އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ބްރައިޓަން އަތުންވެސް ބަލިވެއްޖެއެވެ.
ސިޓީން ރޭ ރަށުން ބޭރުގައި ބްރައިޓަން ކައިރިން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ސިޓީން 2006 ވަނަ އަހަރު ފަހުން ޖެހިޖެހިގެން ހަތަރު މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި ގާޑިއޯލާގެ ކެރިއަރުގައިވެސް އޭނާ ހަވާލުހުރި ޓީމެއް މީގެ ކުރިން ޖެހިޖެހިގެން ހަތަރު ބައްޔާ ކުރިމަތިލާން ޖެހިފައި ވަނީ އެންމެ ފަހަރަކުއެވެ.
އެއީ 2014-15 ވަނަ އަހަރު ސީޒަނުގައި ބަޔާން މިއުނިކާއެކުގައެވެ. އެފަހަރު އެއް މެޗަކީ ޕެނަލްޓީން ބަލިވި މެޗެކެވެ.
ސިޓީން އެންމެފަހުން ލީގުގައި ކުޅުނު ދެމެޗާއި ޗެމްޕިއަންސް ލީގުގައި ކުޅުުނު މެޗު އަދި ލީގު ކަޕްގައި ކުޅުނު މެޗުންވެސް ވަނީ ބަލިވެފައެވެ.
އެޓީމުން މިދިޔަ ހަތަރު ސީޒަނުގައިވެސް ލީގު ކާމިޔާބުކޮށް، އިނގިރޭސި ފުޓުބޯޅައިގެ ރަސްކަން ކުރަމުންދާ އިރު، ރޭގެ ބައްޔާއެކު އެޓީމަށް ވަނީ ތާވަލުގައިވެސް ހާސްކަމާ ކުރިމަތިވެފައެވެ. އެއީ 11 މެޗުން 23 ޕޮއިންޓާއެކު ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް ލިވަޕޫލާ ފަސް ޕޮއިންޓް ފަހަތުގައި ކަމަށްވާތީއެވެ. ލިވަޕޫލަށް ވަނީ 11 މެޗުން 28 ޕޮއިންޓް ލިބިފައެވެ.
އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައިވާ ސިޓީން ރޭގެ މެޗުގެ ކުރީކޮޅުގައި ރަނގަޅަށް ކުޅެ، 23 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެހެން ނަމަވެސް އެޓީމަށް ފުރަތަމަ ހާފުގައި އިތުރަށް ލިބުނު ހަމަލާތައް ބޭކާރުވެ، ދެވަނަ ގޯލެއް ޖެހޭނެ ގޮތެއް ނުވިއެވެ.
ސިޓީ ލީޑުގައި އޮވެ ދެވަނަ ހާފަށް ނުކުތް އިރު، ދެވަނަ ހާފަށް ބްރައިޓަން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. ސިޓީގެ ފަހަތަށް ނުރައްކާ ކުރަމުން ގޮސް، 78 ވަނަ މިނެޓުގައި ލީޑު ނެގީ ޖާއޯ ޕެޑްރީ ޖެހި ގޯލުންނެވެ. އޭގެ ކުރިން އެޑަސަން ވަނީ އޭނާގެ ހަމަލާއެއް މަތަކޮށްފައެވެ.
ބްރައިޓަންގެ ފުރަތަމަ ގޯލަށް މާ ގިނައިރެއް ނުވެ، ދެވަނަ ގޯލެއް ޖަހައި މެޗު އަނބުރާލިއެވެ. ސިޓީގފެ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި، އެ ގޯލު ކާމިޔާބު ކޮށްދިނީ މެޓް އޮރައިލީއެވެ.
އޭގެފަހުންވެސް ބޮޑަށް ނުރައްކާ ކުރީ ބްރައިޓަންއިންނެވެ. އެހެން ނަމަވެސް މެޗު ނިމިގެން ދިޔައީ އިތުރު ގޯލެއް ނުފެނި، ސިޓީ މާޔޫސްކޮށްލައިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު