ރޭ ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ޑެކްލަން ރައިސްއާއި ބުކަޔޯ ސަކާއަށް ލިބުނު އަނިޔާ އެހާ ރަނގަޅު ނޫން ކަމަށާއި އިތުރަށް އެއްޗެއް ބުނަން އެނގޭނީ ސްކޭންތަކަށް ފަހުގައި ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

އާސެނަލް އާއި ޗެލްސީން ރޭ ކުޅުނު މެޗުގައި އެއްވަރުވީ 1-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ 71 ވަނަ މިނެޓުގައި ރައިސް ބާލާފައިވާ އިރު، އޭގެ 10 މިނެޓް ފަހުން ސަކާގެ ފަލަމަސްގަނޑަށް އަނިޔާވެ ބާލަން ޖެހުނެވެ. ރައިސް ރޭގެ މެޗަށް ނުކުތްއިރުވެސް ހުރީ އަނިޔާގައެވެ. އެއީ އޭނާގެ ފައިގެ ބޮޑުވައި އިނގިލި ބިންދައިގެން ގޮސް ލިބިފައިވާ އަނިޔާއެކެވެ.

"ރަނގަޅަކަށް ނޫން ފެންނަނީ ދެ ކުޅުންތެރިންގެ އަނިޔާވެސް. އެ ވަރުގެ މުހިންމު ދެ ކުޅުންތެރިންވެސް މުހިންމު މެޗެއްގައި އަމިއްލައަށް ފައިބަން ނިންމާނީ ވަރަށް ބޮޑަށް އަނިޔާވުމުން. އެހެންވީމަ އެއީ އެންމެ ރަނގަޅު ހާލަތެއް ނޫން. އެއީ ކަންބޮޑުވުމެއް،" އާޓެޓާ ރޭގެ މެޗަށްފަހު ބުންޏެވެ.

މި ސީޒަނުގައި މިހާތަނަށް އާސެނަލަށް އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައިވެއެވެ. އެގޮތުން އެ ޓީމުގެ ސަކާއަށް މީގެ ކުރިންވެސް އަނިޔާވެ ދެ މެޗެއް ގެއްލިފައިވާ އިރު، މާޓެން އޮޑެގާޑަށް އަނިޔާވެގެންވެސް ގިނަ މެޗުތަކެއް ގެއްލިފައިވެއެވެ.

ކުރިއަށް އޮތީ އިންޓަނޭޝަނަލް ބްރޭކް ކަމަށްވާއިރު، އާޓެޓާ ބުނީ އެ ދެ ކުޅުންތެރިންވެސް ގައުމީ ޓީމާ ގުޅޭނެކަން ޔަގީންކޮށް ބުނަން ނޭނގޭ ކަމަށެވެ.