އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި ދައުވާ ކުރާ ހަލީމަތު ލަމްހާ، ބަންދުން ދޫކޮށްލަން މިއަދު ކުރިމިނަލް ކޯޓުން އަމުރުކުރުމުން، އެ އަމުރު އިސްތިއުނާފު ކުރުމަށް ނިންމައިފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
މޭރީ ގްރޭސްގެ މަރުގެ މައްސަލައާ ގުޅިގެން ދައުލަތުން ވަނީ ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކޮށްފައެވެ. އެއީ އެނގި ހުރެ މީހަކު މެރުގައި ބައިވެރިވުން، އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތަކާ ގުޅިގެން ކުރިމިނަލް ކޯޓުން ވަނީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. މަރުގެ މައްސަލައާ ގުޅިގެން ލަމްހާ ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނިކޮށް ލަމްހާގެ ފަރާތުން ވަނީ އޭނާ ބަންދުން ދޫކޮށްދިނުމަށް ކުރިމިނަލް ކޯޓުގައި އެދިފައެވެ. ކުރިމިނަލް ކޯޓުން ވަނީ ލަމްހާ އެދުނު ގޮތަށް ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް 2023 ނޮވެމްބަރު 23 ގައި އަމުރުކޮށްފައެވެ. ޝަރުތުކުރި ކަންކަމުގެ ތެރޭގައި ރޭގަނޑު 10:00 އިން ހެނދުނު 6:00 އާ ދެމެދު ގެއިން ބޭރުގައި އުޅުން މަނާކޮށް އަދި މާލެއިން ބޭރަށްދާ ނަމަ ކޯޓު ހުއްދަ ހޯދުން ފަދަ ބައެއް ޝަރުތުތައް ހިމެނެއެވެ. ލަމްހާ ދޫކޮށްލާފައިވަނީ، ޓެގް އެޅުވުމަށް ފަހު ނަމަވެސް ބަންދުން ދޫކޮށްދިނުމަށް އޭނާ އެދިފައިވަނިކޮށެވެ.
ލަމްހާ ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ދައުލަތުގެ ފަރާތުން ވަނީ އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފުގައި ދައުލަތުން އެދުނީ ލަމްހާ އަލުން ބަންދުކޮށްދިނުމަށެވެ. ހައި ކޯޓުން ވަނީ ދައުލަތުން އެދުނު ގޮތަށް ލަމްހާ އަލުން ބަންދު ކުރުމަށް އަމުރުކޮށްފައެވެ. ހައި ކޯޓުން އެ އަމުރު ކޮށްފައިވަނީ 2023 ޑިސެމްބަރު 20 ގަ އެވެ.
ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ލަމްހާ ބަންދުގައި ކޮށްފައި ހުއްޓާ އޭނާގެ ފަރާތުން ވަނީ މިދިޔަ މަހުގެ 29 ގައި ބަންދު މުރާޖާ ކޮށްދިނުމަށް އެދި ކުރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީއާ ގުޅިގެން ކުރިމިނަލް ކޯޓުން މިދިޔަ ބުދަ ދުވަހު ބޭއްވި ޝަރީއަތުގައި ނިންމީ ލަމްހާގެ ބަންދާއިމެދު މި ހަފުތާ ތެރެއިގައި ގޮތެއް ނިންމުމަށެވެ.
މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ ޝަރުތުތަކަކާއެކު ލަމްހާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ. ލަމްހާ ބަންދުން ދޫކޮށްލުމަށް ގާޒީ އަމުރުކުރެއްވީ ތިން މަސް ދުވަހުގެ މުއްދަތަށެވެ.
ލަމްހާ ބަންދުން ދޫކޮށްލީ އެކަމާއި ގުޅިގެން ޝަރީއަތުން ކަނޑައެޅި ޝަރުތުތަކާ އޭނާ އެއްބަސްވުމުންނެވެ. އެ ޝަރުތުތަކަކީ ގޭބަންދުގައި ހުންނަ މުއްދަތުގައި ޒަރޫރީ ކަމެއްގައި ނޫން ގެއިން ބޭރަށް ނުދިއުމަށާއި ގެއިން ބޭރަށް ދާއިރު ފުލުހުންގެ ހުއްދަ ހޯދުމަށެވެ. އަދި ވަނީ ރާއްޖެއިން ފުރައިގެން ނުދިއުމަށާއި، ގާނޫނާހިލާފު ކަމެއް ނުކުރުމަށާއި ކުރަން ނޫޅުމުގެ އިތުރުން ކޯޓަށް ހާޒިރުވާން އެންގުމުން އެ ގަޑިއަކަށް ކޯޓަށް ހާޒިރުވުމެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ ލަމްހާ ދޫކޮށްލުމަށް މިއަދު ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމައިފައިވާ ކަމަށެވެ.
"މިއަދު ހެނދުނު ވަނީ ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައި. އެޕީލް ކުރުމަށް އަޅުގަނޑުމެން ވަނީ ނިންމާފަ." ޝަފީއު ވިދާޅުވިއެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ލަމްހާގެ ވަކީލު އަހުމަދު ޔާމީން ވިދާޅުވެފައިވަނީ ޝަރީއަތް ނިމެންދެން ލަމްހާ ބަންދުގައި ބަހައްޓަން ޖެހޭ މަގުބޫލު ސަބަބެއް ނެތް ކަމަށެވެ. ޔާމީން ވިދާޅުވެފައިވަނީ މައްސަލައިގެ ހެކިބަސް ނަގަމުންދާތީ ޝަރީއަތް ވެސް ލަސްވަމުންދާ ކަމަށެވެ.
ޔާމީން ވިދާޅުވެފައިވަނީ ޝަރުތުތަކަކާ އެކު ލަމްހާ އަނެއްކާ ވެސް ބަންދުދޫކޮށްދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް ލަމްހާ ބަންދު ދޫކޮށްލުމަށް ދައުލަތުން ވަނީ ދެކޮޅު ހަދައިފައެވެ. ލަމްހާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ދެކޮޅު ހެދީ އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ. ދައުލަތުގެ އެ ވާހަކައަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ ލަމްހާ މީގެ ކުރިން ގޭބަންދުގައި ހުރިއިރުވެސް އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކާ ވެދާނެ ފަދަ އަމަލެއް ފެނިފައި ނުވާ ކަމަށެވެ.
ލަމްހާ ގޭބަންދަށް ދޫކޮށްލައިފި ނަމަ އޭނާގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ކުޑަވާނެތޯ ގާޒީ ސުވާލުކުރެއްވުމުން އަޒްލީނާ ވިދާޅުވީ ޖަލުގައި ނޫން އެހެން ތަނެއްގައި ބަންދުގައި ހުންނަ ހާލަތުގައި އެ ނުރައްކާ ކުޑަކުރެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ
ޚަބަރު
ޚަބަރު
ޚަބަރު