ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ ދިވެހި ޔޫތު ލީގުގެ ފުރަތަމަ މެޗުތައް ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީން ކާމިޔާބު ކޮށްފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ގުޅިގެން އިންތިޒާމުކުރާ ޔޫތު ލީގުގައި އަށް ޓީމަކުން ވާދަކުރެއެވެ.
ހެންވޭރު ދަނޑާއި ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާ ލީގުގައި ބައިވެރިވެފައިވާ ކްލަބުތަކަކީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޔުނައިޓެޑް ވިކްޓަރީ، ކްލަބު އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބު، ކްލަބު ވެލެންސިއާ، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ހުއްރިއްޔާ ސްޕޯޓްސް ކްލަބު (ހުރާ) އެވެ.
ޔޫތު ލީގުގައި ތިން އުމުރުފުރާއެއް ހިމެނޭނެއެވެ. އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އިތުރުން 16 އަހަރުން ދަށުގެ އުމުރުފުރާއެވެ. ލީގު ސިސްޓަމަށް ކުޅޭ ތިން އުމުރުފުރާގެ މުބާރާތްވެސް ހަފުތާ ބަންދާއި ހަފުތާ ތެރޭގެ ދުވަސްތަކުގައިވެސް ކުރިއަށްދާނެއެވެ. އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މުބާރާތް ކުރިއަށްދާނީ ޖެނުއަރީ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
މުބާރާތުގެ ކުޅުން އިއްޔެ ފެށި އިރު، ފެށުމުގެ ރަސްމިއްޔާތުގެ ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލާއި ސްޕޯޓްސް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެޑައިގެންފައިވެއެވެ.
އިއްޔެ ކުޅުނު ފުރަތަމަ މެޗަކީ 12 އަހަރުން ދަށުގައި ޔުނައިޓެޑް ވިކްޓަރީއާއި ޓީސީ ވާދަކުރި މެޗެވެ. އެ މެޗު 7-0 އިން ކާމިޔާބުކުރީ ޓީސީއެވެ. އޭގެފަހުން 14 އަހަރުން ދަށުގައި ޔޫވީއާއި ޓީސީ ވާދަކުރި މެޗު ޓީސީން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ.
ރޭ 12 އަހަރުން ދަށުގައި ކްލަބު ވެލެންސިއާއާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ވާދަކުރި މެޗު، 2-0 އިން ވިކްޓަރީން ކާމިޔާބުކުރި އިރު، 14 އަހަރުން ދަށުގައި އެ ދެކްލަބުން ކުޅުނު މެޗު ވިކްޓަރީން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.
ޔޫތު ލީގުގެ ކުޅުން މިއަދާއި މިރޭވެސް ކުރިއަށް ދާނެއެވެ.
ޔޫތު ލީގު
ޔޫތު ލީގު
ޔޫތު ލީގު
ޔޫތު ލީގު