ފައިސާގެ ހާލަތު ރަނގަޅު ނުކޮށްފިނަމަ، ފްރާންސްގެ އެއްވަނަ ޑިވިޝަނުގެ އޮލިމްޕިކް ލިޔޯން، ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކޮށްލޭނެ ކަމަށް އަންގައިފިއެވެ.

ލިޔޯންގެ ދަރަނީގެ މައްސަލަ ބޮޑުވެ، އެ މައްސަލަ ބެލުމަށްފަހު ކްލަބަށް އެފަދަ އަދަބެއް ދޭނެ ކަމަށް ނިންމާފައި ވަނީ ފްރާންސްގެ ޕްރޮފެޝަނަލް ކްލަބުތަކުގެ ފައިސާގެ ހާލަތު ބަލައި، އެކައުންޓްތަކުގެ ތަފްސީލު ބަލަހައްޓާ ހާއްސަ އިދާރާ ކަމަށްވާ ދަ ޑިރެކްޓަން ނޭޝެނާލޭ ޑު ކޮންޓްރޯލޭ ޑެ ގެސްޝަން (ޑީއެންސީޖީ) އިންނެވެ.

ލިޔޯންގެ އޯނާ ގްރޫޕަކީ އީގަލްސް ފުޓްބޯލް ގްރޫޕެވެ. އެ ގްރޫޕަކީ ޖޯން ޓެކްސްޓޯގެ ގްރޫޕެކެވެ. ޖޯން ޓެކްސްޓޯއަކީ ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލެސްގެވެސް ކޯ އޯނަރެވެ. އަދި އޭގެ އިތުރުން އޭނާއަކީ ބްރެޒިލްގެ ބޮޓާފޯގޯގެ މެޖޯރިޓީ ހިއްސާ އޮންނަ ފަރާތްވެސް މެއެވެ.

އީގަލް ގްރޫޕުން ދާދިފަހުން އިއުލާނުކުރި ގޮތުގައި އެ ގްރޫޕުގެ ދަރަނި މިހާރު ވަނީ 422 މިލިއަން ޕައުންޑަށް އަރައިފައެވެ.

އެއާއެކު އެ ކްލަބަށް ދަރަނީގެ މައްސަލަ މިހާރުން މިހާރަށް، ސީޒަން ނިމުމުގެ ކުރިން ހައްލުކުރަން މަޖުބޫރުކޮށް ޑީއެންޖީސީން ބުނީ އެ ކްލަބުގެ ޕޭރޯލްވެސް ބަލަމުންދާނެ ކަމަށެވެ.

ޑީއެންޖީސީން އަޅަން ބުނި ފިޔަވަޅާއެކު މިހާތަނަށް ހަތް ފަހަރު ލީގު ހޯދާފައިވާ ލިޔޯންއިން އަންނަ ޖެނުއަރީގައި މުހިއްމު، އަގުހުރި ކުޅުންތެރިންތަކެއް ވިއްކާލަން ތައްޔާރުވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ. އޭގެ އިތުރުން ލިޔޯންގެ ވެރިޔާ، އޭނާގެ އަނެއް ދެ ކްލަބުގެ ހިއްސާ ވިއްކާލަން މަސައްކަތް ކުރާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

ލިޔޯން މިހާތަނަށް މި ސީޒަނުގައި ކުޅުނު މެޗުތަކާއެކު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ. އަދި ޔޫރޮޕާ ލީގު ތާވަލުގެ ނުވަ ވަނައިގައެވެ.