"މޯލްޑިވްސް ކޮމިޔުނިޓީ ޕާޓީ"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފައިވަނީ ގ. ކްރެބްޓްރީ، އަލީ އަހުމަދަށެވެ.
އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި ހޯދުމަށާއި ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރިއަށް ގެންދިއުމުގެ ހުއްދައާ އެކު އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މީހުންގެ ފޯމު އީސީއަށް ހުށަހެޅުމަށް ތިން މަސް ދުވަހުގެ މުއްދަތެއް އަލީ އަހުމަށް ދީފައިވާ ކަމަށް އީސީން ބުންޏެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން ޕާޓީ އުފެއްދުމަށް ބޭނުންވާ ސޮއި ހަމަކޮށް އީސީއަށް ހުށަހެޅުމަށްފަހު އެ ޕާޓީ އުފެއްދުމަށް ބައްދަލުވުމެއް ބާއްވަން ޖެހެއެވެ. އެ ބައްދަލުވުން ބާއްވަން ޖެހެނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ ސޮއި އީސީއަށް ހުށަހެޅުމަށްފަހު ހަމަސް ދުވަހުގެ ތެރޭގައެވެ. އެ ބައްދަލުވުން ބޭއްވުމުގެ ތިން ދުވަސް ކުރިން ބައްދަލުވުމުގެ މަޢުލޫމާތު އީސީއަށް ލިޔުމުން އަންގަންވާނެއެވެ.
އެ ބައްދަލުވުމުގައި ޕާޓީއަށް ސޮއިކުރި 3،000 މީހުންގެ ތެރެއިން މަދުވެގެން 300 މީހުން ބައިވެރިވާން ޖެހޭނެ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެ 300 މީހުންގެ ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަންބަރު، ފޯނު ނަންބަރާއި ސޮއި އޮތް ލިސްޓެއް ބައްދަލުވުމުގެ ޔައުމިއްޔާގައި ވެސް ހިމަނަންވާނެއެވެ.
ރާއްޖޭގައި މިވަގުތު އޮތީ ރަޖިސްޓްރީކޮށްފައިވާ 11 ޕާޓީ އެކެވެ. އެއީ އެމްޑީޕީ، ޕީއެންސީ، ޕީޕީއެމް، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، އެމްޓީޑީ، އެމްއެންޕީ، އެމްއާރްއެމް، ދަ ޑިމޮކްރެޓްސް އަދި ޕީއެންއެފްއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު