އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ނައިންޓީ ޕްލަސްއިން އިންތިޒާމުކޮށްގެން ބާއްވަމުންދާ ގޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ފުވައްމުލަކު ސިޓީ މިރޭ ދ. ކުޑަހުވަދޫ ބަލިކޮށްފިއެވެ.
ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމުގެ އަމާޒުގައި މިރޭ ފެށި ގޯލްޑް ކަޕަކީ އަތޮޅު ތެރޭގެ ރަށްތަކަށާއި ސިޓީތަކަށް އަމާޒުކޮށް، މާލޭގެ ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ހޯސްޓް ކުރަމުންދާ މުބާރާތެކެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު، އިބްރާހިމް އާމިރު (ސަލްސާ އާމިރު) ބައިވެރިވެވަޑައިގެންފައިވެއެވެ.
މިރޭ ކުޅުނު މެޗުގައި ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން ކުޅުނު ފުވައްމުލަކުން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ކުޑަހުވަދޫގެ ދެ ކުޅުންތެރިންނަށް ރަތް ކާޑު ދެއްކިތަން ފެނިގެން ގޮސްފައިވެއެވެ. އެއީ ދެވަނަ ހާފުގެ ތެރޭގައެވެ.
މެޗުގައި ފުރަތަމަ ފުވައްމުލަކުން ލީޑު ނެގި އިރު، އެޓީމަށް ލީޑު ނަގައިދިނީ ކުރިން ނިއު ރޭޑިއަންޓަށްވެސް ކުޅެފައިވާ ބިދޭސީ ކުޅުންތެރިޔާ ކޯފީ އޮވޫސޫއެވެ. ދެވަނަ ހާފުގައި ކުޑަހުވަދޫން މެޗުގެ ނަތީޖާ އެއްވަރުކުރީ އަހުމަދު މުއާދު ދުރުން ފޮނުވާލި ބޯޅަ، ކުޑަހުވަދޫގެ ގޯލްކީޕަރު އަތުގައި ޖެހިފައި ގޯލަށް ވަން ބޯޅައިންނެވެ.
އޭގެ އިރުކޮޅެއްފަހުން ކުޑަހުވަދޫގެ އެންމެ ތަޖުރިބާކާރު ދެކުޅުންތެރިން ކަމަށްވާ، ކުރިން ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އަހުމަދު ރިލުވާން (ބެން)އާއި ގައުމީ ޓީމަށް ކުޅުނު މުހައްމަދު ސާއިފަށް އެއް ވަގުތެއްގައި ރަތް ކާޑު ދެއްކިއެވެ. އޭގެ ސަބަބުން ފުވައްމުލަކަށް މެޗަށް ވަނުމަށް ފުރުސަތު ލިބި، ފައިދާ ނެގިއެވެ.
ފުވައްމުލަކަށް އޭގެފަހުން ގޯލުތައް ޖަހައިދިނީ ކުރިން ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނުނު އަލީ ޝަމާލް އަބްދުﷲ (ޝަންމު)އާއި ކުރިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅުނު މޫސާ އަޒީމް ހަސަނެވެ.
ގްރޫޕް އޭގައި ދެން ހިމެނޭ ގދ. ފަރެސްމާތޮޑާ އާއި ދ. މީދޫ ވާދަކުރާ މެޗު މާދަމާ ހަވީރު އޮންނާނެއެވެ.
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް
ނައިންޓީ ޕްލަސް ގޯލްޑް ކަޕް