އިސްރާއީލު ސިފައިން ހެބްރޮން ގަވަރުނަރޭޓުގެ މަގުތަކާއި ވަންނަ ދޮރުތައް ބަންދުކޮށް، އެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން އިއްޔެ ބުނި ގޮތުގައި، ހެބްރޮން ވަގުތުން ބަންދުކޮށް މުޅި ހުޅަނގު އައްސޭރި އެއްކޮށް ބަންދުކުރަން ތައްޔާރުވުމަށް ސަލާމަތީ ބާރުތަކަށް އެންގީ ބަޑީގެ ހަމަލާއަކަށް ފަހުގައެވެ.

އިސްރާއީލު އަސްކަރިއްޔާއާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިއްޔެ ހެބްރޮންގެ އަސްކަރީ ޗެކްޕޮއިންޓަކަށް ފަލަސްތީނުގެ ދެ މީހަކު ދިން ބަޑީގެ ހަމަލާއެއްގައި ސިފައިންގެ 2 މީހަކު މަރުވެ، ތިން ސިފައިންނަށް ވަނީ ކުދި އަނިޔާތަކެއް ލިބިފައެވެ. މި ހަމަލާ ދިން ކަމަށް ބުނާ ދެ މީހުން ސިފައިން ބަޑިޖަހައި މަރާލާފައިވާއިރު، ބުލްޑޯޒަރުތަކާއެކު އިތުރު ސިފައިން ހެބްރޮންގެ އަވަށްތަކަށް ވަދެ ގޭގެއަށް ވަދެ ބަލައި ފާސްކުރުމުން، ސްކޫލްތަކާއި ޔުނިވަސިޓީތައް ބަންދުކޮށް ދަތުރުފަތުރުގެ ހިދުމަތްތައް ވަނީ މެދުކަނޑާލާފައެވެ.

މީގެ އިތުރުން، ހެބްރޮންގެ ފަރްޝް އަލްހަވާ ސަރަހައްދުގައި ހުރި ތިން އެޕާޓްމަންޓް ހިމެނޭ އިމާރާތަކާއި ވިޔަފާރި ތަންތަން ސިފައިން ތަޅާލައި، ސިނާއީ ސާމާނުތަކަށް ގެއްލުންދީ ދަނޑުވެރިކަމުގެ ބިންތައް ވަނީ ސުންނާފަތިކޮށްފައެވެ. ހަމައެއާއެކު، ނާބުލުސްގެ އަވަށްތަކަށް ސިފައިން ވަދެ ގޭގެއަށް ވަދެފައިވާއިރު، ބުރާސްފަތި ދުވަހު ހެނދުނު ނާބުލުސް ވަށައިގެންވާ ސުއްރާ އަދި 17 ނަންބަރު ޗެކްޕޮއިންޓް ބަންދުކުރި ކަމަށް ސަލާމަތީ މަސްދަރުތަކުން ބުނެއެވެ. އަދި ބައިތުލަހްމު، ރާމަﷲ އަދި ޖެނީން ހިމެނޭހެން އެކި ސަރަހައްދުތަކުގައި ދަތުރުފަތުރުކުރުން ވަނީ ހިފަހައްޓާފައެވެ. ގަލްގީލިޔާ، ޖެނީން، ހެބްރޮން، ނާބުލުސް އަދި އިރުމަތީ ގުދުސް ކައިރިން ފަލަސްތީނުގެ މަދުވެގެން 15 މީހުން ހައްޔަރުކޮށްފައިވާއިރު، އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހުޅަނގު އައްސޭރިން ޖުމްލަ 36 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އަނެއްކޮޅުން، ހަ ގަވަރުނަރޭޓެއްގައި ޒައިތޫނި ކަނޑާ ދަނޑުވެރިންނަށް އަމާޒުކޮށް އިސްރާއީލުގެ ވަޒަންވެރިންނާއި ސިފައިން 21 ހަމަލާއެއް ދީފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ރެކޯޑުކޮށްފައެވެ. މީގެ ތެރޭގައި ބޫރީންގައި 17 އަހަރުގެ ކުއްޖަކު ހިމެނޭހެން ފަލަސްތީނުގެ ތިން މީހަކު ޒަހަމްވެފައިވާއިރު، ވަޒަންވެރިން ވަނީ ޒައިތޫނި ގަސްތައް އަންދާލައި ދަނޑުވެރިކަމުގެ ބާވަތްތައް ވަގަށް ނަގާފައެވެ.

އދ.ގެ އެހީތެރިކަން ވިލަރެސްކުރާ އޮފީސް (އޯޗާ) އިން ބުނި ގޮތުގައި، މިދިޔަ އޮކްޓޫބަރު މަހުގެ ފުރަތަމަ ދެ ހަފުތާގައިވެސް މިފަދަ 160 ހަމަލާއެއް ވަނީ ރެކޯޑުކޮށްފައެވެ.