ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ ދިވެހި ޔޫތް ލީގު އިއްޔެ ކުޅުނު މެޗުތަކުގެ ތެރެއިން 14 އަހަރުން ދަށުގެ އުމުރުފުރާގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ކްލަބު ވެލެންސިއާ ބަލިކޮށްފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ގުޅިގެން ބާއްވާ ޔޫތު ލީގުގައި އަށް ޓީމަކުން ވާދަކުރެއެވެ.
ހެންވޭރު ދަނޑާއި ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާ ލީގުގައި ބައިވެރިވެފައިވާ ކްލަބުތަކަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޔުނައިޓެޑް ވިކްޓަރީ، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި ހުއްރިއްޔާ ސްޕޯޓްސް ކްލަބު (ހުރާ) އެވެ.
އިއްޔެ ފުރަތަމަ މެޗުތަކުގައި 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އުމުރުފުރާގައިވެސް ވާދަކުރީ ޔޫވީއާއި ވެލެންސިއާއެވެ. 12 އަަހަރުން ދަށުގެ ޑިވިޝަންގައި ދެ ޓީމުން ވާދަކުރި މެޗު 2-2 އިން އެއްވަރުވި އިރު، ވެލެންސިއާއަށް ގޯލުތައް ޖަހައި ދިނީ އަދިއަން ބިން މުހައްމަދާއި ރަވާފް އަބްދުއް ރައޫފެވެ. ޔޫވީގެ ގޯލުތައް ޖެހީ ޔަޒްދާން ހުސައިނާއި އިލުހާން އަހުމަދެވެ.
އުމުރުން 14 އަހަރުން ދަށުގައި ޔޫވީން އިއްޔެ ފުރަތަމަ މޮޅެއް ހޯދީ، 2-0 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިކޮށްގެންނެވެ. ޔޫވީގެ ގޯލުތައް ޖެހީ އަހުމަދު ސާއިން މުހައްމަދާއި ޔޫސުފް ފިޒާނެވެ.
ރޭ އުމުރުން 12 އަހަރުން ދަށާއި 14 އަހަރުން ދަށުގައިވެސް ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ވާދަކުރި މެޗުތައް އެއްވަރުވި އިރު، 12 އަހަރުން ދަށުގެ މެޗު އެއްވަރުވީ ގޯލެއް ނުޖެހިއެވެ. 14 އަހަރުން ދަށުގެ މެޗު 2-2 އިން އެއްވަރުވި އިރު، އެ މެޗުގެ ޓީސީގެ ގޯލުތައް ޖަހައިދިނީ ރާކިން މުހައްމަދާއި އަރޫޝް އަރީޝެވެ. ވިކްޓަރީގެ ގޯލުތައް ޖަހައިދިނީ އަހުމަދު ޒަޔާން ނަޒީފާއި މޫސާ މިކަލް ޝަކީބެވެ.
ޔޫތު ލީގު
ޔޫތު ލީގު
ޔޫތު ލީގު
ޔޫތު ލީގު