މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް އެކުލަވާލައި ގެޒެޓުކޮށްފައިވާ "މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު"ގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތައް ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި 173 ރިސޯޓެއް ރަޖިސްޓަރީވެއްޖެއެވެ.

އެމްއެމްއޭ އިން މިއަދު ބުނީ ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ރާއްޖޭގައި އޮޕަރޭޓްކުރާ 174 ރިސޯޓުގެ ތެރެއިން އެންމެ ރިސޯޓެއް ފިޔަވައި، އެހެން ހުރިހާ ރިސޯޓަކުން ރަޖިސްޓަރީ ވެފައިވާ ކަމަށެވެ. ނަމަވެސް ރަޖިސްޓަރީ ނުކުރާ ރިސޯޓުގެ ނަމެއް އެމްއެމްއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ގަވާއިދަށް އަމަލުކުރަން ފެށީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އަދި އޭގެ ފަހުން ވެސް ޓީޖީއެސްޓީއަށް ރަޖިސްޓަރީވާ ފަރާތެއް ނަމަ، އެ ފަރާތްތަކަށް ވެސް ރަޖިސްޓަރީވުމަށް 30 ދުވަހުގެ މުއްދަތެއް އެމްއެމްއޭ އިން ދިނެވެ.

"މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު"ގައި ބަޔާންކޮށްފައިވާ ގޮތުން އެމްއެމްއޭ އިން ދެން ދޫކުރާނީ ޓިއަ 1 މަނީ ޗޭންޖިން ލައިސަންސް (ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް) އަދި ޓިއަ 2 މަނީ ޗޭންޖިން ލައިސަންސް (ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް) އެވެ.

ޓިއާ 1 ގެ ދަށުން ލައިސެންސް ދޭނީ ކުންފުނީގެ ގާނޫނުގެ ދަށުން ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރި ކުރުމަށް އުފައްދާފައިވާ ކުންފުނިތަކަށެވެ. ޓިއާ 1 ގެ ދަށުން ލައިސަންސް ދެނީ ފަސް އަހަރުގެ މުއްދަތަށެވެ. އެ ކުންފުނީގެ ވެރިމީހާއަކީ ދިވެއްސަކަށް ވާން ޖެހޭނެ ކަމަށާއި އެ ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ވާން ޖެހެނީ ދިވެހިންނަށް ކަމަށް ގަވާއިދުގައިވެއެވެ.

ޓިއާ 2 ގައި ހިމެނެނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ޓޫރިސްޓުން ރިސޯޓު ހިންގަން ހުއްދަ ނުވަތަ ލައިސެންސް ލިބިފައިވާ ކުންފުނިތަކަށް ކަމަށް ގަވާއިދުގައިވެއެވެ.

އެމްއެމްއޭ އިން މިދިޔަ މަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ގަވާއިދަށް އަމަލުކުރަން ފަށާ އިރު، އެމްއެމްއޭ އިން ދޫކުރާ ލައިސަންސެއް ލިބިގެން ރާއްޖޭގައި މަނީޗޭންޖިން ވިޔަފާރި ކުރާ ފަރާތްތަކުން، އެ ގަވާއިދުގެ ދަށުން ލައިސަންސަށް އެދި ހުށަހަޅާ ހުށަހެޅުމަކަށް ލައިސަންސް ދިނުމާ މެދު ވަކި ގޮތެއް ނިންމައި އަންގަންދެން، އެ ފަރާތްތަކަށް ދޫކޮށްފައިވާ ލައިސަންސްގެ ދަށުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރި ކުރިއަށްގެންދެވޭނެ ކަމަށެވެ.

ނަމަވެސް އެ ފަރާތްތަކުން އެ ގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ދެ މަސްދުވަހުގެ ތެރޭގައި، ޓިއާ 1 މަނީ ޗޭންޖިން ލައިސަންސް ނުވަތަ ޓިއާ 2 މަނީ ޗޭންޖިން ލައިސަންސަށް އެދި ހުށަހަޅާފައިނުވާ ނަމަ، އެ ފަރާތަށް ދޫކޮށްފައިވާ ލައިސަންސް، މި މުއްދަތު ހަމަވާ ތާރީހުގައި ބާތިލުވާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ. ލައިސަންސް އާ ކުރުމަށް ހުށަހަޅާނީ https://extranet.mma.gov.mv/money-changers މެދިވެރުކޮށް ލައިސަންސަށް އެދޭ ފޯމުން ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

ގަވާއިދުގެ ސަބަބުން އަލަށް ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ 50 ފަރާތަށްވުރެ އިތުރުނުވާނެ ގޮތަށް ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ. އަލަށް ލައިސަންސަށް އެދޭ ފަރާތްތައް 50 އަށްވުރެ އިތުރުވާނަމަ، ލައިސަންސް ދޭނެ ފަރާތްތައް ކަނޑައަޅާނީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

އެމްއެމްއޭ އިން ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 30 ގެ ނިޔަލަށެވެ.