ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން (އިއްބެ)ގެ ޑްރީމްސް ހޯލްޑިން ކުންފުނިން ޕެންޝަންގެ ގޮތުގައި ޖަމާނުކޮށް ހުރި 53،071.94 ރުފިޔާ، ޖަމާކުރުމަށް އަންގައި ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ޕެންޝަން އޮފީހުން، ސިވިލް ކޯޓުގައި ޑްރީމްސް ހޯލްޑިންއާ ދެކޮޅަށް ކުރި ދައުވާގައި ބުނީ "ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު"ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޑްރީމްސް ހޯލްޑިންސްއިން 2019، 2021، 2022، 2023 އަދި 2024 ގެ ބައެއް މަސްތަކުގައި ޕެންޝަން ފައިސާ ޖަމާކޮށްދީފައި ނުވާ ކަމަށެވެ. އެއީ ޖުމްލަ 51،814.50 ރުފިޔާ ކަމަށާއި ޖޫރިމަނާއާ އެކު އެ އަދަދު ވަނީ 53،071.94 ރުފިޔާ އިތުރުވެފައި ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

އެހެންކަމުން އެ ފައިސާ ދައްކައިދިނުމަށް އެދި ޑްރީމްސް ހޯލްޑިންސްގެ މައްޗަށް އަމުރުކޮށްދިނުމަށް ޕެންޝަން އޮފީހުން ވަނީ ދައުވާގައި އެދިފައެވެ.

ޕެންޝަން އޮފީހުގެ އެ ދައުވާއަށް ޑްރީމްސް ހޯލްޑިންސްގެ ފަރާތުން ރައްދުދީފައެއް ނުވެއެވެ. ދައުވާ ފޯމާ ހަވާލުވިކަމުގެ ލިޔުން ވެސް ހުށަހަޅައިފައެއް ނުވެއެވެ.

މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު އަބްދުއްމަތީން މައްސަލައިގެ ރައުޔުގައި ވިދާޅުވީ ދައުވާ ފޯމާ ހަވާލުވިކަން އަންގައިދޭ ލިޔުން ހުށަހަޅައިފައިނުވާ ނަމަ، އަދި ދައުވާއަށް ރައްދުދީފައި ނުވާނަމަ ދައުވާ ލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމުމަށް ހުށަހެޅިދާނެ ކަމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެކަން ފާހަގަކޮށް ސިވިލް ކޯޓުން މި މައްސަލަ ނިންމީ ޑްރީމްސް ހޯލްޑިންސްގެ ޣައިރު ހާޒިރުގައެވެ.

ގާޒީ ވިދާޅުވީ "ދިވެހިރާއްޖޭގެ ރިޓަޔަމެންޓް ޕެންޝަން ސްކީމުގެ ގަވާއިދު"ގެ ދަށުން ޕެންޝަން ފައިސާ ނުދައްކައިފި ނަމަ، ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އެހެންކަމުން ޖޫރިމަނާގެ ގޮތުގައި ނަގައިދިނުމަށް ޕެންޝަން އޮފީހުން އެދިފައިވާ ފައިސާ ދެއްކުމަށް ޑްރީމްސް ހޯލްޑިންސްއަށް އެންގިދާނެ ކަމަށެވެ.

އެކަން ފާހަގަކުރައްވައި ގާޒީ، ޑްރީމްސް ހޯލްޑިންސްގެ މައްޗަށް ހުކުމްކުރެއްވީ 53،071.94 ރުފިޔާ ހަތަރު މަސް ތެރޭއިގައި ޕެންޝަން އޮފީހަށް ދައްކައި ހަލާސް ކުރުމަށެވެ.