ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ނަގައިފިއެވެ.

މި 400 މިލިއަން ޑޮލަރަކީ މިދިޔަ މަހުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެމްއެމްއޭ އާއި އިންޑިއާގެ ރިޒާވް ބޭންކާ ދެމެދު ސޮއިކުރި 400 މިލިއަން އެމެރިކާ ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕްގެ އެގްރީމެންޓްގެ ދަށުން ނެގި ފައިސާއެކެވެ.

އެމްއެމްއޭ އިން މިއަދު ބުނީ، އެ ފައިސާގެ ތެރެއިން 120 މިލިއަން ޑޮލަރު ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓް ކޮށްފައިވާ ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން އެމްއެމްއޭގެ ރިޓާން އޮޕްޓިމައިޒްކުރުމުގެ މަގުސަދު ހާސިލުވުމުގެ އިތުރުން މާލީ ދާއިރާގެ ހަމަޖެހުމާއި ކުރިއެރުމަށް އެހީތެރިވެދީ، މުޅި އިގުތިސާދަށް އޭގެ ފައިދާ ކުރާނެ ކަމަށްވެސް ބުންޏެވެ.

ކަރެންސީ ސްވޮޕް ފެސިލިޓީ އާއެކު ރަސްމީ ރިޒާވް ވަނީ 614.6 މިލިއަން ޑޮލަރަށް އަރައިފައެވެ. އެމްއެމްއޭ އިން ނެރެފައިވާ ސްޓެޓިސްޓިކްސްގައިވާ ގޮތުން، މި އަދަދަކީ ސެޕްޓެމްބަރު މަހު ރާއްޖޭގެ ރިޒާވްގައި ހުރި 371.2 މިލިއަން ޑޮލަރަށްވުރެ 243 މިލިއަން ޑޮލަރުގެ އިތުރުވުމެކެވެ.

ރަސްމީ ރިޒާވް އިތުރުވީ ނަމަވެސް، ޔޫސަބަލް ރިޒާވްގެ އަދަދުގެ ގޮތުގައި ފެންނަނީ 31.5 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ ތިން އަހަރުގެ ތެރޭގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް ދަށަށް ދިޔަ މަހެވެ.