"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލެ ދެވަނަ ފޭހުގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތައް ނިންމުމަށް އިތުރު 30 މިލިޔަން ޑޮލަރު ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިމް މިއަދު ވިދާޅުވީ، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ ފްލެޓްތައް ނިންމޭނީ އިތުރު 30 މިލިޔަން ޑޮލަރު ލިބިގެން ކަމަށެވެ.

ނާޒިމް ވިދާޅުވީ، އެ ފްލެޓްތައް ހަދަން ހަވާލުކޮށްފައިވަނީ، ހުރިހާކަމެއް ނިމޭގޮތަށް ނޫން ކަމަށާއި، އޭގެ ތެރޭގައި ކަރަންޓާއި ފެނުގެ ހިދުމަތް ގުޅުމަށާއި، އެތަނުގެ ސެކިއުރިޓީއަށް ފައިސާ ބޭނުންވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، އެކަންކަމަށް އަދި ފައިސާ ހަމަޖެހިފައިނުވާ ކަމަށެވެ. އޭގެ އިތުރުން އެ ފްލެޓްތައް އިމާރާތް ކުރުމުގެ މަސައްކަތަށް އިންޑިއާގެ އެގްޒިމް ބޭންކުން 85 ޕަސެންޓް ހަމަޖެއްސި ނަމަވެސް ސަރުކާރުން ހަމަޖައްސަން ޖެހޭ 15 ޕަސެންޓް ހަމަޖެއްސިފައި ނުވާ ކަމަށްވެސް ވިާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެހެން އެކަން އޮއްވައި ފްލެޓް ލިބުނު މީހުންގެ ލިސްޓެއް ސަރުކާރުން ނެރުނު ނަމަވެސް ފްލެޓް ލިބޭ މީހުންނަށް އެތަނަށް ވަދެވޭނެ ގޮތެއް ނޯންނާނެ ކަަމަށެވެ.

"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރި ފްލެޓްތަކުގެ ތެރެއިން ފްލެޓް ލިބޭނެ 4000 މީހުންގެ ލިސްޓު އާއްމު ކުރުމަށް ސަރުކާރުން އެކި ތާރީހުތައް ދިނުމަށްފަހު، މިހާރު ވަނީ މުއްދަތެއް ނެތްގޮތަށް ލިސްޓް އިއުލާނު ކުރުން ފަސްކޮށްފައެވެ. ފްލެޓް ލިސްޓް ނެރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާކަން ހާމަކޮށްފައި ވަނީ މިމަހު 16 ވަނަ ދުވަހު ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައެވެ.

މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ "ގެދޮރު ވެރިޔާ" ސްކީމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެއްޓެވި މަޝްރޫއެކެވެ.

އެ މަޝްރުއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެ މަނިކުފާނުގެ ވެރިކަމުގައި 15 ނޮވެމްބަރު 2023 ގައި ނެރުނު ނަމަވެސް، ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާއްމު ފަރާތްތަކަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުނުއިރުވެސް އެ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ފްލެޓް ހަވާލެއް ނުކުރެވުނެވެ.

އެއަށްފަހު މިހާރު އޮތް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ވެސް އެ މައްސަލަ ބަލަން ފެށިއެވެ. އަދި އެކަން ނިމި މިދިޔަ ހަފުތާގައި ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓެ ނެރެ އެއަށް ޝަކުވާ ހުށަހުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް މިހާރުގެ ހައުސިން މިިނިސްޓަރު ޑރ. އަލީ ހައިދަރު އޮތީ ވިދާޅުވެފައެވެ.

މިދިޔަ ހަފުތާ ނިމެމުންދިޔައިރުވެސް ލިސްޓު ނުނެރޭތީ، މިދިޔަ ބުރާސް ފަތިދުވަހު ބޭއްވީ ނިއުސް ކޮންފަރެންސްގެ ތެރެއިން ފްލެޓް ލިސްޓާ ބެހޭގޮތުން މީޑިއާއަކުން މިނިސްޓަރާ ސުވާލު ކުރުމުން، ވިދާޅުވީ ހަފުތާ ނިމުމުގެ ކުރީ ދުވަހު ލިސްޓް އިއުލާން ކުރައްވާނެ ކަމަށެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން ފަހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، އޭސީސީ އަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އެ ކޮމިޝަނުން އެ މިނިސްޓަރީއަށް އަންގާފައިވާ ކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން އެކުލަވައިލި ހައުސިން އެޑްވައިޒަރީ ކޮމިޓީ އާއި ހައުސިލް ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެމަތިން، އެ ސްކީމުގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމުތަކެއް މުރާޖައާ ކުރުމުގެ އެންމެހައި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

""ގެދޮރުވެރިޔާ" ސްކީމްގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރު ކުރަންޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން މި މަސައްކަތްތައް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާތީ، މި ސްކީމުގެ ވަގުތީ ލިސްޓާއި ރީ އިވެލުއޭޝަން އާ ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތަފްސީލްތައް މި މަސައްކަތްތައް ނިމުނުހާ އަވަހަކަށް އާއްމު ކުރާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ." ނޫސް ބަޔާނުގައި މިނިސްޓްރީން ބުނެފައިވެއެވެ.

އެ މަސައްކަތަށް އިތުރު މުއްދަތު ދިޔަކަމަށް ވިޔަސް ސަރުކާރުގެ މަގުސަދަކީ ފްލެޓް ހޯދަން ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިގެން ނުދާނެކަން ކަށަވަރު ކުރުމާއެކު، ފްލެޓްތައް ދޫކުރެވޭނީ ހައްގުވެރިންނަށްކަން ޔަގީން ކުރުން ކަމަށްވެސް ބުނެފައިވެއެވެ.