ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ގަވާއިދު ބަދަލެއް ނުކުރައްވާނެ ކަމަށާއި ގަވާއިދަށް ތަބާވާން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ހަފުތާ 52 ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ ބޭރު ފައިސާއާ ބެހޭ އާ ގަވާއިދުގެ ދަށުން ޓޫރިޒަމްގެ ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިއެއްގެ އަތުން 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރުމަށް މަޖުބޫރުކުރުމުން ދިވެހީންނަށް ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި ގަވާއިދުގެ ދަށުން ޓޫރިޒަމް އިންޑަސްޓްރީން މާރުކުރަން ޖެހޭނީ ޖުމުލަކޮށް އާމްދަނީގެ 20 ޕަސަންޓު އެކަނި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ގަވާއިދު ބަދަލުކުރާކަށް ނެތިން، ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ދަންނަވަނީ، ގަވާއިދެއް ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރަން ޖެހިވަޑައިގަންނަވާނެއޭ. ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމުކަމެކޭ. މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. މިއީ ގާނޫނުއަސާސީއާ އެއްގޮތަށް ކުރާ ކަމެއް، ގާނޫނުތަކާ އެއްގޮތަށް ކުރާ ކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަން އިތުރަށް ތަންފީޒުކުރަން އެހީތެރިކަން ދިނުމަށް، އެމްއެމްއޭއަށް ފަސޭހަކޮށްދިނުމަށް އެކަމަށް ހާއްސަ ފޮރެކްސް ގާނޫނެއް ވެސް މަޖިލިސް ތެރެއިން ފާސްކޮށްދެއްވާނެ ކަމަށާއި މި ސަރުކާރު އޮންނާނީ 100 ޕަސަންޓް ރައްޔިތުންނާ އެކީގައި ކަމަށެވެ. އަދި އެ ގަވާއިދަށް ތަންފީޒުކުރާ ނަމަ، އަންނަ ޖުލައި މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެސްއޯއީތަކުން، ނޫނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް، ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު އިރާދަކުރެއްވިއްޔާ ޖެނުއަރީ އެކަކުން ފެށިގެން މި ތަންފީޒުކުރަން ފަށާ ހިސާބުން، ޓޫރިޒަމް އިންޑަސްޓްރީން އެ ގަވާއިދާ އެއްގޮތަށް ބޭންކުތަކަށް މާރުކުރާ ކަމުގައިވާ ނަމަ، އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދެން ޕެރަލަލް މާކެޓުގައި މާރުކުރަން ނުޖެހި ސީދާ ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ބޭންކް ރޭޓުގައި ގަންނަން ލިބެނީ 500 ޑޮލަރު ކަމަށާއި ޑޮލަރު މާރުކުރުމުގެ ކަންތައް ޓޫރިޒަމް އިންޑަސްޓްރީގެ އެއްބާރުލުމާއެކު ކުރިއަށްދާ ކަމަށްވަންޏާ 2026 ގެ ފުރަތަމަ ކުއާޓަރުގެ ތެރެއަށް ދާ އިިރުގައި، 500 ޑޮލަރުގެ ބަދަލުގައި 1000 ޑޮލަރު ގަތުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.

"ދެން މިކަމަށް ހުރަސް އަޅަންވީ ކީއްކުރަންތޯ. 1000 ޑޮލަރު ބޭންކް ރޭޓުގައި ގަންނަން ލިބެންޏާ، އަޅުގަނޑު ހިތުން އާންމުކޮށް ބޭރަށް ދާ ދިވެހިން، ކުރައްވަން މި ވަޑައިގަންނަވާ ކަންކަމުގައި ވަރަށް ބޮޑު ލިޔެއް އެ ލިބެނީ. 500 ޑޮލަރުގެ ބަދަލުގައި ޑަބަލް ކޮށްލެވުނީމަ. އެހެންވީމާ 2026 ގެ ފުރަތަމަ ތިން މަސް ތެރޭގައި އަޅުގަނޑުމެންނަށް 1000 ޑޮލަރު ބޭންކް ރޭޓުގައި ގަންނަން ލިބޭ ގޮތް ހަދައިދެވޭނެއޭ، މި ޖެނުއަރީން ފެށިގެން މިކަން ކުރަން ފެށިއްޖެއްޔާ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެކަން ތަންފީޒުކުރެވޭ ނަމަ، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކްރެޑިޓް ކާޑުގެ ލިމިޓު ވެސް 700 ޑޮލަރުން 1400 ޑޮލަރާ ހަމައަށް ބޮޑުކޮށްދެވޭނެ ކަމަށެވެ.