައް ސިއްރުކުރުން ފަދަ ކަންކަން ހުއްޓުމަށެވެ. އެ އުސޫލަކީ ފައިނޭންޝަލް ފެއާ ޕްލޭ އުސޫލުތަކަށް ކްލަބުތަކުން ހަދާ މަކަރުތައް ކުޑަކުރުމަށް އެކުލަވާލި އުސޫލެކެވެ.

މިއަދު ނިންމި ނިންމުމާއެކު ކްލަބުތަކުގެ އޯނާޝިޕް ކުންފުނިތަކުން ކްލަބަށް ދޭ ސްޕޮންސާޝިޕް ޑީލްތައް އަގުކުރުމުގައި "ފެއާ މާކެޓް ވެލިއު" އަކަށް އަގުކުރަން މަޖުބޫރުވާނެއެވެ. އެހެންކަމުން އޯނާޝިޕް ގްރޫޕުން ދޭ ފައިސާގެ އަދަދު ކްލަބުތަކަށް މަދުކުރަން މަޖުބޫރުވާނެއެވެ.

މި ވަގުތުވެސް ޕްރިމިއާ ލީގުގެ ބައެއް ކްލަބުތަކުން ފައިނޭންޝަލް ފެއާޕްލޭ އުސޫލަށް ހަރަދުތައް ފެއްތުމަށް އަމިއްލަ އޯނާޝިޕް ގްރޫޕުން ބޮޑެތި ސްޕޮންސާތައް ހަމަޖައްސައި އެ ސްޕޮންސާތަކުގެ ކޮމާޝަލް އަގު ބޮޑުކުރާތަން ފެނިގެން ގޮސްފައިވެއެވެ. އެއީ ހަރަދުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށެވެ.

މިއަދުގެ ނިންމުމާ ދެކޮޅަށް ވޯޓު ދިން ސިޓީގެ މައި ސްޕޮންސާއަކީ އެ ކްލަބުގެ ވެރިންގެ ކުންފުންޏެއް ކަމަށްވާ އިއްތިހާދު އެއާވޭސްއެވެ. އަދި ނިއުކާސަލްގެ އެންމެ ބޮޑު ސްޕޮންސާއަކީ ސައުދީ ފަންޑުން ހިންގަމުންދާ ސެލާއެވެ. އެހެންކަމުން އެ ކްލަބުތަކުން މިހާރުވެސް ދަނީ ވެރިންގެ ކުންފުނިތަކުން ސްޕޮންސާ ނަގައި، ކްލަބަށް ލިބޭ ފައިދާގެ އަދަދު އިތުރުކުރަމުންނެވެ.