ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މުއައްޒަފުންނަށް ނުދެވި މަޑުޖެހިފައި ހުރި މުސާރަތައް މިހާރު ދޭން ފަށާފައިވާ ކަމަށާއި، ނުދެވި ހުރި މުސާރަތައް އަންނަ މަހު ނިޔަލަށް ނިންމާލެވޭނެ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.

ޒުހޫރު "ވަން ސްޕޯޓްސް"އަށް މިއަދު ވިދާޅުވީ އެފްއޭއެމްގައި ކުރަން ޖެހިފައި ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށާއި، އެކަމުގެ ތެރެއިން މިހާތަނަށް ކުރި މަސައްކަތްތަކުގެ ތެރެއިން ނުދެވި ހުރި މުސާރަތައް ދޭން ފަށާފައިވާ ކަމަށެވެ.

"މިހާރު ކުރަމުން މިދަނީ ވަރަށް ބުރަ މަސައްކަތެއް. އެފްއޭއެމްއަކީ ހަވާލުވިއިރު ވިއްސިވިހާލިވެފައި އޮތްތަނެއް. ޕެންޑިންގައި ބޭރުގެ ކޯޗުންނާއި ރާއްޖޭގައި ތިބި ގިނަ ސްޓާފުންގެ މުސާރަތައްވެސް އޮތީ ފުނިޖެހިފައި. އެ މުސާރަތައް ދެވޭވަރު މިހާރު މިވަނީ ވެފަ. އެއީ ފީފާއާއި އޭއެފްސީގެ އެހީތެރިކަމާވެސް އެކުގައި. އެކަން މިހާރު ފަށައިގެން އިރާދަކުރެއްވިއްޔާ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ،" ޒުހޫރު ވިދާޅުވިއެވެ.

އެފްއޭއެމްގެ މާލީ ހާލަތު ގޯސްވެ، އެތައް ތަނަކަށް ފައިސާ ދައްކަން ކޯޓުންވެސް ހުކުމް ކޮށްފައިވާ އިރު، އެފްއޭއެމްގެ މަސައްކަތްތަކަށް މިވަގުތު އިދާރާގެ ބޭނުންވެސް ކުރެވޭކަށް ނެތެވެ. ނޯމަލައިޒޭޝަން ކޮމެޓީގެ މަސައްކަތްތައްވެސް މިވަގުތު ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި ހެދުނު ވަގުތީ އޮފީހެއްގައި ކުރަމުން އަންނަ އިރު، ޒުހޫރު ވިދާޅުވީ އިދާރާ މަރާމާތުކުރުމާއި، ވީރާނާ ވެފައިވާ ދަނޑުތައް މަރާމާތުކުރުމަށްވެސް ސަމާލުކަން ދެއްވާނެ ކަމަށެވެ.

އެފްއޭއެމްއިން މިވަގުތު ސަރުކާރާ ވާހަކަދައްކައިގެންވެސް ފައިސާ ވެއްދޭނެ އިތުރު ގޮތްތައް ހޯދަން މަޝްވަރާ ފަށާފައިވީ ނަމަވެސް އަދި އެކަމުން އެކަށީގެންވާ ނަތީޖާއެއް ނުކުތްތަނެއް ނުފެނެއެވެ.

އެފްއޭއެމްއަށް ހުޅުމާލެއިން ފުޓުބޯޅަ ސްކޫލް އެޅުމަށް ދީފައިވާ ބިންވެސް އަތުލުމަށް އެޗްޑީސީން އެދިފައިވާ އިރު، އެ ބިން ނަގައިފިނަމަ އެކަމުގެ ގެއްލުން މުޅި ފުޓުބޯޅައަށް ކުރާނެ ކަމަށް ޒުހޫރު ފާހަގަކުރެއްވިއެވެ. އަދި ނޯމަލައިޒޭޝަން މި ހާލަތުގައި އެކަހަލަ ކަންކަން ވީ އެންމެ ރަނގަޅަށް ހައްލުކުރަން ބޭނުންވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.