ސްރީލަންކާގެ ރައްޔިތުން ވަނީ ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހު އެގައުމުގެ ޕާލަމެންޓަރީ އިންތިޚާބުގައި ވޯޓުދީފައެވެ. މި ވޯޓުގެ ނަތީޖާ މިއަދު ސާފުވެ ނިމުނުއިރު ހިތުގައި ޖެހުނެވެ. ދިވެހިރާއްޖެއާ ހާދައެއްގޮތެވެ. ދިވެހިރާއްޖޭގައިވެސް މިއޮންނަ ވިސްނުމަކީ ރިޔާސީ އިންތިޚާބުގައި ރައީސަކު ހޮވައިފައި ދެން އެންމެ އަވަހަށް އޮންނަ މަޖިލީސް އިންތިޚާބެއްގައި ރައީސްގެ ޕާޓީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނުމެވެ. ސްރީލަންކާގައިވެސް މިވީ އެހެންނެވެ. މި އިންތިޚާބުގައި ރައީސް އަނޫރާ ކުމާރަ ޑިސަނާޔަކާގެ ނެޝަނަލް ޕީޕަލްސް ޕަވަރ އިއްތިހާދަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ވަނީ ލިބިފައެވެ. މަޖިލީހުގެ 225 ގޮނޑީގެ ތެރެއިން އެންމެ ތިން ގޮނޑި ކުރިން ފުރަމުން އައި ރައީސް އަނޫރާގެ އެންޕީޕީ ވަނީ މިފަހަރު 159 ގޮނޑި ހޯދައިފައެވެ. އެއީ ބޯނަސް 18 ގޮނޑިޔާވެސް އެކުގައެވެ. ކުރިން ވެރިކަންކުރި ރާޖަޕަކްސާއިންގެ އެސްއެލްޕީޕީގެ ސައިޒުވަނީ 145 ގޮނޑިން އެންމެ ތިން ގޮނޑިއަށް ކުޑަވެފައެވެ.
ރާޖަޕަކްސާއިންގެ ޕާޓީއަށް ހަގީގަތުގައި މިފަހަރު ކާމިޔާބު ކުރެވުނީ ދެ ގޮނޑިއެވެ. އަނެއް ގޮނޑިއަކީ ބޯނަސް ގޮނޑިއެކެވެ. ކޮންމެއަކަސް ރާއްޖެއާ ހާދައެއްގޮތޭ ލިޔެވިއްޖެއެވެ. އެހެންވީމާ އެހެން ލިޔުނު ސަބަބުގެ ތަފްސީލަށް ޖެހިލާނަމެވެ. ތާރީޚުގެ ތެރެއިން މިސާލު ދައްކަމުންނެވެ. އެންމެ ފުރަތަމަ ފަށާނީ މަޝްހޫރު ޑޮނޯމޯރ ގާނޫނުއަސާސީއާ ހަމައިންނެވެ. މީގެ 93 އަހަރު ކުރީގެ ހިސާބަކުންނެވެ. ޑޮނޯމޯރ ކޮންސްޓިޓިއުޝަން ނުވަތަ ޑޮނޯމޯރ ގާނޫނުއަސާސީއަކީ ސްރީލަންކާއަށް ސިޔާސީ މިނިވަންކަން ލިބުމުގެ 17 އަހަރު ކުރިން އިނގިރޭސިވިލާތުން އެކުލަވައިލި ޑޮނޯމޯރ ކޮމިޝަނުން ފަރުމާކުރި ޒަމާނީ ގާނޫނުއަސާސީއެކެވެ. މި ގާނޫނުއަސާސީއަށް އަމަލުކުރީ 1931 ވަނަ އަހަރުން ފެށިގެން 1947 ވަނަ އަހަރަށެވެ. މި ދެންނެވި ގާނޫނުއަސާސީގެ ދަށުން ސްރީލަންކާގައި އުމުރުން 21 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ވޯޓުލެވެއެވެ. އެހެންކަމުން ސްރީލަންކާ ނުވަތަ އޭރުގެ ސިލޯނު ހިމެނުނީ އޭޝިއާ ބައްރުގެ ފުރަތަމަ ޑިމޮކްރަސީކަމުގައެވެ.
އޭޝިއާގެ އެންމެ ދުވަސްވީ ޑިމޮކްރަސީއަކީ ސްރީލަންކާއޭ ބުނެވެނީ މިސަބަބަށްޓަކައެވެ. ވޯޓުލުމުގެ ހައްގު ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ އިތުރަށް ރައްޔިތުންގެ މަޖިލީހެއް ގާއިމުކުރެވުނީވެސް މި ގާނޫނުއަސާސީގެ ދަށުންނެވެ. އެ މަޖިލީހަށް އޭރުކިޔަނީ ސްޓޭޓް ކައުންސިލެވެ. އޭގެކުރިންވެސް ޒާތެއްގެ ބޯދާ މަޖިލީހެއް އޮތެވެ. އެކަމަކު އެއީ އިންތިޚާބުކުރެވޭ ޑިމޮކްރަޓިކް މަޖިލީހެއް ނޫނެވެ. ދިވެހިރާއްޖޭގައި ގާނޫނުއަސާސީއެއް ލިޔެ 1932 ވަނަ އަހަރު ދުސްތޫރީ ނިޒާމެއް ގާއިމުކުރެވުނީ ސިލޯނުގައި މިކަމެއް ފެށިތާ ދޮޅުއަހަރު ފަހުންނެވެ. އޭރު ސިލޯނާއި ދިވެހިރާއްޖޭގެ ކަންކަން ބަލަހައްޓަވަނީ އިނގިރޭސި ސަރުކާރުގެ ފަރާތުން ސިލޯނުގެ ވެރިރަށް ކޮޅުނބުގައި ހުންނަވާ ގަވަރުނަރެކެވެ. ދިވެހިރާއްޖޭގައި ގާނޫނުއަސާސީއެއް ލިޔެ ދުސްތޫރީ ހުކޫމަތެއް ގާއިމުކުރަން އެންގީ ސިލޯނެކޭވެސް އެއްފަދައިން އިނގިރޭސިންކަމަށް ވިޔަސް އަދި މިކަމުގައި ޑޮނޯމޯރ ކަމިޝަނުގެ ދައުރެއް އޮތްކަމަށްވިޔަސް ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީއަށް ޑޮނޯމޯރ ގާނޫނުއަސާސީއެކޭ ނުކިޔައެވެ.
ޑޮނޯމޯރ ގާނޫނުއަސާސީއޭ ކިޔަނީ ސިލޯނުގެ ފުރަތަމަ ގާނޫނުއަސާސީއަށެވެ. މި ގާނޫނުއަސާސީގެ ދަށުން ސިލޯނުގައި ގާއިމުކުރެވުނު ފުރަތަމަ ޕާލަމަންޓާއި ދިވެހިރާއްޖޭގައި ގާއިމްކުރެވުނު ޕާލަމެންޓުގައި ވަރަށް އެއްގޮތް ސިފަތަކެއް ހުއްޓެވެ. އޭރުއެވެ. އަދި މިހާރުވެސްމެއެވެ. އެންމެ އެއްގޮތް ކަމަކީ މި ދެ ޕާލަމަންޓަކީވެސް ޔުނިކެމެރަލް ޕާލަމެންޓްތަކެއް ކަމަށްވުމެވެ. ޔުނިކެމެރަލް ޕާލަމެންޓްގެ މާނަޔަކީ ދެގޭގެ ބަދަލުގައި އެންމެ ގެއެއް ނުވަތަ އެންމެ މަޖިލީހެއްގެ މައްޗަށް އެކުލެވިގެންވުމެވެ. ދިވެހިރާއްޖޭގައިވެސް އަދި ސިލޯނުގައިވެސް މަޖިލީހުގެ މަތީގެޔަކާއި ތިރީގެއެއް ނުހުރެއެވެ. ހުންނަނީ އެންމެ ގެއެކެވެ. އެއީ ޕާލަމެންޓެވެ. މަޖިލީހެވެ. ތަންކޮޅެއް ފަހުން އައު ގާނޫނުއަސާސީތަކެއް މި ދެގައުމުގައި ލިޔެ ތަސްދީގު ކުރެވުނު ކަމަށްވިޔަސް ފުރަތަމަ ދުވަހެކޭ އެއްގޮތަށް މިހާރުވެސް ޕާލަމެންޓް އެކުލެވިގެންވަނީ މިދެންނެވި ގޮތަށެވެ. ތަންކޮޅެއް ފަހުން ބައެއްކަހަލަ ބަދަަލުތައް ގެނެވުނަސްމެއެވެ.
ސިލޯނު ނުވަތަ ސްރީލަންކާއަށް 4 ފެބްރުއަރީ 1948 ގައި ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނުތާ ތިރީސް އަހަރުވެސް ފުރުނުފަހުން ޖޭއާރް ޖަޔަވަރުދަނާގެ ވެރިކަމުގައި 1978 ވަނަ އަހަރު އައު ގާނޫނުއަސާސީއެއް ވުޖޫދުކޮށް ޕާލަމެންޓުގެ ބައްޓަމަށްވެސް ވަރަށް ބޮޑު ބަދަލެއް ވަނީ ގެނެވިފައެވެ. ޕާލަމެންޓަކީ ދެންވެސް ޔުނިކެމެރަލް ޕާލަމެންޓެކެވެ. އެއްގޭގެ މަޖިލީހެކެވެ. އަލަށް ގެނެވުނު ބަދަލަކީ ތަޖުރިބާގެ އަލީގައި ވަރަށްވެސް މުހިންމު ބޮޑު ބަދަލެކެވެ. ޒަމާނީ ބަދަލެއްވެސްމެއެވެ. މިދެންނެވި ބަދަލަކީ އިލެކްޓް ކުރެވޭ، އިންތިޚާބުކުރެވޭ މެންބަރުންގެ އިތުރަށް ސިލެކްޓް ކުރެވޭ، އައްޔަންކުރެވޭ މެންބަރުންތަކެއްވެސް ތިއްބެވުމެވެ. އިންތިޚާބު ކުރެވެނީ ޖުމްލަ 196 މެންބަރުންނެވެ. އައްޔަން ކުރެވެނީ 29 މެންބަރުންނެވެ. އެހެންވީމާ ޕާލަމަންޓުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 225 އެވެ. ސިލެކްޓް ކުރެވޭ ގޮނޑިގޮނޑިޔަށް ކިޔަނީ ބޯނަސް ގޮނޑިއެވެ. އެ ގޮނޑިގޮނޑި ނިސްބަތްވަނީ ގައުމީ ލިސްޓު ނުވަތަ ނެޝަނަލް ލިސްޓަށެވެ.
އާއްމު އިންތިޚާބު ބާއްވަނީ އިންތިޚާބުކުރެވޭ 196 ދާއިރާއަށް މެންބަރުން ހޮވުމަށެވެ. އެގޮތަށް މެންބަރުން ހޮވާއިރު މުޅި ގައުމުގެ އެކި ކަންކޮޅުތަކުގައި އެކި ޕާޓީތަކަށް ލިބޭ ޖުމްލަ ވޯޓުގެ އަދަދަށް ބަލައިގެން ފަސް ޕަސަންޓަށްވުރެ މަތިން ވޯޓު ހޯދާ ޕާޓީތަކުގެ މެދުގައި ނެޝަނަލް ލިސްޓުގެ 29 ގޮނޑި ބަހައިލަނީއެވެ. ބޯނަސް ގޮނޑިއޭ ކިޔަނީ އެހެންވެގެންނެވެ. އެންމެ ގިނަ ބޯނަސް ގޮނޑި އެންމެ ގިނަ ވޯޓުހޯދާ ޕާޓީއަކަށެވެ. ބޯނަސް ގޮނޑި ލިބޭ ޕާޓީތަކުގެ ލީޑަރޝިޕުން ދެންކުރާ ކަމަކީ ޕާލަމެންޓަށް ހޮވިފައިވާ 196 މެންބަރުންގެ ތަޖުރިބާޔާއި ތައުލީމީ ފެންވަރާއި ހުނަރަށް ބަލައިފައި އެމީހުންގެ ތެރޭގައި ނެތްކަހަލަ ގާބިލް ތައުލީމީ ތަޖުރިބާކާރު ބޭފުޅުންނަށް އެއްކަލަ ބޯނަސް ގޮނޑިގޮނޑި ދިނުމެވެ. އެކަންކުރަނީ ޕާޓީތަކުންނެވެ. މި އުސޫލުގެ މަގުސަދަކީ ޕްރޮފެޝަނަލް، އެކްސްޕާޓް ގިންތީގެ މީހުން ޕާލަމެންޓަށް ވެއްދުން ކަމަށްވިޔަސް މިކަން އަބަދު ހިނގަނީ މިގޮތަކަށްވެސް ނޫނެވެ.
ޕާޓީއަކަށް ލިބޭ ބޯނަސް ގޮނޑިގޮނޑިއަށް މީހުން ހަމަޖައްސަނީ އެ ޕާޓީއެއްގެ ޖެނެރަލް ސެކްރެޓަރީ ކަމަށްވާއިރު ގިނަފަހަރަށް މި ގޮނޑިގޮނޑި ދެނީ ޕާޓީގެ ލީޑަރޝިޕަށް އިޚުލާސްތެރި ގުންޑާ ވައްތަރުގެ މީހުންނަށެވެ. މަގުސަދާ މުޅިން ތަފާތުކޮށެވެ. ދާދިފަހުން މައިތިރިޕާލާ ސިރިސޭނާގެ ވެރިކަމުގެ ދައުރުގައި އޭނާގެ ޕާޓީއަށް ލިބުނު ބޯނަސް ގޮނޑިގޮނޑި ދިނީ އިންތިޚާބުގައި ބަލިވި އޭނާގެ އެންމެގާތް އައުވާނުންނަށެވެ. ސްރީލަންކާގެ ޕާލަމެންޓަށް މިގެނެވުނު ބަދަލު ވަރަށް ގާތުން ބައްލަވަން ހުންނަވައިފައި 1978 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދިވެހިރާއްޖޭގައިވެސް އައު ގާނޫނުއަސާސީއެއް ލިޔުމަށް ރައީސް މައުމޫން އަންގަވައިފިއެވެ. މިކަން ކުރުމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހެެއް ހޮވައި މަސައްކަތް ނިންމައިލެވުނީ ދިގު ސަތާރަ އަހަރަށްފަހުގައެވެ. އައު ގާނޫނުއަސާސީ ތަސްދީގުކުރެވުނީ 1997 ގައެވެ. ދިވެހިންގެ ތެރޭގައި ނޫ ގާނޫނުއަސާސީގެ ނަމުން މަޝްހޫރުވި ގާނޫނުއަސާސީއަކީ އެއީއެވެ.
ކޮންމެއަކަސް އެ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް 8 މެންބަރުން އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެއެވެ. އެކަން އެމަނިކުފާނު ކުރެެއްވިއެވެ. މަގުސަދަކީ ތައުލީމީ، ތަޖުރިބާކާރު، ހުނަރުވެރި، ނަޒާހަތްތެރި ގައުމީ ވިސްނުމުގެ ބޭފުޅުން މަޖިލީހަށް ވެއްދުމެވެ. އެކަމަކު ކަންވެ ނިމޭއިރު މިދެންނެވި 8 ގޮނޑީގައި ތިއްބަވާތަން ފެނުނީ ރައީސަށް ޚުޝާމަދުކުރާ އިޚުލާސްތެރި ބައިވެރިންނެވެ. މިތުރުންނެވެ. އެހެންވެގެންކަންވެސް ނޭނގެއެވެ. ރައްޔިތުންގެ ވޯޓަކާ ނުލައި ވަލުދޮރާށިން މަޖިލީހަށް ވައްދާފައިތިބޭ ބަޔެކޭ ބުނެ ގިނަ ބަޔަކު އަމާޒުކުރަމުންދިޔަ ފާޑުކިޔުންތަކާ ގުޅިގެން އެ އުސޫލުވަނީ އޭގެ އަހަރުތަކެއް ފަހުން އުވާލައިފައެވެ. ނިމުމަކަށް ގެނެސްފައެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު 2008 ވަނަ އަހަރު ފާސްކޮށް ތަސްދީގުކުރި އައު ގާނޫނުއަސާސީ ނުވަތަ ފެހި ގާނޫނުއަސާސީގެ ދަށުން މިދެންނެވި އުސޫލު ވަނީ ނިމުމަކަށް އައިސްފައެވެ. އައްޔަންކުރެވޭ މެންބަރުން އޭގެފަހަކުން ނުތިއްބަވައެވެ. ވަލުދޮރާއްޓެއްވެސް ނެތެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ