ހުޅުމާލެ ފޭސް ދޭއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރާ 4000 ފުލެޓުގެ 90 ޕަސެންޓު މަސައްކަތް ނިންމިފައިވާ ކަމަށާއި އެ ޔުނިޓުތަކުން އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަތާތްތަކަށްވެސް ކޮމާޝަލް ޖާގަތަކަށް ހުޅުވާލާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ހުޅުމާލެ އެޕޯލޯ ޓަވަރުގައި މިއަދު ނޫސްވެރިންނަށް އެ ޔުނިޓުތަކުގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތާ ގުޅޭ މައުލޫމާތުދެއްވަމުން އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ބިޒްނަސް އެނަލިސްޓް މަރިޔަމް ސޮފާ ވިދާޅުވީ މިހާރު އެ ޔުނިޓުތަކުގެ 80 ޕަސެންޓާއި 90 ޕަސެންޓާ ދޭތެރޭގެ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.
ފޭސް ދޭއްގައި އަޅާ 4000 ސޯސަލް ހައުސިން ޔުނިޓުތަކަކީ ހަ ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ ޔުނިޓުތަކެކެވެ. 18،000 ޔުނިޓް 32 ޓަވަރު ހުންނާނެއެވެ. އެ ތަންތަނުގެ ގްރައުންޑް ފްލޯ އަދި ފުރަތަމަ ފްލޯގައި ހެދުމަށް ނިންމާފައިވަނީ ކޮމާޝަލް ޔުނިޓުތަކެކެވެ.
ސޮފާ ވިދާޅުވީ ވިޔަފާރިތަަކަށް ދޫކުރާނީ 32 ޔުނިޓު ކަމަށާއި އެ ޔުނިޓުތަކުން 127 ޖާގަ އެކި ވިޔަފާރިތަކަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެ ތަންތަނުގެ ޖާގައިގައި 580 އާއި 6200 ފޫޓު ހުންނާނެ ކަމަށެވެ.
"ބޭނުމަކީ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ބޭނުންވާ އަސާސީ ހިދުމަތްތައް ޓަވަރުތަކުން ލިބެން ހުރުން. 4000 ޔުނިޓް ކޮމްބައިންކޮށް އަންދާޒާ ކުރަނީ 30،000 ވަރަކަށް ޕޮޕިއުލޭޝަނެއް އުޅޭނެ ކަމަށް. އެއީ ހުރިހާ އުމުފުރާތަކެއް ހިމެނޭހެން. ކޮމާޝަލް ޕްލޭން، ޕްލޭންކޮށްފައި އޮންނާނީ ހުރިހާ އުމުރުފުރާއަކަށްވެސް ހިދުމަތްތައް ލިބޭނެ ގޮތަށް،" އޭނާ ވިދާޅުވިއެވެ.
އެ ޓަވަރުތަކުގެ ފުރަތަމަ ފްލޯގައި ވަނީ ލިފްޓުތައްވެސް ހަރުކޮށްފައެވެ. އަދި އިތުރު ޓަވަރުތަކުގައި ލިފްޓު ހަރުކުރުމާއި ފިނިޝިންގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދެއެވެ.
އެކަމާ ގުޅޭގޮތުން އެފްޑީސީގެ ޕްލޭނިން ޑިރެކްޓަރު އަހުމަދު ހަސަން ވިދާޅުވީ ކޮމާޝަލް ޖާގަތަކަށް އަންނަ ހަފުތާގައި ފުރުސަތު ހުޅުވާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިން ޑިރެކްޓަރު އަހުމަދު ޝަމްއޫލް އަަބްދުﷲ ވިދާޅުވީ ޔުނިޓުތަކުގައި މިހާރު ކުރިއަށްދަނީ ކަރަންޓާއި ފެނާއި ސާވިސްތަކުގެ މަސައްކަތްތައް ކަމަށާއި އެ ސާވިސްތަކަކީ ކޮމާޝަލްއަށް ބޭނުންވާނެ ހިދުމަތްތަކަށް ވާތީވެ، އިއުލާނުކޮށް އިވެލުއޭޝަންކޮށް ދެ މަހެއް، ދޮޅުމަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.
"ޓާގެޓަކީ ބޭނުންވާ އަސާސީ ހިދުމަތްތައް މީހުން ދިރިއުޅުމުގެ ކުރިން އެތަނުގައި އެސްޓަބްލިޝް ކުރުން،" އޭނާ ވިދާޅުވިއެވެ.
- ފަސް މިނެޓް ތެރޭ ހިނގާފައި ދެވޭ ދުރުމިނުގައި ގްރޯސަރީ އަދި ކޮންވީނިއަންސް ފިހާރަތައް
- ދިހަ މިނެޓުން ހިނގާފައި ދެވޭ ދުރުމިނުގައި ތަރުކާރީ އަދި މޭވާގެ މާރުކޭޓުތައް
- ކޮންމެ ސަރަހަދަކަށްވެސް މަދުވެގެން އެއް ސުޕާ މާކެޓް ނުވަތަ ހައިޕާ މާކެޓް
- 10 މިނެޓުން ހިނގާފައި ދެވޭ ދުރުމިނުގައި ސިއްހީ ހިދުމަތްތައް
- ކެފޭ އަދި ރެސްޓޯރަންޓުތަކަށް ހާއްސަ ކޮށްފައިވާ ޔުނިޓުތައް
- މުޖުތަމައު ބާރުވެރިކުރުމުގެ ގޮތުން ތަރައްގީ ކުރާ ޔޫތު ސެންޓަރު
- 20 މިނެޓުން ހިނގާފައި ދެވޭ ގޮތަށް ކޯ-ވޯކިން ސްޕޭސް
- ޕާކިން ޒޯންތަކާ ކައިރިން އޮފީސް ޖާގަތައް
- އެސްއެމްއީ ހަބް
- ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މަގުފަހިވާނެ
- އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަަކަށް އެ ފުރުސަތު
- އަމާން އުދަރެސް 600 ޔުނިޓު، ދެ ކޮޓަރި - ބޮޑުމިނުގައި 650 އަކަފޫޓް (ކޮންމެ ފުލެޓެއްގައި ދިރިއުޅޭނެ ކަމަށް އަންދާޒާ ކުރާ އަދަދު: 5 މީހުން)
- އަމާން އުދަރެސް 1400 ޔުނިޓު، ތިން ކޮޓަރި - ބޮޑުމިނުގައި 900 އަކަފޫޓް (ކޮންމެ ފުލެޓެއްގައި ދިރިއުޅޭނެ ކަމަށް އަންދާޒާ ކުރާ އަދަދު: 8 މީހުން)
- އަމާން ދޯދި 600 ޔުނިޓު، ދެ ކޮޓަރި - ބޮޑުމިނުގައި 650 އަކަފޫޓް (ކޮންމެ ފުލެޓެއްގައި ދިރިއުޅޭނެ ކަމަށް އަންދާޒާ ކުރާ އަދަދު: 5 މީހުން)
- އަމާން ދޯދި 1400 ޔުނިޓު، ތިން ކޮޓަރި - ބޮޑުމިނުގައި 900 އަކަފޫޓް (ދިރިއުޅޭނެ ކަމަށް އަންދާޒާ ކުރާ އަދަދު: 8 މީހުން)
- ޓަވަރު 11 - 98 ޕަސެންޓު މަސައްކަތް ނިމިފައި
- ޓަވަރު 12 - 99 ޕަސެންޓު މަސައްކަތް ނިމިފައި
- ޓަވަރު 13 - 99 ޕަސެންޓު މަސައްކަތް ނިމިފައި
- ޓވަރު 14 - 95 ޕަސެންޓު މަސައްކަތް ނިމިފައި
- ޓަވަރު 15 - 86 ޕަސެންޓު މަސައްކަތް ނިމިފައި
- ޓަވަރު 16 - 83 ޕަސެންޓު މަސައްކަތް ނިމިފައި
ޚަބަރު
ޚަބަރު
ޚަބަރު