އިންގްލެންޑް ސްކޮޑު ދޫކޮށްލި ކުޅުންތެރީން ކަންތައް ކުރީ ރަނގަޅަށް ނޫން ކަމަށާއި، ކްލަބަށްވުރެ ބޮޑަށް އަބަދުވެސް އިސްކަން ދޭން ޖެހޭނީ ގައުމީ ޓީމަށް ކަމަށް ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.

އިންގްލެންޑް ޓީމާ ވަގުތީ ގޮތުން ހަވާލުވެ ހުރި ކޯޗު، ލީ ކާސްލޭ އޭނާގެ ފަހު ދެ މެޗަށް ނެގި ސްކޮޑުން މިހާތަނަށް ނުވަ ކުޅުންތެރިޔަކު ވަނީ އަމިއްލައަށް ބޭރުވެފައެވެ.

މިވަގުތު ފުޓުބޯޅަ ކަލަންޑަރު ބުރަބޮޑުވުމުގެ ޝަކުވާތައް އިންތިހާއަށް ބޮޑުވެފައިވާ އިރު، މިފަހަރު ސްކޮޑަށް ނެގި ބައެއް ކުޅުންތެރިން ސްކޮޑު ދޫކޮށްލީ އަނިޔާގެ ސަބަބުން ކަމަށް ބުނެއެވެ. އިންގްލެންޑް ސްކޮޑު ދޫކޮށްލި ކުޅުންތެރީންގެ ތެރޭގައި ޗެލްސީގެ ލެވީ ކޮލްވިލް، ކޯލް ޕާމާއާއި އާސެނަލްގެ ޑެކްލަން ރައިސް އަދި ބުކަޔޯ ސަކާގެ އިތުރުން މެންޗެސްޓާ ސިޓީގެ ފިލް ފޮޑެން، ޖެކް ގްރީލިޝް، ލިވަޕޫލްގެ ޓްރެންޓް އެލެކްސެންޑާ-އާނޯލްޑްގެ އިތުރުން ސައުތުހެމްޓަންގެ އާރޮން ރެމްސްޑޭލް ހިމެނެ އެވެ.

ކޭން ބުނީ އިންގްލެންޑް ކުޅުންތެރީންނަށް އެންމެ މުހިއްމު ކަމަކަށް އަބަދުވެސް ވާނީ ގައުމީ ޖާޒީގައި ކުޅުން ކަމަށާއި، އެ ނޫން ގޮތަކަށް ދެކޭނަމަ އެ ކުޅުންތެރިންގެ ޕްރޮފެޝަނަލިޒަމާ ދޭތެރޭ ސުވާލު އުފެދޭ ކަމަށެވެ.

"އަހަންނަށް ހީވަނީ އެހެން ހުރިހާ ކަމަކަށްވުރެ ކުރިއަށް އަންނަން ޖެހޭނީ އިންގްލެންޑްހެން. އިންގްލެންޑް އަންނަން ވާނީ ކްލަބަށްވުރެ ކުރިއަށް. އިންގްލެންޑަކީ މިގައުމަށް ނިސްބަތްވާ ކުޅުންތެރިއެއްގެ ކެރިއަރުގައި އެންމެ މުހިއްމުވާން ޖެހޭނެ އެއްޗަކީ. އެ ނޫން ކަމަށްވާނަމަ، އެ ނޫން ގޮތެއް ހީވި ނަމަވެސް ކުރީގެ ކޯޗު ސައުތުގޭޓްވެސް އެ ކުޅުންތެރިންނާ ދޭތެރޭ ފިޔަވަޅުތައް އެޅި،" ކޭން ނުރުހުންވެފައި ބުންޏެވެ.

ކޭން ބުނީ ކުޅުންތެރިން ކަންތައް ކުރި ގޮތް އެއީ ލަދެއް ކަމަށާއި، ކޮންމެ ހާލަތެއް ކްލަބު ފުޓުބޯޅައިގައި އޮތަސް ގައުމީ ޓީމަށް ފުރަގަސްދީގެން ނުވާނެ ކަމަށެވެ.

އިންގްލެންޑުން މި އިންޓަނޭޝަނަލް ބްރޭކްގައި ނޭޝަންސް ލީގު ބީގައި ގްރީސްއާއި އަޔަލޭންޑާ ދެކޮޅަށް ކުޅޭ އިރު، އެޓީމުގެ އާ ކޯޗު ތޯމަސް ޓުޗެލް ޓީމާ ހަވާލުވާނީ ޖެނުއަރީން ފެށިގެންނެވެ.