ރާއްޖޭގެ ބޭންކިން ނިޒާމަށް ވިޔަފާރިވެރީންގެ އިތުބާރެއް ނެތް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިހާރު އޮތް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އަހަރު ވެފައިވާއިރު، ސަރުކާރުގެ ކަންތައްތައް ކުރިއަށް ދާގޮތާމެދު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ކުރިންވެސް ވިޔަފާރިވެރީން ބޭންކުތަކަށް ކުރާ އިތުބާރު ކުޑަވެފައިވަނިކޮށް، ބޭރުފައިސާ މާރުކުރުމަށް މިގެނައި ބަދަލާއެކު އިތުރު މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ.
ރަައީސް ސޯލިހު ވިދާޅުވީ، ރާއްޖެއަށް އެންމެ ގިނަ ޑޮލަރު ވަންނަނީ ޓޫރިޒަމް ދާއިރާއިން ކަމަށެވެ. އެގޮތުން ދައުލަތަށް ވަންނަ ޑޮލަރުގެ 90 ޕަސެންޓަކީ ޓޫރިޒަމް ދާއިރާއިން ހިއްސާކުރާ ޑޮލަރު ކަމަށްވެސް ވިދާޅުވިއެވެ. ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގައި ދައުރު ކުރުވުމަށްޓަކައި އޭރުވެސް މަސައްކަތްތަކެއް ކުރަންޖެހިފައި އޮތް ކަމަށާއި، އެއީ ކުރަން ރަނގަޅު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"އެހެން ނަމަވެސް މިހާރު ނެރެފައިވާ ގަވާއިދަކީ އެކަމަށް އެކަށޭނަ އެންމެ ރަނގަޅު އުސޫލު ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ، މިކަހަލަ ކަމެއް ނިންމަން ވާނީ އެ ސެކްޓަރުގެ ހުރިހާ ބޭފުޅުންނާ މަޝްވަރާކޮށްފަ، އެ ބޭފުޅުންނަށް ލިބޭ އާމްދަނީ އާއި ކުރާ ހަރަދާއި ނަގާފައި ހުރި ލޯނުތައް ދައްކަން ޖެހޭ، އެކަމަށް އުފުލަން ޖެހޭ ބުރައާއި މިހުރިހާ އެއްޗެއް ރަނގަޅަށް ދިރާސާކޮށް، ހިސާބުކޮށްފަ، އޭގެން ނަގަންވާ އެއްޗެއް ނަގަންވާނީ، އަޅުގަނޑު ހިތުން އެކަމަކަށް ޓޫރިޒަމް ސެކްޓާގެ އެއްވެސް ބޭފުޅަކު އިދިކޮޅެއް ނަހަދާނެ، މިހާރުވެސް އެ ގެންދަވަނީ ޓެކްސްތައް ވެސް ދައްކަވަމުން،"ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގައިވެސް، ޑޮލަރުގެ ކަންތައް އިސްލާހު ކުރުމަށް ވިޔަފާރިވެރިންނަށް ދެ ހުށަހެޅުމެއް ހުށަހެޅުއްވި ކަމަށެވެ. އެއް ގޮތަކީ ލިބޭ އާމްދަނީން ވަކި ޕަސެންޓެއް ބޭންކުތަކުން މާރުކުރުން ކަމަށާއި، އެކަމަށްޓަކައި10 ޕަސެންޓުން ފެށިގެން 30 ޕަސެންޓާ ހަމައަށް މާރުުކުރުމާބެހޭގޮތުން ވާހަކަ ދެއްކެވި ކަމަށާއި ދެވަނަ ގޮތަކީ ވަކި މުއްދަތެއް ވާންދެން ބޭންކުގައި ޑޮލަރު ބެހެއްޓުން ކަަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހުށަހަޅާފަ އޮންނާނެ 10 ޕަސެންޓަށް މާރުކުރަމަށް، އެހިސާބަށް ގޮސްފަ އޮއްވާ ވެރިކަން ބަދަލުވީ، ދެވަނަ ކަމަކަށް ހުށަހެޅީ، ރެވެނިއު ގޮތުގައި ލިބޭ ޑޮލަރުގެ 30 ޕަސެންޓް ތިންމަސްދުވަހުގެ މުއްދަތަށް ބެހެއްޓުން، އަދި ޑޮލަރުގެ ޔަގީންކަމާއެކީ އެބޭފުޅުން އެ ބޭނުންވާ ތަނަކަށް ރާއްޖޭން ބެރަށް ފޮނުވަން ޖެހިއްޖެއްޔާ ބޭނުންވާ ޑޮލަރު އަޅުގަނޑުމެން ދޭނަމޭ، އެބޭފުންގެ އާގިއުމެންޓަކީ ކޮބައިހޭ ޔަގީންކަމަކީ އަޅުގަނޑުމެން ދެންނެވިން އެމްއެމެއޭއިން ތިބޭފުޅުނަން އެ ޔަގީންކަން ދޭނަމޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު