ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މާކެންޓައިލް އިންޓަ އޮފީސް-ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މައްޗަށް ކުރި ހޯދައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ޗެމްޕިއަންކަން ހޯދައިފިއެވެ.

އޮފީސް ކޮމްޕެނީ މުބާރާތުގެ ގަވާއިދުގައި އޮންނަ ގޮތުން ޓީމުތަކަށް ކުޅެވެނީ އޮފީސްތަކުގައި މަސައްކަތް ކުރާ ކުޅުންތެރިންނަށް އެކަންޏެވެ. އަދި ގައުމީ ސީނިއާ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށްވެސް ނުކުޅެވޭ އިރު، މިފަހަރު ޓީމުތަކުން ފެނުނީ ތަފާތު ބަދަލުތަކާއެކުގައެވެ.

ފިރިހެން ޑިވިޝަނުގައި މިފަހަރު ޕޮލިހާއި އެމްއެންޑީއެފްގެ އިތުރުން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރެކްރިއޭޝަނާއި އިމިގްރޭޝަންސް ވާދަކުރި އިރު، ޕޮލިހުން އެއްވަނަ ހޯދައި ފައިނަލްގެ ސީދާ ޖާގަ ހޯދިއެވެ. ސެމީގައި ކުޅެގެން އެމްއެންޑީއެފް ފައިނަލަށް ދިޔަ އިރު، ރޭ ޕޮލިހުން އެމްއެންޑީއެފް ބަލިކުރީ 3-1 ސެޓުންނެވެ.

ފުރަތަމަ ސެޓު އެމްއެންޑީއެފުން 25-23 އިން ގެންދިޔަ އިރު، ޕޮލިހުން އަނެއް ތިން ސެޓު ގެންދިޔައީ 22-25، 08-25 އަދި 25-27 އިންނެވެ.

މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މުބާރާތު މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ޕޮލިހުގެ ޝާމިލް މުހައްމަދެވެ. އެންމެ މޮޅު ހަ ކުޅުންތެރިންނަކީ ސްޕޯޓްސް މިނިސްޓްރީގެ މުހައްމަދު ފައިސަލާއި އެމްއެންޑީއެފްގެ ޖުނައިދު އަބްދުﷲ، މުހައްމަދު މުނީފްގެ އިތުރުން ޕޮލިހުގެ ޝާމިލް، މައުޒޫން ނިޔާޒް، މުހައްމަދު ހަމްދޫން އަދި އަހުމަދު އިލްހާމް އަލީއެވެ.

އެންމެ މޮޅު ކޯޗަކީ ޕޮލިހަށް ތަށި ހޯދައިދިން ފަތުހުﷲ ވަހީދު (ފައްލޯ) އެވެ.