ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް އިއްޔެ މިވަނީ އިސްލާހެއް ގެނެސްފައެވެ. އިއްޔެ މަޖިލީހަށް ހުށަހަޅައިގެން ބަހުސް ކުރުމަށްފަހު، އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމައި އިއްޔެ ހަވީރު ވަނީ އެ ބިލު ފާސްކޮށްފައެވެ. އަދި އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރޭ ތަސްދީގު ވެސް ކުރައްވައިފައެވެ. އެ ބިލު ރައީސް ތަސްދީގު ކުރެއްވުމުން ރޭ ވަނީ ސަރުކާރު ގެޒެޓުގައި ޝާއިއު ވެސް ކޮށްފައެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވައި ރައްޔިތުންގެ މަޖިލީހުން އިއްޔެ ހަވީރު ފާސްކުރި އިސްލާހުގައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކި ކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.
މެންބަރަކު މިހާރު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުން ވެސް މެންބަރުގެ ގޮނޑި ގެއްލޭނެއެވެ.
މި އިސްލާހު ގާނޫނު އަސާސީއަށް ހުށަހެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަޒާހަތްތެރިކަން ދެމެހެއްޓުމާއި މެންބަރުން "ގަނެވިއްކުން" ހުއްޓުވުމެވެ. އަދި މި އިސްލާހާ އެކު ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދޭނެ ކަމަށް ވެސް ސަރުކާރުން ގަބޫލުކުރެއެވެ.
"މަޖިލީހަށް 99 ޕަސެންޓް މެންބަރުން ހޮވިވަޑައިގަންނަވަނީ ވަކި ފިކުރެއްގެ، ވަކި ޕާޓީއެއްގެ ޓިކެޓުގައި؛ އެކަމަކު ވަކި ހިސާބަކުން އަމިއްލަ މަސްލަހަތު އިސްކުރައްވައި ޕާޓީ ބަދަލު ކުރައްވާ. އޭގެ ސަބަބުން ރައްޔިތުންގެ ހައްގުތަކެއް ގެއްލޭ. "އަޅުގަނޑުމެން މިއަދު މި ކޮށައިދެނީ މެންބަރުންގެ ނަޒާހާތްތެރިކަން އިތުރުވާނެ މަގެއް. މެންބަރުންގެ އިއްޒަތާއި ގަދަރު އުފުލޭނެ މަގެއް،" މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲ އިއްޔެ ވިދާޅުވިއެވެ.
އިއްޔެ ފާސްކުރި އިސްލާހުން ސާބިތުކޮށްދިނީ މިހާރު ތިބި މެންބަރުންނަކީ އަމިއްލަ މަސްލަހަތަށް ވުރެ ރައްޔިތުންގެ މަސްލަހަތު އިސްކުރާނެ ބައެއް ކަމުގައި ކަމަށް ވެސް އަބްދުއްރަހީމް އަބުދުﷲ ވިދާޅުވިއެވެ.
ފްލޯ ކްރޮސިން އާ ގުޅިގެން އިއްޔެ ގާނޫނުއަސާސީއަށް އިސްލާހުގެނައި އިރު، 19 ވަނަ މަޖިލީހުން އުފައްދާފައިވާ އެންޓި ޑިފެކްޝަން ގާނޫނެއް ވެސް އެބަ އޮތެވެ. އެ ގާނޫނުގައި ވެސް، ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ މެންބަރަކު ގޮނޑި ގެއްލޭނެއެވެ. އެ ބިލަކީ 1 އޭޕްރިލް 2024ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. އަދި އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފައިވަނީ ހުސްވި އޭޕްރީލް މަހުގެ 15 ގައެވެ.
އެ ބިލާއި އިއްޔެ މަޖިލީހުން ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ތަފާތު ކަންތައްތަކެއް އެބަހުއްޓެވެ، އެއް ކަމަކީ ކުރިން ފާސްކޮށްފައިވާ ގޮތުން ނަމަ، މެންބަރަކު މިހާރު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ހަތް ދުވަސް ތެރޭގައި މެންބަރުކަމުން އިސްތިއުފާދޭން ޖެހުމެވެ. ނަމަވެސް އެގޮތަށް އިސްތިއުފާ ނުދީފި ނަމަ އެޅޭނެ ފިޔަވަޅެއް އެ ގާނޫނުގައި ބުނެފައެއް ނެތެވެ. އަދި ކަން ކުރަންވީ ގޮތެއް ވެސް ބަޔާންކޮށްފައެއް ނެތެވެ.
އިއްޔެ ފާސް ކުރި އިސްލާހުގައި އެ ބާރު، އެ މެންބަރަކު އިންތިހާބުވި ޕާޓީއަކަށް ވަނީ ވަރަށް ބޮޑަށް ދީފައެވެ. އެގޮތުން ޕާޓީން، އެ މެންބަރަކާ މެދު ފިޔަވަޅު އަޅައި ވަކިކޮށްފިނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. މިއީ އިއްޔެ ފާސްކުރި އިސްލާހާ ގުޅިގެން އެންމެ ބޮޑު ބަހުސެއް ވެސް އުފެދުނު މައްސަލައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން "ވަން" އަށް ވިދާޅުވި ގޮތުގައި ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން ހޮވާ ބައެއް ކަމަށާއި އެހެންކަމުން އެމީހުން ވަކި ކުރުމުގެ ބާރު ވެސް ލިބިގެން ވަނީ ރައްޔިތުންނަށް ކަމަށެވެ. ޕާޓީއަކުން މެންބަރަކު ވަކި ކުރެވޭނަމަ، އެއީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އާންމު އުސޫލެއްގެ ގޮތުން އެބަޔަކު އެޕޮއިންޓް ކުރާ ބަޔަކު ރިމޫވް ވެސް ކުރެވޭނީ އެ ބަޔަކަށް. ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން ހޮވާ ބައެއް. އެހެން ވެއްޖިއްޔާ ރައްޔިތުންގެ ވޯޓަކުން އެމީހުން ވަކި ކުރެވޭނީ. ޕެޓިޝަނެއް ހުށަހަޅައިގެން ވިޔަސް އަދި މިޑް ޓާމް އިލެކްޝަނަކުން ކަމުގައި ވިޔަސް، ވަކި ކުރެވެން ޖެހޭނީ ރައްޔިތުންނަށް. ޕާޓީއެއްގައި އިންނަ މީހާކު ސިޔާސީ ބޭނުމަށް އެމީހަކު ވަކި ކުރެވޭ ގޮތަށް އޮތީމަ ކަމަކު ނުދޭ،" އަލީ ވިދާޅުވިއެވެ.
އަލީ ފާހަގަ ކުރެއްވި ގޮތުގައި ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ކިބައިގައި ދެމި އޮންނަ ބާރެއް ޕާޓީތަކަށް ދިނުމުން، ރައްޔިތުންނަށް ވުރެ ބާރުގަދަ ބަޔަކަށް ޕާޓީތައް ވެގެންދާ ކަމަށެވެ.
އިއްޔެގެ ޖަލްސާގައި ވާހަކަދެއްކެވި ބައެއް މެންބަރުންވެސް ފާހަގަ ކުރެއްވި ގޮތުގައި މި އިސްލާހުގެ ސަބަބުން ޕާޓީތަކުން މެންބަރުން ކޮންޓްރޯލް ކުރުމުގެ ބާރު ވަރަށް ބޮޑަށް ލިބިގެންދާނެއެވެ. ޕާޓީތަކުގެ އިސްވެރިން ބޭނުން ނުވާ މެންބަރުން ވަކި ކުރުމުގެ ބާރު ވެސް ޕާޓީއަށް ލިބިގެން ދާނެއެވެ. އެކަމުގެ ސަބަބުން މެންބަރުން "ކަސްތޮޅު" އެޅިގެންދާ ކަމަށް ވެސް ބައެއް މެންބަރުން ފާހަގަ ކުރެއްވިއެވެ.
މި އިސްލާހަށް ބަދަލު ގެންނަން ޖެހޭ ކަމީ ބައެއް މެންބަރުން ފާހަގަ ކުރެއްވި ކަމެކެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބައެއް މެންބަރުން ވެސް ހިމެނި ވަޑައިގަންނަވައެވެ. އެ އިސްލާހު ވެސް ގިނަ މެންބަރުން ފާހަގަ ކުރެއްވިއެވެ. އެގޮތުން ޕީއެންސީގެ ހުރާ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަނާރާ ނައީމު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއަކުން ހޮވޭ މެންބަރުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލުމުގެ ވާހަކަ ބިލްގައި ބަޔާންކޮށްފައިވާ އިރު، އެކަން އޮންނަން ޖެހޭނެ ކަމަށް ދެކިވަޑައިގަންނަވަނީ ދާއިރާގެ އަގުލަބިއްޔަތުން މެންބަރު ވަކިކުރެވޭ ގޮތަށެވެ.
އެގޮތަށް އިސްލާހު ގެނައުމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަރަށް ބޮޑަށް ވަކާލާތު ވެސް ކުރެއްވިއެވެ. އަދި އެ އިސްލާހު ހިމެނުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް އިއްޔެ ހުށަހެޅުއްވިއެވެ.
މީކާއިލް ހުށަހެޅުއްވީ މަޖިލިސް މެންބަރަކު ޕާޓީން ވަކިކުރާ ހާލަތުގައި، އޭނާ މެންބަރުކަމުގެ މަގާމުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް އެ ދާއިރާގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ މެދުގައި ވޯޓެއް ނަގަންޖެހޭ ގޮތަށެެވެ. އެ މެންބަރަކު ވަކި ކުރުމަށް އެ މެންބަރަކު އިންތިހާބުކޮށްފައިވާ ދާއިރާއަކަށް ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ޖުމްލަ އާބާދީގެ ވަކި ޕަސެންޓެއްގެ ރައްޔިތުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފިނަމަ، އެކަން މަޖިލީހުން ބެލުމަށްފަހު އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން ވެސް އެ މެންބަރަކު މަގާމުން ވަކި ކުރެވިދާނެ ކަމަށް ވެސް ހުށަހެޅުއްވިއެވެ. ނަމަވެސް އެ އިސްލާހު ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.
އަށާރަ ވަނަ މަޖިލީހުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންނެވުމުގެ ސަބަބުން އޭރު ގޮނޑި ގެއްލުވާލި ޕީޕީއެމްގެ 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ ވެސް ވަނީ ޕާޓީން ބޭނުން ވަގުތަކު، މެންބަރު ވަކިކުރެވޭނެ ގޮތަށް އޮތުމަށް ތާއީދު ނުކުރައްވާކަން ގަބޫލު ކުރައްވައި އޭނާ ދެކެވަޑައިގަންނަވާ އިސްލާހެއް ވިދާޅުވެފައެވެ.
ސައުދުﷲ ގަބޫލު ކުރައްވާ ގޮތުގައި، ޕާޓީން ކަނޑާލާ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅަން ވާނީ ވެސް ހައި ކޯޓުން ނުވަތަ ސުޕްރީމް ކޯޓާ ހަމައިންނެވެ.
"އެއީ މެންބަރަކު މަޖިލީހަށް އަންނަނީ ވެސް މެންބަރު ވެސް އަދި މެންބަރުގެ ފަރާތުން މަސައްކަތްތަކެއްކޮށް، ވަރަށް ގިނަ ހަރަދުތަކެއް ކޮށްގެން. އެހެންވީމަ، ޕާޓީން ބޭނުންވާހާ ވަގުތަކު، އެ ބޭނުންވި ގޮތަކަށް ވަކި ކުރުމުގެ އިހްތިޔާރު އޮތުމުގެ ސަބަބުން އެއީ އެންމެ ހަމަޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ސައުދުﷲ ވިދާޅުވިއެވެ.
ނަމަވެސް އެ އިސްލާހު ފާސްކޮށްފައިވަނީ ކޮމިޓީ މަރުހަލާގައި އެއްވެސް ބަދަލެއް ނުގެނެހެވެ. އެ އިސްލާހު މަޖިލީހުން ވެސް ފާސްކުރީ ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެހެވެ.
އިއްޔެ ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީގެ އެހެން މާއްދާތަކާ ތައާރުޒުވާ އިސްލާހެއް ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މި އިސްލާހުގައި އެންމެ ބޮޑަށް ހަނިކޮށްފައިވަނީ މަޖިލިސް މެންބަރުންގެ ހިޔާލުފާޅުކުރުމާއި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ހައްގު ކަމަށް އެ ފަރާތްތަކުން ދެކެއެވެ. އެއީ ގާނޫނު އަސާސީއާ ތައާރުޒުވާ ކަމެއް ކަމަށް އަލީ ހުސެއިން ވެސް ފާހަގަ ކުރެއްވިއެވެ.
"ގާނޫނު އަސާސީ ތަސައްވުރު ކުރާ ގޮތުން ރައްޔިތުންގެ މަޖިލީހަކީ ވަކި ބާރެއް. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިނިވަންކަން ގެއްލޭ އެއްވެސް ކަމެއް އެއްވެސް މާއްދާއެއް ނުވަތަ އެއްވެސް އިސްލާހެއް ގާނޫނު އަސާސީއަށް ގެނެސްފިނަމަ ތައާރަޒުވާނެ. ގާނޫނު އަސާސީގެ އަސާސީ ސިފައެއް އެއީ މަޖިލިސް މިނިވަން ވެފައި އޮތުން. އެހެންކަމުން މިނިވަންކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެންނަން އިސްލާހު ވެސް ގާނޫނު އަސާސީއާ ހިލާފުވާނެ،" އަލީ ހުސެއިން ވިދާޅުވިއެވެ.
އަލީ ހުސެއިންގެ އިތުރުން މަޖިލީހުގެ ދިއްގަރު ދާއިރާ ކުރީގެ މެންބަރު ފާރިސް މައުމޫން ވެސް ވަނީ މި އިސްލާހު ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ (ހ) އާ ފުށުއަރާ ކަމަށް ވިދާޅުވެފައެވެ.
"ޤާނޫނު އަސާސީއަށް ގެންނަން ހުށަހަޅާފައިވާ ބަދަލަކީ މަޖިލިސް މެންބަރަކު އިންތިހާބުވުމަށްފަހު، ދާއިރާގެ ރައްޔިތުންނާއި އެ މެންބަރަކާ ދެމެދު އޮންނަން ޖެހޭ ގުޅުން އެއްކޮށް ކަނޑުވާލައި، ރައްޔިތުންގެ ބާރު މުޅިން ނިގުޅައިގަންނަ ބަދަލެއް. މި ބަދަލަކީ ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ (ހ) އާ ކަނޑައެޅިގެން ފުށުއަރާ ބަދަލެއް،" ފާރިސް ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ އެމަޖިލީހުގެ ކޮމިޓީއެއްގައި، މަޖިލީހުގެ މެންބަރަކު ނުވަތަ އެނޫން ވެސް މީހަކު އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެ މަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓް ދިނުމުގައި އަމަލު ކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާ މެދު ދައުވާއެއް ކޮށް ހަދައިގެން ނުވާނެ ކަމަށެވެ.
އެ މާއްދާއަށް ރިއާޔަތް ކޮށް އަލީ ހުސެއިން ވެސް ވިދާޅުވިގޮތުގައި މަޖިލީހުގެ މެންބަރަކު ވޯޓުލީ ގޮތަކުން ނުވަތަ ވިޕްލައިނާ ހިލާފުވުމުގެ ސަބަބުން، އޭނާ ޕާޓީން ވަކިވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް އޮތުމަކީ 90 ވަނަ މާއްދާއާ ފުށުއަރާނެ ކަމެކެވެ. މިހާރު އޮތް ގޮތުން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މެންބަރުންގެ މިނިވަންކަމާ ގުޅޭ މާއްދާތައް ވެގެންދާނީ ރަމްޒީ މާއްދާތަކެއްގެ ގޮތުގައި ކަމަށް ވެސް އަލީ ފާހަގަ ކުރެއްވިއެވެ.
މި އިސްލާހު ގާނޫނު އަސާސީއާ ތައާރުޒުވާތީ، ސުޕްރީމް ކޯޓަށް ހުށަހަޅައިގެން އިސްލާހު ބާތިލު ކުރުމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލައިފައެވެ. އޭގެ ތެރޭގައި ފާރިސް އާއި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ހިމެނިވަޑައިގަންނަވައެވެ.
އެބޭފުޅުން ވަނީ މި މައްސަލަ ކޯޓަށް ހުށަހެޅުމަށް ބާ ކައުންސިލަށް ގޮވާލައްވައިފައެވެ. ދިޔާނާ ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާ އިރު ފާހަގަކުރެވޭނެ ބައެއް ކަންތައްތައް ވެސް ހިއްސާ ކުރައްވައިފައެވެ. އެގޮތުން އޭނާ ވަނީ ބައެއް ގާނޫނުތައް ހިއްސާކުރައްވައި، މި އިސްލާހާ ފުށުއަރާ ސަބަބުތައް ވެސް ބަޔާކުރައްވައިފައެވެ. އެއީ؛
- ގާނޫނު އަސާސީ އިސްލާހު ކުރެވޭނީ ބިލަކުން؛ ބިލާ މެދު އަމަލުކުރާނެ އިޖުރާއަތު މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވޭ. އެ އިޖުރާއަތަށް ބެލުމުން ވިސްނުމާއި މަޝްވަރާ އާއި ދިރާސާއަށް ޓަކައި އެއް މަރުހަލާ އާއި އަނެއް މަރުހަލާއާ ދެމެދު އެކަށޭނަ ވަގުތު އޮތުން ގަވައިދު ތަސައްވުރުކުރާކަން އެނގޭ
- ގާނޫނު އަސާސީގެ ދެވަނަ މާއްދާގައި ދިވެހި ރާއްޖެއަކީ ޑިމޮކްރެޓިކް ދައުލަތެއް ކަމަށް ބުނޭ
- ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާގައި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ބުނޭ
- ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދޭ. މި މިނިވަންކަމުގެ އަނެއް ފުށުގައި އޮތީ ޚިޔާލު ފާޅުކުރުން ފަހިކުރަން ދައުލަތުގެ މައްޗަށް އޮތް އީޖާބީ އިލްތިޒާމް. ގާނޫނު އަސާސީއަށް ބަދަލު ގެނައުން ފަދަ އަސާސީ ކަމެއްގައި ހިޔާލު ފާޅުކުރަން ފުރުސަތު ނުދިނުން އެއީ އެ މާއްދާއާ ހިލާފުވުން
- ގާނޫނު އަސާސީއަކީ ރައްޔިތުންނާ ވެވުނު ސިޔާސީ އަގުދުގެ އެންމެ އަސާސީ އިންތިޒާމް ބަޔާންކުރާ މަސްދަރު، ރައްޔިތުންގެ މަޝްވަރާ ނެތި އެއަށް ގެނެވޭ ބަދަލު ގާނޫނީ ގޮތުން ބަލައި ނުގަނެވޭ
ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހާ ގުޅިގެން ދެން އުފައްދާ އަނެއް ސުވާލަކީ މި ދައުރުގެ މަޖިލިސް މެންބަރުންނަށް މި އިސްލާހު ހިނގާނެތޯއެވެ. އެ ސުވާލު އުފައްދާ އެއް ކަމަކީ އެކަން ސާފުކޮށް ބަޔާންކޮށްދީފައި ނެތުމެވެ.
އަލީ ހުސެއިން ވިދާޅުވި ގޮތުގައި އިއްޔެ ގެނައި އިސްލާހު މިހާރުގެ މެންބަރުންގެ މައްޗަށް ނުހިނގާނެ ސަބަބަކީ ފަހުން ހެދި ގާނޫނެއް، ކުރިން ހިނގާފައިވާ ކަމަކަށް ނުވަތަ މާކުރިން މަޖިލީހަށް ހޮވިފައިވާ ބައެއްގެ މައްޗަށް ރެޓްރޮސްޕެކްޓިވްކޮށް ތަތުބީގު ނުކުރެވޭނެތީއެވެ. އެގޮތަށް އެކަން ކުރެވޭނީ ގާނޫނުގައި ލިޔެގެންނެވެ.
އެކަން އެގޮތަށް ކޮށްފައިވާ ގޮތުގެ އެއް މިސާލަކީ ރައީސް ޔާމީން ދައުރުގައި މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނެވެ. އެ ގާނޫނު ފާސްކޮށްފައި އޮތީ އެ ގާނޫނު ވުޖޫދު ކުރި ދުވަހަށް ވުރެ ކުރިން ހިނގާފައިވާ ކަންކަމުގެ މައްޗަށް ވެސް ތަންފީޒު ކުރެވޭ ގޮތަށެވެ.
އެގޮތުން ވަކި ތާރީހެއް ގާނޫނުގައި ލިޔެފައިވެއެވެ. އެ ގާނޫނުގެ ތިން ވަނަ މާއްދާގައި ވަނީ މީލާދީން 13 ޖުލައި 2017 ވަނަ ދުވަހުން ފެށިގެން މި މާއްދާގައި ބަޔާންކޮށްފައިވާ ހާލަތެއް ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރަކަށް މެދުވެރިވެއްޖެނަމަ، އެ ގާނޫނު ހިނގާނެ ކަމަށެވެ.
މީގެ އިތުރުން 2008 ގައި ގާނޫނުއަސާސީ އިސްލާހު ކުރުމުން، އޭރު ހިނގަމުން އައި ރައްޔިތުންގެ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނުނިމެނީސް އަލުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް 2009 ގައި ބާއްވާ ގޮތަށް ގާނޫނުއަސާސީގައި ކަނޑައެޅިއެވެ. އެގޮތަށް ކަނޑައެޅީ ރައްޔިތުންގެ މަޖިލީހަށް އަސަރު ކުރާ ފަދަ ބަދަލުތަކެއް ގާނޫނު އަސާސީން ގެނައުމުން، އޭރު ތިއްބެވި މެންބަރުންގެ ސައްހަ ކަމާމެދު ސުވާލު އުފެދުމުންނެވެ. އަދި ގާނޫނާ ވެސް ތައާރުޒު ވުމުންނެވެ. އެއީ އެ މެންބަރުން އިންތިހާބުވެފައި އޮތީ ކުރީގައި އޮތް ގާނޫނު އަސީސީއަކުން ކަމަށްވާތީއެވެ. އެހެންވެ އަލުން ރައްޔިތުންގެ މަޖިލިސް އިންތިހާބު ކުރަން ޖެހުނީއެވެ.
އެހެންކަމުން އިއްޔެ ފާސްކުރި އިސްލާހުގައި އެކަން ވަކިން ބަޔާންކޮށްފައި ނެތުމާއި އާ އިސްލާހެއް އައުމުން ގާނޫނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭނެ ކަމަކަށް ވެދާނެ ކަމަށް ބައެއް ބޭފުޅުން ދެކިވަޑައިގަންނަވައެވެ. މިހާރުގެ މެންބަރުންނަށް މި ގާނޫނު ހިނގާނެތޯ ނުވަތަ ނޫންތޯ، ނުހިނގާނަމަ އެއީ ކީއްވެގެންތޯ، އަދި ހިނގާނަމަ އެއީ ކީއްވެގެންތޯ ސާފުކޮށް އެނގެން ޖެހެއެވެ. އެ ބޭފުޅުން އިންތިހާބުވެގެން އައީ މި މާއްދާ ނެތް ގާނޫނުއަސާސީއެއްގެ ދަށުން ކަމަށްވާތީ އެ މެންބަރުންގެ ސައްހަ ކަމާ މެދު ވެސް އޮތީ ސުވާލު އުފެދިފައެވެ.
ދެން އޮތް އަނެއް ކަމަކީ ވިޕާ ހިލާފުވެގެން ނުވަތަ އެނޫން ވެސް ސަބަބެއް މެދުވެރިވެގެން މެންބަރަކު ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވާލައިފި ނަމަ، އެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑަ އަޅައި ބައި-އިލެކްޝަން ބޭއްވިދާނެތޯއެވެ. މި ސުވާލު އުފައްދަން ޖެހޭ އެއް ސަބަބަކީ އެގޮތަށް ވަކި ކޮށްފިނަމަ، އިސްތިއުނާފަށް ހުށަހެޅޭނެ ބައިވަރު މަރުހަލާތައް ޕާޓީ ނިޒާމުގެ ތެރެއިން ހުރުމެވެ.
އެގޮތުން ސުލޫކީ ކޮމެޓީގެ ނިންމުމާ މެދު ހިތްހަމަ ނުޖެހޭ ނަމަ ޕާޓީގެ އިސްތިއުނާފު ކޮމިޓީއަށް ދިއުމުގެ ފުރުސަތު އޮވެއެވެ. އަދި ޝަރުއީ ކޯޓުތަކަށް ދިއުމުގެ ފުރުސަތު ވެސް މެންބަރުންނަށް އޮވެއެވެ. އެހެން ނަމަވެސް ގޮނޑި ގެއްލިއްޖެކަން ކަނޑައަޅައި ބައި އިލެކްޝަންސް ބާއްވާނީ ކޮން މަރުހަލާއަކުން ކަން ވެސް ސާފުވާން ޖެހެއެވެ.
މީގެ އިތުރުން ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް މެންބަރަކު ހޮވިފައިވަނިކޮށް އެ ޕާޓީއެއް އުވާލައިފި ނަމަ، ދެން ހަދަން ޖެހޭނެ ގޮތަކީ ނުވަތަ އަމަލު ކުރަން ޖެހޭނެ ގޮތަކީ ކޮބައިކަން ވެސް އެނގެން ޖެހެއެވެ. އެއީ ގާނޫނަކުން އެނގެން އޮންނަން ޖެހޭނެ ކަންކަން ކަމަށްވެސް ބައެއް ބޭފުޅުން ފާހަގަ ކުރައްވައެވެ.
ގާނޫނު އަސާސީއަށް އިސްލާހު ގެނައި ނަމަވެސް، އެ އިސްލާހުތައް ހަރުދަނާ ކުރުމަށް ގާނޫނުތަކެއް އައުން މުހިއްމެވެ. ނޫނީ ކުރިން ހަދާފައިވާ އެންޓި ޑިފެކްޝަން ގާނޫނަށް އިތުރު މާއްދާތަކެއް ހިމަނައިގެން އެކަންކަން ރަނގަޅަށް ސާފުކޮށް ބަޔާންކޮށްދޭން ޖެހެއެވެ.
އެ ބަދަލުތައް ގެންނަން ޖެހޭކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވި ގޮތުގައި ޕާޓީން ވަކި ކުރެވޭނެ އިސްލާހުތައް ހިމަނައި ގާނޫނެއް އަންނަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރަން ޖެހޭނީ ވީހާވެސް ގިނަ މެންބަރުންގެ މަޝްވަރާތަކާ އެކު ކަމަށެވެ. އަދި އެ ގާނޫނު ހުށަހެޅިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕާޓީ ބަދަލު ކުރުމުން، ނުވަތަ ޕާޓީން ވަކި ވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ގިނަ ބަޔަކު ތާއީދު ކުރާ އިސްލާހެކެވެ. އެ އިސްލާހާ ގުޅިގެން މަޖިލިސް މެންބަރުންނާ މެދު އާންމުންގެ މެދުގައި އޮންނަ ޝައްކުތަކާއި އެމީހުންގެ ނަޒާހަތްތެރިކަމާ މެދު އޮތް ސުވާލުތައް ހުއްޓިގެން ދާނެއެވެ. ރައީސް ޑރ. މުއިއްޒު ވެސް ވިދާޅުވި ގޮތުގައި މި އިސްލާހުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ބާރުއަޅައި، ގައުމުގައި ހަމަޖެހުން ގާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ. މި ބިލާއެކު ގެންނަން ޖެހޭ އިސްލާހުތައް ގިނަ ނަމަވެސް އެ އިސްލާހުތަކާ އެކު މި ގާނޫނު އިތުރަށް ފުރިހަމަ ކުރެވިގެންދާނެއެވެ. އާންމުންގެ ވިސްނުމަށް ބަލާއިރު، މެންބަރުން ގަނެވިއްކުމުގެ ބާޒާރު ބަންދުވުމަކީ މި ގާނޫނާ އެކު އައި ހެޔޮ ބަދަލެކެވެ. ކޮންމެ ވޯޓަކަށް ބަޓަން ވިއްކުން މި ކަމުގެ ސަބަބުން ހުއްޓުމަކަށް އަންނާނެ އެވެ. ރައްޔިތުން ހޮވި މެންބަރު، ރައްޔިތުން ހޮވި ހައިސިއްޔަތުގައި ދެމިހުންނާން ޖެހޭނެ ކަމުގެ ޔަގީންކަންވެސް މި ބަދަލުން ލިބޭނެ އެވެ. އަމިއްލަ އަށް ހޮވުނު ނަމަ އެ ހައިސިއްޔަތުގަ އެވެ. ޕާޓީ ވިއްކައިގެން ހޮވުނު ނަމަ އެ ހައިިސިއްޔަތުގަ އެވެ. ކޮންމެ ހައިސިއްޔަތެއްވިޔަސް، އެއީ ރައްޔިތުން އޭނާއަށް އިތުބާރުކޮށް ވޯޓު ދިން ހައިސިއްޔަތެވެ. މެންބަރު ބޭޖުންވާ ކޮންމެ ފަހަރަކު، ގޮނޑި ނުވަތަ ވޯޓުތައް ވިއްކިގެންވެސް ނުވާނެ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް