ރާއްޖޭގެ އެންމެ ތާރީހީ އަދި އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އިންތިހާބީ ޖަލްސާ މިމަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ނިއުގެ ކޮންގްރެސް ބާއްވަން ނިންމާފައިވާކަން އެ ކްލަބުގެ ފަރާތުން "ވަން ސްޕޯޓްސް"އަށް ވަނީ ޔަގީންވެފައެވެ. ނިއުއިން މިވަގުތު އިންތިހާބަކަށް ތައްޔާރުވަމުން އަންނައިރު، އެ ކްލަބުގެ ޗެއާމަންގެ މަގާމު ވަނީ ހުސްވެފައެވެ. އެއީ އެ މަގާމަށް ކުރިން އިންތިހާބުކުރި އަހުމަދު ވާސިފް އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

ނިއުއިން އާ ބޯޑެއް އެކުލަވާލަން މިވަގުތު މަސައްކަތް ކުރަމުން ގެންދާ އިރު، ޗެއާމަންގެ މަގާމަށް ޔަގީނުންވެސް ކުރިމަލައްވާނެކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވަނީ ވިދާޅުވެފައެވެ. ނިއުގެ ޗެއާމަން ކަމަށް ޓީމަކާއެކު، ޕްލޭނަކާއެކު ކުރިމަތިލައްވާނެކަން މުބީން ވަނީ "ވަން ސްޕޯޓްސް"އަށް ޔަގީންވެސް ކޮށްދެއްވާފައެވެ.

"ވަން ސްޕޯޓްސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުބީންގެ ޓީމުގައި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް (ކައްޕި)ވެސް ހިމެނިވަޑައިގަންނަވައެވެ.

ދަރަނީގެ މައްސަލަތަކެއްގެ ސަބަބުން ނިއުއަށް އެފްއޭއެމް އަދި ފީފާއިން އެޅި ފިޔަވަޅުތަކާއެކު އެ ކްލަބަށް ބޮޑެތި ދަތިތަކެއް ދިމާވެ، ދަށް ޑިވިޝަނަށް ސޮއްސާލައިގެން ގޮސް، މިވަގުތު އޮތީ ދެވަނަ ޑިވިޝަނުގައެވެ.

ނިއުއަށް ސަސްޕެންޝަން އައީ ކުޅުންތެރީންގެ މުސާރަ ނުދެވި ފީފާއަށް މައްސަލަތައްވެސް ވަނުމުންނެވެ. އެހެން ނަމަވެސް ނިއުގެ ސަސްޕެންޝަނުގެ ފަހަތުގައި ކުރީގެ އެފްއޭއެމް ރައީސް ބައްސާމް އަދީލް ޖަލީލް ހުންނެވި ކަމަށް އެ ޓީމުގެ ސަޕޯޓަރުން ތުހުމަތުކުރެއެވެ. އެއީ ނިއުއަކީ ބައްސާމާ ދެކޮޅަށް ނުކުންނަން މަސައްކަތް ކުރި ކްލަބަކަށްވާތީއެވެ.

ނިއުއިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް އެނބުރި ދާން ކުރަމުން އަންނަ މަސައްކަތުގައި މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގައި ވާދަކޮށް ފައިނަލަށް ނުދެވުނީ ސެމީގައި ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން ބަލިވެގެންނެވެ.