ޓައިފޫން ޗަމްޕީގެ ސަބަބުން ތައިވާނުން އެކަކު މަރުވެ، ބުރާސްފަތި ދުވަހުގެ ރޭ 7:30 އާ ހަމައަށް 350 މީހުން ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ ސެންޓްރަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (ސީއީއޯސީ) އިން ބުނެފިއެވެ. ނަމަވެސް ޒަހަމްވި މީހުންގެ އަދަދާ މެދު ތަފާތު ރިޕޯޓުތައް ހުރިއިރު، ތައިވާނުގެ ފަޔާ ޑިޕާޓްމަންޓުން ފުރަތަމަ ރިޕޯޓުކުރި 171 ގެ އަދަދު ފަހުން 163 އަށް ދަށްކޮށްފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.
ސީއީއޯސީން ބުނި ގޮތުގައި، މި ތޫފާނުގައި މަރުވެފައިވަނީ ބުދަ ދުވަހު ޕިންގްޓުންގް ކައުންޓީގެ ލިއުކިއު ޓައުންޝިޕްގެ ގޮނޑުދޮށަކަށް އެރި ބިޔަ ރާޅުތަކެއްގައި ޖެހި އޮޔާދިޔަ ފިރިހެނެކެވެ.
މި ތޫފާނާ ގުޅިގެން އިއްޔެ ތައިވާނުގެ ސްކޫލްތަކާއި އޮފީސްތަކާއި ބާޒާރުތައް ބަންދުކޮށް، އެއް ހާހެއްހާ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. ތައިވާނު ސަރުކާރުން ބުނި ގޮތުގައި، ނުރައްކާ ބޮޑު ފަރުބަދަމަތީ ސަރަހައްދުތަކުން 2،639 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް އެތައް ހާސް ސިފައިންނެއް ތައްޔާރީ ހާލަތުގައި ބައިތިއްބާފައިވާ ކަމަށްވެސް ސަރުކާރުން ބުންޏެވެ. މީގެ އިތުރުން، 77،000 އަށް ވުރެ ގިނަ ގެއިން ކަރަންޓު ކެނޑުނު ނަމަވެސް، އޭގެ ތެރެއިން ގިނަ ގޭގެއަށް އަލުން ކަރަންޓު ދީފައިވާ ކަމަށް އެ ގައުމުގެ ކަރަންޓު ކުންފުނި، ޓައިޕަވާއިން ބުންޏެވެ.
ތައިވާނުގެ ސެންޓްރަލް ވެދާ އެޑްމިނިސްޓްރޭޝަން (ސީޑަބްލިއުއޭ) އިން ބުނި ގޮތުގައި، ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ހާއިރު މި ތޫފާން އޮތީ ޔިލާން ކައުންޓީގެ އިރުދެކުނުން 260 ކިލޯމީޓަރު ދުރުގައި، ގަޑިއަކު 11 އާއި 15 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި އުތުރު-އިރުއުތުރަށް ދަތުރުކުރާ ގޮތަށެވެ. ހަފުތާގެ ކުރީކޮޅު ގަޑިއަކު 298 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހުނު މި ތޫފާން ތައިވާނުގެ ހުޅަނގުދެކުނުން ކައިރިވިއިރު ވަނީ ގަޑިއަކު 155 ކިލޯމީޓަރަށް ބާރު ދަށްވެފައެވެ. ތޫފާނުގެ މަރުކަޒު ސީދާ އެއްގަމަށް އަރާފައިވާކަން ކަށަވަރުވެފައި ނުވާއިރު، މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި ތޫފާން ދަތުރުކުރާނީ ތައިވާނުގެ އިރުއުތުރު އައްސޭރިފަށާ ކައިރިން އުތުރަށް، ޗައިނާގެ އައްސޭރިފަށާއި ޖަޕާނުގެ ދެކުނަށެވެ.
ޓައިވާން
ޓައިވާން
ޓައިވާން
ޓައިވާން
ކޮމެންޓް