ސްޕެނިޝް ލީގުގައި މިރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި އޮސަސޫނާގެ މައްޗަށް ކުރި ހޯދައިފިއެވެ.

ރެއާލުން އަމިއްލަ ދަނޑުގައި މިރޭ އޮސަސޫނާ ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެލް ކްލެސިކޯ އާއި ޗެމްޕިއަންސް ލީގުގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެ، ރެއާލުން ހާސްކަމެއްގައި މިރޭގެ މެޗަށް ނުކުތް އިރު، ތާވަލުގެ އެއްވަނައަށް ވާދަކުރަން ތިން ޕޮއިންޓް ވެސް އޮތީ މުހިއްމުވެފައެވެ. އެއީ ބާސެލޯނާއިން ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނާތީއެވެ.

މިވަގުތު ލަ ލީގާގެ އެއްވަނައިގައި ބާސާ އޮތީ 12 މެޗުން 33 ޕޮއިންޓާއެކުގައެވެ. ހަމަ އެ އަދަދަށް މެޗު ކުޅެ، ރެއާލަށް ހޯދިފައި ވަނީ 27 ޕޮއިންޓެވެ. ތިންވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ 12 މެޗުން 23 ޕޮއިންޓާއެކުގައެވެ.

މިރޭ މެޗުގައި ރެއާލް ހޯދި ތަފާތު ބޮޑު މޮޅަށް ކުރިމަތިވި ހަމައެކަނި ހާސްކަމަކީ އެޓީމުގެ އިތުބާރު ބްރެޒިލް ޑިފެންޑަރު އެޑާ މިލިޓާއޯއަށް ކުރިމަތިވި ބޮޑު އަނިޔާއެވެ. މިދިޔަ ސީޒަނުގެ ބޮޑުބައެއްގައި ވެސް އަނިޔާގައި ހުރި މިލިޓާއޯގެ ކަނާތު ކަކުލަށް މިރޭ ލިބުނު އަނިޔާގެ ސަބަބުން އޭނާ ބަދަލުކުރަން ޖެހުނު އިރު، އިޝާރާތުން ފެނުނު ގޮތުގައި އެއީ ބޮޑު އަނިޔާއެކެވެ.

ރެއާލްގެ ސެންޓަ ބެކް މިލިޓާއޯގެ ބަދަލަށް މެޗަށް ނުކުތީ އުމުރުން 21 އަހަރުގެ ރައުލް އަސެންސިއޯއެވެ. މިރޭގެ މެޗަކީ އޭނާގެ ފުރަތަމަ މެޗެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ވިނީޝިއަސް ރެއާލަށް ލީޑު ނަގައިދިނީ އަރިމަތިން ބޯޅަ ހިފައިގެން ވަދެ، އެތެރެއަށް ނައްޓާލުމަށްފަހު ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލި ބޯޅައިންނެވެ.

ހާފު ނިމުމުގެ ކުރިން ރެއާލް ދެވަނަ ގޯލެއް ޖެހިއެވެ. އެއީ ބަދަލަކަށް ނުކުތް ސެންޓަ ބެކް އަސެންސިއޯ މަތިން ދުއްވާލި ބޯޅައެއްގެ ބޭނުން ހިފައިގެން ޖޫޑް ބެލިންހަމް ޖެހި ގޯލެކެވެ. އެއީ ބެލިންހަމް މި ސީޒަނުގައި ޖެހި ފުރަތަމަ ގޯލެވެ.

ދެވަނަ ހާފަށް ނުކުމެ ވިނީޝިއަސް އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އިރު، ދެވަނަ ގޯލު ޖެހީ އަންދްރީ ލުނިންގެ ބޯޅައަކުން އޮސަސޫނާ ކީޕަރު ވެސް ނައްޓާލައިފައެވެ. ވިނީޝިއަސް ހެޓްރިކް ފުރިހަމަ ކުރީ 69 ވަނަ މިނެޓުގައި ބްރަހީމް ޑިއާޒް ދިން ބޯޅައަކުންނެވެ.

ރެއާލްގެ އަނިޔާގެ މައްސަލަތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެޓީމުގެ ރޮޑްރީގޯއަށް ވެސް މިރޭގެ މެޗުގައި އަނިޔާވެ ބާލަން ޖެހިފައިވެއެވެ.