ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ ދިވެހި ޔޫތް ލީގުގެ 16 އަހަރުން ދަށު މުބާރާތް އިއްޔެ ފަށާފައިވާ އިރު، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ ކުޅުނު މެޗުތައް ކާމިޔާބު ކޮށްފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) ގުޅިގެން ބާއްވާ ޔޫތު ލީގުގައި އަށް ޓީމަކުން ވާދަކުރެއެވެ.
ހެންވޭރު ދަނޑާއި ގަލޮޅު ރަސްމީ ދަނޑުގައި ބާއްވާ ލީގުގައި ބައިވެރިވެފައިވާ ކްލަބުތަކަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޔުނައިޓެޑް ވިކްޓަރީ، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި ހުއްރިއްޔާ ސްޕޯޓްސް ކްލަބު (ހުރާ) އެވެ.
މިހާތަނަށް ލީގުގެ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ މެޗުތައް ފެށިގެން ކުރިއަށްދާ އިރު، 16 އަހަރުން ދަށުގެ ލީގު ފެށީ އިއްޔެއެވެ.
އެ އުމުރުފުރާގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ޓީސީން ޔުނައިޓެޑް ވިކްޓަރީ ބަލިކުރީ 5-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޓީސީގެ ގޯލުތައް ޖަހައިދިނީ އަރްހަމް އަމްޖަދާއި ނާއިލް ޔޫސުފްގެ އިތުރުން މުހައްމަދު ޖޫދު އިސްމާއީލެވެ. އޭގެ ތެރެއިން އަރްހަމާއި ނާއިލް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.
ވެލެންސިއާއިން އިއްޔެ ކުޅުނު މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެމެޗުގައި ވެލެންސިއާ މޮޅުކޮށްދިން ގޯލު ޖެހީ އަލީ އިލާން އަހުމަދެވެ.
ޔޫތު ލީގު
ޔޫތު ލީގު
ޔޫތު ލީގު
ޔޫތު ލީގު