އުވާލާ ސިޔާސީ ޕާޓީއެއްގެ ކުލައާއި ލޯގާ، އަލަށް އުފައްދާ ސިޔާސީ ޕާޓީއަކަށް ބޭނުން ނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ސިޔާސީ ޕާޓީގެ ގާނޫނަށް އެ އިސްލާހު ގެނައީ މިމަހުގެ 13 ވަނަ ދުވަހުގައެވެ.
ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައިވަނީ ސިޔާސީ ޕާޓީއެއް އުވާލި ނަމަވެސް އުވާލި ޕާޓީއެއްގެ ނަމާއި ނިޝާނާއި ސިއްކަ އަދި ކުލަ ފަދަ ޕާޓީ ރަމްޒުކޮށްދޭ ތަކެތި ޕާޓީ އުވާލާތާ ފަސް އަހަރު ނުވާ ނަމަ ބޭނުން ނުކުރެވޭނެ ކަމަށެވެ. އަނެއް އިސްލާހުގައި ވަނީ ސިޔާސީ ޕާޓީގެ ގައުމީ ބައްދަލުވުމެއް ކޮންމެ ފަސް އަަހަރަކުން އެއް ފަހަރު ނުބޭއްވިއްޖެ ނަމަ އުވާނުލެވޭނެ ކަމަށެވެ.
އަދި ވަނީ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ގާނޫނާ ހިލާފު ކަމެއް ކޮށްފި ނަމަ، އެ މީހަކު ނިސްބަތްވާ ޕާޓީ 100،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭ ގޮތް ހެދުމް އިސްލާހު ހުށަހަޅައިފައެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރުުގައި ކުރިން އޮންނަނީ، ގާނޫނާ ހިލާފުވާ މެންބަރަކު 30,000 ރުފިޔާ އާއި 75,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. އެ މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، އެގޮތަށް ޖޫރިމަނާކުރުމުގެ އިތުރުން އެ މެންބަރަކު ނިސްބަތްވާ ޕާޓީ 100،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަކީ، އަހަރުގެ މުޅި ބަޖެޓުން ދޭ ފައިސާއެއްގެ ގޮތުގައި އޮތް އޮތުން، ބަޖެޓްގެ އާމްދަނީން ދޭ ފައިސާއެއް ކަމަށް ބަދަލު ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.
ގާނޫގެ 10 ވަނަ މާއްދާގައި ކުރިން އޮންނަނީ، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީކޮށްފައިވާ މެންބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާނަމަ، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އެފަދަ މީހަކު އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ، އެ މީހެއްގެ ކެންޑިޑެސީ ބާތިލު ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ބިލުގައި ހުށަޅާފައިވަނީ އެ މާއްދާ އުވާލުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު