އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ ބިލުގެ މަސައްކަތް ތާވަލާ އެއްގޮތަށް ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ސަރުކާރު ހިންގާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ޕީއެންސީން މިރޭ ނެރުނު ބަޔާނެއްގައި އެހެން ބުނެފައި މިވަނީ، އިޒްރޭލުން ގާޒާގައި ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި، އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ގޮތުން "ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު" އަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގެ މަސައްކަތް އަވަސްކުރަން ބާރު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން މިއަދު ބޭރުކޮށްލާފައިވަނިކޮށެވެ.

ޕީއެންސީން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ ގަރާރު ބަލައިނުގަތުމަށް އެ ޕާޓީގެ ޕީޖީ ގްރޫޕުން ވޯޓުދިނީ މިއަދު މަޖިލީހުގައި ކުރަން ހުރި މަސައްކަތްތަކުގެ ވަގުތު ނަގައިލުމުގެ ބޭނުމުގައި އެއްވެސް ހެޔޮ ނިޔަތެއް ނެތި މަޖިލީހަށް ވެއްދި ގަރަރާއް ކަމުގައި ދެކޭތީ ކަމަށެވެ.

"އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ ބިލުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން މި ޕާޓީގެ ފަރާތުން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ..،" ޕީއެންސީގެ ބަޔާނުގައި ބުންޏެވެ.

ޕީއެންސީން ބުނީ އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ބައިނަލްއަގުވާމީ މަސްރަހުގައި އެންމެ ހަރުއަޑުން ކުށްވެރިކުރައްވައި، ފަލަސްތީނު ރައްޔިތުންނަށްޓަކައި އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ މިނިވަން މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށާއި، ޣައްޒާއަށް އިންސާނީ އެހީތެރިކަން ހުއްޓުމެއްނެތި ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމަށާއި އިޒްރޭލު ޖަވާބުދާރީކުރުވުމަށް އެންމެ ވަރުގަދައަށް ވަކާލާތުކުރައްވާ އެއް ލީޑަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

"ދިވެހިރާއްޖޭގައި މީގެ ކުރީން އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތް، ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ކުރާކަން، ރާއްޖޭގެ ރައީސްކަން ކުރީން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން ވެސް ދަނީ މީޑިއާގައި ފާޅުކުރައްވަމުންނެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެންމެ ބޮޑު މާލީ އެހީތެރިކަމެއް މިހާތަނަށް ވެދިނީވެސް ޕީއެންސީން ސަރުކާރު ހިންގުމުގައި މި ހޭދަކުރި އެއް އަހަރުއެވެ..،" އެ ޕާޓީން ބުންޏެވެ.

ޕީއެންސީން އިތުރަށް ބުނީ އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ މަސައްކަތް އެކަމާ ގުޅޭ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު ކުރިއަށްގެންގޮސް، އެކުލަވާލާފައިވާ ތާވަލާ އެއްގޮތަށް އެ މަސައްކަތް ނިންމާނެކަމާ މެދު އެ ޕާޓީން ޝައްކުނުކުރާ ކަމަށެވެ.

އެ ބިލަކީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް 241 ކޮމިޓީއަށް ފޮނުވީ، މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.

ބިލުގެ މަސައްކަތް ނުފަށައި ކޮމިޓީގައި އޮންނަތާ ގިނަ ދުވަސްވުމާ ގުޅިގެން، ބިލު ހުށަހެޅުއްވި މެންބަރު މީކާއީލް ވަނީ، ބިލުގެ މަސައްކަތް ހުއްޓާލާފައިވާ ސަބަބު އޮޅުންފިލުވައިދިނުމަށް މަޖިލިސް ރައީސް އަބްދުއްރަހީމް އަބުދުﷲގެ ކިބައިން އެދިވަޑައިގެންފައެވެ. މީކާއީލް އެކަމަށް އެދިވަޑައިގެންފައިވަނީ، މަޖިލިސް ރައީސަށް ފޮނުއްވި ސިޓީއެއްގައެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެވަގުތު ތިއްބެވި 88 މެންބަރުންގެ އިއްތިފާގުންނެވެ.

މީކާއީލް އިސްލާހު ހުށަހަޅުއްވާފައި ވަނީ އިމިގްރޭޝަންގެ ގާނޫނުގެ އަށް ވަނަ މާއްދާއަށެވެ. އެ މާއްދާއަކީ "ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހުން" ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައި ވަނީ ރާއްޖެއަށް އެތެރެ ނުވެވޭނެ ހަތް ކެޓަގަރީއެއްގެ ބަޔަކު ކަނޑައަޅައިފައެވެ. މީކާއީލް އިސްލާހު ހުށަހެޅުއްވީ އަށް ވަނަ މާއްދާގެ ހަތްވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކޮށް އެ ކެޓަގަރީގައި އިޒްރޭލު ޕާސްޕޯޓް ގެންގުޅޭ މީހުން ހިމެނުމަށެވެ.

ފަސް މަހަށްފަހު އެ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ފަށާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ކޮމިޓީން ނިންމާފައިވަނީ ބިލުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ނިންމުމަށެވެ.

އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ގާނޫނު އިސްލާހުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ވެސް ވަނީ ނިންމައިފައެވެ.

މިއަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ ފަލަސްތީނަށް އަވަސް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކެބިނެޓުގައި މަޝްވަރާކޮށް މުހިއްމު ކަންތައްތަކެއް މިހާރު ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ، ކެބިނެޓުގެ ބައްދަލުވުމުގައި ރައީސް ނިންމަވާފައިވަނީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން ކަމަށެވެ. އެހެންވެ، އެކަމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށެވެ.