ވޭލްސްގެ ބްލައިނާއު ގްވެންޓްގެ އެބޫ ވޭލްއަށް އުފަން 13 އަހަރުގެ ޒެކް ހަވަލްސްއަށް ޕްރައިޑް އޮފް ބްރިޓަން އެވޯޑްސްގައި ޗައިލްޑް އޮފް ކަރޭޖް އެވޯޑް ލިބިއްޖެއެވެ. އޭނާއަށް މި އެވޯޑް ލިބުނީ ހެރެފަޑްޝަޔާގެ އޭ40 މަގުން ގަޑިއަކު 60 މޭލު (97 ކިލޯމީޓަރު) ބާރުމިނުގައި ކާރު ދުއްވާފައި ދަނިކޮށް އޭނާގެ މަންމަ ނިކޮލާ ކްރަމްޕް ހޭނެތުމުން، ކާރުގެ ހުންގާނުގައި ހިފައި ރައްކާތެރިކަމާއެކު ކާރު ހުއްޓުވައި މަންމަގެ ފުރާނަ ސަލާމަތްކޮށްދިނުމުން ކަމަށް ބީބީސީން ބުރާސްފަތި ދުވަހު ރިޕޯޓުކޮށްފައިވެއެވެ.

މި ހާދިސާ ހިނގީ މިދިޔަ ޑިސެންބަރު 14 ގައި ދެމައިން ކްރިސްމަސް މާކެޓަކަށް ދަތުރުކުރަމުން ދަނިކޮށެވެ. ޕީޕަލް ނޫހަށް ވާހަކަދައްކަމުން ނިކޮލާ ބުނީ، ދަތުރުފެށިތާ ބައިގަޑިއިރު ފަހުން ހަށިގަނޑަށް ހޫނުވާން ފެށުމުން، ބަލިވެއްޖެ ކަމަށާއި ކާރު މަޑުކުރަން ޖެހޭ ކަމަށް ޒެކް ގާތު ބުނި ކަމަށެވެ. އޭގެ ފަހުން ގާތްގަނޑަކަށް ހަތް މިނެޓަށް ނިކޮލާ ހޭނެތިފައި އޮތް އިރު، އޭނާގެ ފައި ހުރީ ކާރުގެ އެކްސެލެރޭޓަރަށް ފިތިފައެވެ.

ވެސްޓް މާސިއާ ފުލުހުން ބުނި ގޮތުގައި، އެ ވަގުތު 12 އަހަރުގެ ޒެކް ވަނީ ކުރީ ސީޓުގައި އިނދެ ހުންގާނުގައި ހިފައި، ރޮސް-އޮން-ވައި ކައިރިން މަގުގެ މެދުގައި ހުރި ޑިވައިޑަރަށް ކާރު ޖައްސައި ދުވެލި މަޑުކޮށްގެން ހުއްޓުވާފައެވެ. އެއަށްފަހު އޭނާ ކާރުގެ އިންޖީނު ނިއްވާލައި، ކުއްލި ހާލަތުގައި ގުޅާ ނަންބަރު ކަމަށްވާ 999 އަށް ގުޅައި އެ މީހުން ތިބި ތަނުގެ މައުލޫމާތު ހަމަޖެހިލައިގެން ކިޔައިދިން ކަމަށް ވެސް ފުލުހުން ބުންޏެވެ. ދަރިފުޅުގެ ހުޝިޔާރުކަމުން ފުރާނަ ސަލާމަތް ވެ، ގައުމީ ފެންވަރުގެ މި އެވޯޑް ޒެކްއަށް ލިބުމުން ނިކޮލާ ބުނީ ދަރިފުޅާ މެދު އިންތިހާއަށް ފަހުރުވެރިވާ ކަމަށެވެ.