މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، އިތުރު އެއް އަހަރަށް އެ ކްލަބުގައި މަޑުކުރަން އެއްބަސްވުން އާކޮށްފިއެވެ.

ގާޑިއޯލާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް އިރު، އޭނާގެ މުސްތަގުބަލާ މެދު އޮތީ ސުވާލު އުފެދިފައެވެ. ސީޒަނުގެ ކުރިން ގާޑިއޯލާ ބުނީ ސިޓީގައި އިތުރަށް މަޑުކުރުމާމެދު ވަކި ގޮތެއް ނުނިންމާ ކަމަށާއި، ބޮޑަށް ވިސްނުން ހުރީ ކެރިއަރުގައި އެހެން ދިމާލަކަށް ދިޔުމަށް ކަމަށެވެ.

ގާޑިއޯލާ އެހެން ބުނެފައިވީ ނަމަވެސް، އިތުބާރު ނޫސްތައް ބުނީ އިތުރު އެއް އަހަރަށް ސިޓީގައި މަޑުކުރަން ގާޑިއޯލާ އެއްބަސްވެ، ސޮއިކުރަން ތައްޔާރުވެފައިވާ ކަމަށެވެ. އެކަމަށް ސިޓީގެ ބަހެއް އަދި ނުލިބެއެވެ.

މިދިޔަ ނުވަ އަހަރު ސިޓީގައި ހޭދަކުރި ގާޑިއޯލާ، އެ ކްލަބާއެކު ގިނަ ކާމިޔާބީތަކެއް ވަނީ ހޯދައިފައެވެ. އެ ކްލަބުވެފައި ވަނީ ޓްރެބަލް ކާމިޔާބުކުރި ދެވަނަ އިނގިރޭސި ޓީމަށެވެ. އެއީ އެފްއޭ ކަޕާއި ޕްރިމިއާ ލީގު އަދި ޗެމްޕިއަންސް ލީގު އެއް ސީޒަނެއްގައި ހޯދައިގެންނެވެ.

އޭގެ އިތުރުން ސިޓީ ވެފައިވަނީ ޖެހިޖެހިގެން ހަތަރު ފަހަރަށް އިނގިރޭސި ލީގު ހޯދި ހަމައެކަނި ޓީމަށެވެ.