ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ހާއްސަ އިގުތިސާދީ ސަރަހައްދަށް ބަދަލު ގެންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތަށް ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން މިއަދު ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ތަސްދީގު ކުރައްވައިފިއެވެ.

ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބިލެއް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. އެ ބިލު ބަލައިގަނެ، ދިރާސާކޮށްފައި ވަނީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ. އަދި ކޮމިޓީން ގެނައި އިސްލާހުތަކަކާއެކު ތަޅުމަށް ފޮނުވި ރިޕޯޓަށް ވޯޓަށް އެހީ މިއަދު ހަވީރު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

އެގޮތުން ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 78 މެންބަރުން އެ އިސްލާހަށް ތާއީދު ކުރެއްވިއެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ. އެއީ އެމްޑީޕީގެ 12 މެންބަރުންނާއި އައްޑޫމީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާނެވެ.

ރައީސް އެ ބިލު ތަސްދީގުކޮށް ގެޒެޓުގައި ޝާއިއުކުރުމުން ރާއްޖޭގައި އަސްކަރީ ބޭނުމަކަށް ބޭރުގެ ސިފައިން ތިބެވޭނީ އަދި ހަރަކާތްތެރިވެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެންނެވެ. ނަމަވެސް އަސްކަރީ ނޫން ހަރަކާތްތަކުގައި އަދި އެއްބަސްވުންތަކުގެ ދަށުން ހިންގާ ތަމްރީނުތަކުގައި ރާއްޖޭގައި ބޭރުގެ ސިފައިންނަށް ހަރަކާތްތެރިވެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށް، ރައީސް މިއަދު ތަސްދީގު ކުރެއްވި އިސްލާހުތަކުގެ ތެރޭގައި ދެން ހިމެނެނީ ކުރު ރާސްތާއަށާއި މެދު ރާސްތާއަށާއި ދުރު ރާސްތާއަށް އަމާޒުކޮށް ގައުމީ ތަރައްގީގެ ޕްލޭންތަކާއި ތަސައްވުރުތައް އެކަށަ އެޅުން ހިމެނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށާއި ރާއްޖޭގެ ސަރަހައްދަށް ބަދަލެއް ގެނައުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ރުހުން ހޯދަންޖެހޭ ގޮތަށް ހެދުމަށެވެ.