އަހަރެއްހާ ދުވަސް ފަހުން ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި މިއަދު ބަންގްލަދޭޝް ބަލިކޮށްފިއެވެ.
ރާއްޖެއިން ބަޝުންދަރާ ކިންގްސް އެރީނާގައި ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.
މިހާރު ކުރިއަށްދާ ފީފާ އިންޓަނޭޝަލް ބްރޭކްގައި ރާއްޖެއިން ބަންގްލްދޭޝާ ދެކޮޅަށް، އެގައުމުގައި ދެ މެޗު ކުޅެން ވަނީ ރާވައިފައެވެ. އެއީ މިއަދުގެ މެޗުގެ އިތުރުން މިމަހުގެ 16 ވަނަ ދުވަހު ކުޅޭ މެޗެވެ. ދެ މެޗުވެސް ކުޅެން ރާވާފައިވަނީ ބަޝުންދަރާ ކިންގްސް އެރީނާގައެވެ.
މިއަދުގެ މެޗުގެ ކުރިން ރާއްޖެއިން އެންމެ ފަހުން ގައުމީ ޓީމުގެ މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ. އެއީ ވޯލްޑް ކަޕް ކޮލިފިކޭޝަން ފުރަތަމަ ބުރުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ދެ ލެގެވެ. އެ ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، ބަންގްލަދޭޝްގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗަށް ރާއްޖެއިން ނުކުތީ ލީގު ނުކުޅޭތާވެސް ގިނަ ދުވަސްތަކެއް ފަހުންނެވެ. ސްކޮޑުގައި ހިމެނުނު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިން ފިޔަވައި އެހެން އެއްވެސް ކުޅުންތެރިޔަކު މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ކުޅެފައެއް ނުވެއެވެ. މާޒިޔާ ޓީމުގައި ހިމެނޭ ކުޅުންތެރިން ދާދިފަހުން އޭއެފްސީ ޗެލެންޖް ލީގު މެޗުތައް ކުޅެފައިވެއެވެ.
މެޗު ފަށައިގެން މާ ގިނައިރެއް ނުވެ ބަންގްލަދޭޝްއިން ރާއްޖެ ކޮޅަށް ނުރައްކާ ކުރަން ފެށިއެވެ. އެގޮތުން އެމްޑީ ފައިސަލް އަހުމަދު ފަހީމްގެ ރަނގަޅު ހުރަސްތަކެއް ފެނިގެން ދިޔަ އިރު، ޝޭހް މޮރްސަލީނަށް ލިބުނު ފުރުސަތުގައިވެސް ރަނގަޅަށް ބޭނުން ހިފޭ ގޮތެއް ނުވިއެވެ.
ބަންގްލަދޭޝުން އެޓޭކިން، އަވަސް ޓެމްޕޯއެއްގައި މެޗު ފެށި ނަމަވެސް، ރާއްޖެއިން ދިޔައީ މަޑުމަޑުން މެޗު ތެރެއަށް ވަންނަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ބަންގްލަދޭޝްގެ ފަހަތަށް ޕްރެސްކޮށް، އެޓޭކަރުންގެ ބޭނުންކުރަން ރާއްޖެއިން މަސައްކަތް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ބަންގްލަދޭޝްގެ ފަހަތަށް ބާރު ބޮޑުވެ، އެޓީމުން ގިނަ ފައުލްތަކެއް ކުރަން ފެށިއެވެ.
ރާއްޖެއިން މެޗުގެ 18 ވަނަ މިނެޓުގައި ގޯލު ޖެހީ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުންނެވެ. ކަނާތްފަޅީ އޭރިއާ ބޭރުން އަރިމަތިން ލިބުނު ހުރަސް ހަމްޒާ މުހައްމަދު (ހަމްޕު) ވަރަށް ރީތިކޮށް ނަގައިދިނީ އޭރިއާ ތެރޭގައި ހުސްކޮށް އޮތް އަލީ ފާސިރު (ސެންޓޭ) އަށެވެ. ސެންޓޭ ގޯލު ތެރެއަށް ބޯޅަ ވައްދާލީ ބޮލުންނެވެ.
އެ ގޯލާއެކު ރާއްޖެއިން ކުރިއަށް ޖެހި ޕްރެސް ކުރުމުގެ ތެރޭގައި ބަންގްލަދޭޝް ކީޕަރު އަތުންވެސް ގޯސްތައް ހެދުނުތަން ފެނިގެން ދިޔައެވެ. އެހެން ނަމަވެސް އިތުރު ގޯލެއް ނުޖެހި ހާފު ނިންމާލަން ޖެހުނީ ބަންގްލަދޭޝްގެ ނުރައްކާތެރި އެޓޭކްތަކަކާވެސް އެކުގައެވެ. އެގޮތުން ސޮހޭލް ރަނާގެ ބާރު ހަމަލާއެއް ދަނޑިއަށްވެސް އަމާޒުވެފައިވެއެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް ބަންގްލަދޭޝްއިން ރާއްޖޭގެ ފަހަތަށް ނުރައްކާކޮށް ގިނަ ހުރަސްތަކެއް އޭރިއާ ތެރެއަށް ކުރަން މަސައްކަތް ކުރިއެވެ. އެ ހުރަސްތައް ދިފާއުކުރުމުގައި މުހައްމަދު އިރުފާނާއި ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) ކުރި މަސައްކަތް ފާހަގަކުރެވުނެވެ.
ދެވަނަ ހާފުގައި ރާއްޖެއިން ބޮޑަށް ނުރައްކާކުރަން ވިސްނީ ކައުންޓާގައެވެ. އޭގެ ނަތީޖާ ރަނގަޅެވެ. ދާދުއާއި ހަމްޕުއަށްވެސް ރަނގަޅު ފުރުސަތުތައް ލިބުނު ނަމަވެސް ގޯލަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. ދާދު ބޯޅައާއެކު އޭރިއާ ތެރެއަށް ވަންނަނިކޮށް، އޭރިއާ ރޮނގުމަތިން އޭނާއަށް ފައުލް ކުރުމުން ރާއްޖެއަށް ހިލޭ ޖެހުމެއް ލިބުނު އިރު، ހަމްޕުއަށް ލިބުނު ހުސް ފުރުސަތާއެކު އޭރިއާ ތެރެއަށް ވަންނަމަވެސް ފަހުވަގުތު ބަންގްލަދޭޝްގެ ރާކިބް ހުސައިން ޓެކުލްކޮށް ބޯޅަ ބޭރުކުރިއެވެ.
މެޗުގެ ފަހުކޮޅުގައި ބަންގްލަދޭޝްއިން ނުރައްކާ ބޮޑުކުރި އިރު، ބަދަލަކަށް ނުކުތް މުޖީބުއް ރަހްމާން ޖޮނީއާއި މޮރްސަލީން ފޮނުވާލި ބާރު ދެ ހަމަލާއެއް މަތަކުރީ ކީޕަރު ހުސައިން ޝަރީފެވެ. އަދި އޭގެފަހުން 84 ވަނަ މިނެޓުގައި މޮރްސަލީނަށް ލިބުނު ބޯޅައިގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ މާ ބޮޑަށްވެސް މަތިން ބޭރަށެވެ. އަދި އޭގެ ފަހުންވެސް މޮރްސަލީން ތިރިތިރިން ފޮނުވާލި ބާރު ހަމަލާ މަތަކުރީ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފެވެ.
ހުސައިން ޝަރީފް ވަނީ މެޗުގެ ފަހު ވަގުތުގައިވެސް މޮޅު ސޭވެއް ކޮށްފައެވެ. އެގޮތުން އަރިމަތިން ރަކީބް ހުސައިން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ހުސައިން ޝަރީފް މަތަކުރީ ހުޝިޔާރުކަމާއެކުގައެވެ.
ރާއްޖެއިން ފަހުވަގުތު ރަނގަޅަށް ޑިފެންސްކޮށް ބަންގްލަދޭޝް ބަލިކުރި އިރު، ދެން ކުޅޭ ދެވަނަ މެޗު އޮންނާނީ ހޮނިހިރު ދުވަހު ހަވީރު ރާއްޖެ ގަޑިން 5:00 ގައެވެ.
- ހުސައިން ޝަރީފް / ގޯލްކީޕަރު
- ސަމޫހު އަލީ (ސަމުއްޓެ)/ ކެޕްޓަން
- ހުސައިން ޝިފާއު ޔޫސުފް (ކްރޯ)
- މުހައްމަދު އިރުފާން
- އަހުމަދު އައިހަމް
- އަލީ ފާސިރު (ސެންޓޭ)
- ނާއިޒް ހަސަން (ދާދު)
- ހަމްޒާ މުހައްމަދު (ހަމްޕު)
- ހައިޝަމް ހަސަން (ބިޑި)
- އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)
- ހުސެން ނިހާން (ނިހާޓް)
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު